ހަބަރު

މަގުތައް ބޭނުން ކުރުމުގައި ބަދަލުތަކެއް

އެމެރިކާގެ ސެެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މިއަދު މެންދުރު 12:30 ން ފެށިގެން 6:00 އަށް ބައެއް މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ، އެއާޕޯޓަށް ދާން އޮންނަ މަަގާއި ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް އަދި ގްރީން ޒޯން ބަންދު ވާނެ ކަމަށެވެ. އަދި، އަދި ސިނަމާލެ ބްރިޖުން ވީއައިޕީ ދަތުރުކުރައްވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ބްރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އެމްއޭސީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއާޕޯޓުގެ އެއްގަމު އުޅަނދު ދުއްވާ ފަޅި މިއަދު 1:00 އިން 3:00 އަށް ބަންދުވާނެ ކަމަށެވެ. އަދި، ހަވީރު 4:00 އިން 5:00 އަށް ވީއައިޕީ ލޯންޖު އޭރިއާ ވެސް ބަންދު ކުރާނެ ކަމަށެވެ.

އަދި ބުނީ، މި ވަގުތުތަކުގައި ފުރާ މީހުން އެކެއް ޖެހުމުގެ ކުރިން ޗެކް އިން ވުމަށް އެދޭ ކަމަށެވެ. އެއާޕޯޓުގެ މަގުތައް ބަންދު ކުރި ނަމަވެސް، ބަހާއި ފެރީގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް ކުރިއަށްގެންދާނެ ކަމަށްވެސް ބުންޏެވެ.

މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.