ހަބަރު

އެކި ވަގުތުތަކަށް ބްރިޖާއި ބައެއް މަގުތައް މިއަދުވެސް ބަންދު

ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ހާއްސަ ފަރިތަކުރުން ތަކަކަށް، ސިނަމާލެ ބްރިޖާއި ބައެއް މަގުތައް މިއަދުވެސް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ، އިރުއޮއްސި ހައަކާ ހަމައަށް ތަމްރީނުތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެކި ވަގުތުތަކުގައި އެއާޕޯޓަށް ދާން އޮންނަ މަަގާއި ބްރިޖާއި ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް އަދި ގްރީން ޒޯން ބަންދު ވާނެ ކަމަށެވެ.

އެހެން ކަމުން، އެ މަގުތައް ބޭނުން ކުރާ ފަރާތްތައް، ހާއްސަކޮށް ބްރިޖުން ދަތުރު ކުރާ ފަރާތްތައް އެކަމަށް ސަމާލުވެ ދަތުރުތައް ކުރިއާލާ ރާވައިގެން ކުރިއަށްގެންދިޔުމަށް ވަނީ އެދިފަ އެވެ. ފުލުހުން ހިއްސާ ކުރި ފޮޓޯގައި ރަތާއި ރީނދުލުން ފާހަގަކޮށްފައިވާ ސަރަހައްދުތައް ބަންދުވާނެ އެވެ.

ފަރިތަކުރުންތަކާ ގުޅިގެން ފުލުހުން ވަނީ އިއްޔެވެސް، މި މަގުތައް ބަންދުކޮށްފަ އެވެ.

މި ފަރިތަކުރުންތަކަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެތީ ކުރިއަށްގެން ދާ ފަރިތަކުރުންތަކެކެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.