މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތަކަށް މަގު ބަންދު ކުރަން ޖެހޭތީ އެކަމަށް އެންމެ ރަނގަޅު ވަގުތެއް ބެލުމަށް މާލޭގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަމަށް ހާއްސަ ޕޯލެއް ހުޅުވާލާފަ އެވެ. މިހާތަނަށް މި ޕޯލަށް 1753 މީހުން ވޯޓް ދީފައިވެ އެވެ. ޕޯލްގައި ވަނީ ހަތަރު ގޮތަކަށް ވޯޓަށް އަހާފަ އެވެ.
ހިޔާލަށް ހުށަހަޅާފައިވާ ހަތަރު ގޮތް
- ރޭގަނޑު 11:00 އިން ހެނދުނު 7:00 އަށް،
- ހެނދުނު 6:00 އިން މެންދުރުފަހު 2:00 އަށް،
- މެންދުރު 12:00 އިން ރެގަނޑު 8:00 އަށް،
- ކޮންމެ ވަގުތެއް ވެސް އެންމެ ރަނގަޅު
މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ވެސް މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރުމަށް މަގު ބަންދު ކުރަން ހާއްސަ ވަގުތު ތަކެއް ކަނޑައެެޅި އެވެ. އެކަމަކު ސަރުކާރު ބަދަލުވީ ފަހުން އެ އުސޫލު ބަދަލުކޮށް، މަގު ބަންދު ކުރަން ވަކި ވަގުތެއް ހާއްސަ ކޮށްފައެއް ނުވެ އެވެ.
މޭޔަރު ހޮވުމަށް ބޭއްވި އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ވަނީ އޭނާގެ މޭޔަރު ކަމުގައި މާލޭގެ ކަންކަން ކުރައްވާނީ މާލޭގެ ރައްޔިތުންނާއި މިސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
މުއިއްޒުގެ ޓްވީޓަށް ކޮމެންޓް ކުރި މީހުންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ. ހެނދުނުގެ ވަގުތުގައި މަގުބަންދު ކުރަން އެއް ބަޔަކު ހިޔާލު ދީފައިވާއިރު ބައެއް މީހުން ވަނީ ރޭގަނޑު އެކަނި މަގު ބަންދު ކުރަން ވެސް ހިޔާލު ދީފަ އެވެ. އަދި އެއް ބަޔަކު ވަނީ މިކަމުގައި އާންމުންގެ ހިޔާލު ހޯއްދެވީތީ އެއީ ރަނގަޅު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ.
މީގެއިތުރުން ބައެއް މީހުން ވަނީ މިކަން ތަންފީޒު ކުރުމުގެ ކުރިން ކަމާ ގުޅޭ އިދާރާތަކާއި، އިމާރާތްކުރުމުގެ މަސައްކަތް ކުރާ ކުންފުނިތަކުގެ އިތުރުން މާލޭގެ ރައްޔިތުންނާ ވަކިން ބައްދަލު ކުރައްވާ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ވެސް ހުށަހަޅުއްވާފަ އެވެ.