ޑރ. މުހައްމަދު މުއިއްޒު

ޝިފާއަށް މުއިއްޒު ރައްދު ދެއްވައިފި

ކުރީ ސަރުކާރުގެ ދުވަސްވަރު ތަރައްގީކުރި ސުނާމީ ބިނާ މައިޒާން މި އަހަރުތެރޭ ފަސް ފަހަރު މަރާމާތު ކޮށްފައިވާ ކަަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވުމުން އެ ވާހަކަތަކަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާލޭގައި 11 ޕާކެއް ތަރައްގީ ކުރިއެވެ. އަދި ސުނާމީ ބިނާ ތިން ރުއްޕާކު ސަރަހައްދަށް ބަދަލުކޮށް އެ ސަރަހައްދުވެސް ތަރައްގީ ކުރިއެވެ. ހިތްފަސޭހަ މާހައުލެއްގައި ގޮތުގައި އެ ތަންތަން ތަރައްގީ ކުރި ނަމަވެސް މިހާރު ގިނަ ޕާކްތައް ވަނީ ހަލާކުވެފައެވެ. އަދި ސުނާމީ ބިނާ ސަރަަހައްދު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ސުނާމީ ބިނާ މައިޒާން މިހާރު ފެންނަން ހުރި ގޮތް ދައްކައިދޭ ވީޑިއޯއަކާއެކު މީހަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބު ދެއްވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސުނާމީ ބިނާ މައިޒާން މި އަހަރުވެސް ފަސް ފަހަރު މަރާމާތުކޮށްފައިވާ ކަމަށެވެ.

ޝިފާގެ ވާހަކަތަކަށް ރައްދު ދެއްވާ ސުނާމީ ބިނާ ތަރައްގީކުރި ދުވަސްވަރު އެ މަސައްކަތުގައި އިސްކޮށް ހުންނެވި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޝިފާ ވިދާޅުވާ މަރާމާތު ކުރި މަންޒަރު ފެނުނު މީހެއް މާލޭގައި ހުންނާނެހެން ހީނުވާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ސުނާމީ ބިނާ މައިޒާންވެސް އަދި އެ ސަރުކާރުން ތަރައްގީ ކުރި 11 ޕާކްވެސް ކޮންމެ ދުވަހަކު ކުނިހާ ސާފުތާހިރުކޮށް ބެލެހެއްޓި ކަމަށެވެ.

"މިހާރު މި ފެންނަ އިހުމާލުގެ މަންޒަރު އޭރު ނުފެންނާނެ،" މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.