މާލޭގެ މޭޔަރުކަަމަށް އިންތިހާބުވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އަލަށް އިންތިހާބްވި މާލޭ ސިޓީގެ ކައުންސިލަރުންނަށް އެ ސިޓީ ކައުންސިލްއިން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
މިއަދު ހެނދުނު މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި އިންތިގާލީ ކޮމިޓީގެ ޗެއާޕާސަން އަދި މާލޭ ސިޓިގެ މޭޔަރު ޝިފާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލުން ނިމިގެން މިދިޔަ ދައުރުގައި ކުރި މަސައްކަތްތަކާ އަދި މިހާރު ކުރަމުންދާ އަދި އަލަށް ފަށަން ތައްޔާރުވެފައިވާ މަސައްކަތްތަކުގެ މައުލޫމާތު އިންތިހާބީ ކައުންސިލަރުންނާ ވަނީ ހިއްސާކޮށްފަ އެވެ.
އެގޮތުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓާްި ބުޅަލުގެ އުނދަގުލުން މާލޭ ސީޓިގެ ރައްޔިތުން ސަލާމަތް ކުރުމަށް ފަށަން ތައްޔާރުވަމުންދާ މަސައްކަތްތަކާއި ވީކެންޑް މާކެޓާއި ކުނީގެ މައްސަލައަސް ހައްލެއް ގެނައުމަށް ރާވާފައިވާ މަަސައްކަތްތަކާއި މާލޭގެ ޕާކިން އަށް ހައްލެއް ގެނެސް ބަސްދަތުރު ފުޅާކުރުމަށް ރޭވިފައިވާ މަސައްކަތް ހިމެނެެއެވެ.
މިއަދުގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ ނިމިގެން މިދިޔަ ދައުރުގައި ގޮން ޖެހުންތަކާ ކުރިމަތިވި ކަމަށާއި ނަމަވެސް ޖުމްލަކޮށް ސިޓީ ކައުންސިލްގެ މަސައްކަތްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. މިހާރު މާލޭގެ ބިންތައް އަމާނާތްތެރި ކަމާއެކު ނަގުލުކުރެވޭ ގޮތަށް އޮތުން ފާހަގަ ކުރައްވައި ޝިފާ ވިދާޅުވީ މިިދިޔަ ދައުރުގައި އެއްވެސް ފަރާތަކަށް ބިން ދޫކުރުމުގެ ބަދަލުގައި ބިންތަކުގެ އޮޅުން ބޮޅުން ފިލުވާފައިވާ ކަމަށެވެ.
ޝިފާ ވިދާޅުވީ މިހާރުވެސް ވަރަށް ގިނަ ބިމުގެ މައުލޫމާތު ސާފުކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް އިންތިހާބީ ކައުންސިލަރުންނަށް ފޯރުކޮށް ދެއްވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ ރައްޔިތުންނާ ގާތުން ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތްތަކެއް ގާއިމު ކުރައްވާނެ ކަަމަށް ވިދާޅުވިއެވެ. އަދި މާލޭ ސިޓީ ކައުންސިލް އިން އިންތިގާލީ ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާތީ ޝުކުރު އަދާ ކުރެއްވި އެވެ.