ޑރ. މުހައްމަދު މުއިއްޒު

ފާޑުކިޔަން ފަސޭހަވާނެ: ހޮޅިތަކުގެ މައްސަލަ ހައްލުނުވާތީ މުއިއްޒުގެ ރައްދެއް

Jul 22, 2019
7

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތަށް މަގުމަތީގައި އަޅާ ޑި ވޯޓާ ހޮޅި ހޮޅިތަކުގެ މައްސަލަ ހައްލު ނުވެ އިތުރަށް ގޯސްވަމުން ދާކަމަށް ވިދާޅުވެ، ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ހޮޅިތަކުގެ މައްސަލާގައި ކުރީގެ ސަރުކާރަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ނަމަވެސް، މި ސަރުކާރުގައި ވެސް އެ މައްސަލައަށް ހައްލެއް އަދި ލިބިފައި ނުވާއިރު، މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމެއް ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އެނގޭނީ އެކަމަކާ ހަވާލުވުމުން ކަމަށެވެ.

"އޮޕީނިއަން މޭކް ކުރުމަކީ ވަރަށް ފަސޭހަ ކަމެއް!" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި ޑީވޯޓަރިންއަށް އެކަށީގެންވާ ހައްލެއް ލިބޭނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް އެކައްޗެއް ކިޔައިގެން ކަމަށެވެ.

ކުރީގެ ވަޒީރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓް

ހޮޅިތައް ގިނަވަމުން ދަނީ އާންމުންނަށް އުނދަގޫވާ މިންވަރަށް ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ޑީވޯޓާ ނިޒާމެއް އެމްޑަބްލިއުއެސްސީއާ ގުޅިގެން ގާއިމު ކުރުމުގެ މަސައްކަތް ފަށަން ކުރީން ނިންމާފައި އޮތް ކަމަށެވެ.

ޑީވޯޓަރިން ހޮޅިތައް ގިނަވެ އާންމުންނަށް އުނދަގޫވަމުން ދާތީ އެކަމަށް ހައްލެއް ހޯދަން ޑީވޯޓާ ނިޒާމެއް އެމްޑަބްލިއުއެސްސީއާ ގުޅިގެން ގާއިމްކުރަން މިދިޔަ ސަރުކާރުން ނިންމައި އެކަން އިއުލާނު ކުރި އެވެ. ނަމަވެސް، އެފަދަ ނިޒާމެއްގެ މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މާލޭގެ މަގުތަކާއި ދުވާރުތައް މަތިން ހޮޅި އަޅާފައި އޮތުމަކީ އާންމުން ކުރާ ޝަކުވާއެކެވެ.