މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލެ ރައްޔިތުންނަށް ދާއީމީ ބޯހިޔާވަހިކަން ހޯދާދިނުމަށް މަސައްކަތް ކުރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގުޅިފަޅާއި ފުށި ދިއްގަރު ފަޅަކީ މާލެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭން ހާއްސަ މަންޒިލަކަށް ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މާލޭ މޭޔަރު ކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާން ޖެހޭނީ މާލެ ރައްޔިތުންނަށް ދާއީމީ ބޯހިޔާވަހިކަން ހޯދާދިނުމަށް މަސައްކަތް ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މޭޔަރުގެ އެންމެ އިސް މަސްއޫލިއްޔަކަށްވާން ޖެހޭނީ އެކަން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށް ނިންމާފައިވާ ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަދަލުކޮށް ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށް ނިންމުމުން އެކަމާ އެންމެ ބޮޑަށް ދެކޮޅު ހައްދަވާ ވާހަކަ ދައްކަވަނީ މުއިއްޒު އެވެ.
މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ޕޯޓް ހެދުން އަދިވެސް ހުއްޓާލެވޭނެ ކަމަށެވެ. މާލެ ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތް ގޮތަށް ޕޯޓް ތިލަފުށްޓައް ބަދަލުކޮށް ގުޅިފަޅަކީ ބޯހިޔާވަހި ކަމަަށް ހާއްސަ ތަނަަކަށް ހެދުމަށް މުއިއްޒު ވަނީ އާދޭހާއެކު ގޮވާލައްވާފައެވެ.
"އަދި ހުޅުމާލެ ފޭސް ދޭ ގެ ބިން މުއްސަދި މަދު ބަޔަކަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ލިބޭނެ ގޮތް ހެއްދުވުމަށް ގޮވާލަން. މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ނުޖަހާ،" މުއިއްްޒު ވިދާޅުވިއެވެ.