ހަބަރު

ނަޝީދަށް މަރުހަބާ ދެންނެވުމުގެ ފޯރި ފަށާނީ ކަނޑުމަތިން!

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ ހަރަކާތަކީ މިހާތަނަށް ރާއްޖެއިން މީހަކަށް މަރުހަބާ ކިޔުމަށް ބާއްވާ އެންމެ ކުލަގަދަ ބޮޑު ހަރަކާތް ކަމަށާއި އެމަނިކުފާނަށް މަރުހަބާ ދެންނެވުން ފެށޭނީ ހުޅުލެ ސަރަހައްދުން ކަނޑުމަގުން ކަމަށް އެމްޑީޕީއިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ، އިންތި ވިދާޅުވީ، ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ފަރާތުންނާއި އެމަނިކުފާނަށް ސަޕޯޓްކުރާ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ވަރަށް ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރުވަމުން ގެންދާ ކަމަށެވެ. ވަރަށް ކުލަ ގަދަ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް އިންތި ވިދާޅުވި އެވެ.

"މިއީ ރާއްޖޭގައި އަދި މާލޭގައި ދިވެހި ރާއްޖޭގެ ރައްޔިތަކަށް އަދި އެނޫންވެސް މީހަކަށް މަރުހަބާ ދެންނެވޭނެ އެންމެ މަތިވެރި ގޮތަކަށް ނޫނިއްޔާ އެންމެ ކުލަގަދަ އެންމެ އުފާވެރި ގޮތަކަށް މަރުހަބާ ދެންނެވޭނެ ދުވަހަށް ވެގެންދާނެ ކަމަށް ގަބޫލު ކުރަނީ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، އެކަންކަން އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ގައުމުގެ ކަމާބެހޭ ފަރާތްތަކަށާއި ފުލުހުންގެ އެކި އެކި އިދާރާތަކާއި ރަސްމީ ހައިސިއްޔަތަކުން ބައްދަލު ކުރައްވާފައިވާނެ ކަމަށެވެ. އަދި އެފަރާތްތަކާ ގުޅިގެން ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި މިކަމުގައި އެމްއެންޑީއެފްގެ ފަރާތުން ވެސް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ރައީސް ނަޝީދަކީ ކުރީގެ ރައީސެއް ކަމުން ސެކިއުރިޓީ ފޯރުކޮށްދޭނެ ކަމަށާއި އަދި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން ސެކިއުރިޓީ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށްވެސް އިންތި ވިދާޅުވި އެވެ.

"ރައީސް ނަޝީދު ވަޑައިގަންނަވާނީ ހުޅުލެ އިންޓަނޭޝަނަލް އެއާޕޯޓަށް، އޭގެ ފަހުގައި ކަނޑުމަގުން މާލެ އަރާ ވަޑައިގަންނަވާނެ، ކަނޑުމަގުގެ ހަރަކާތްތައްވެސް ވަރަށް ފޯރިގަދަ ވަރަށް ކުލަގަދަ ގޮތެއްގައި ކުރިއަށްދާނެ،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ، ނަޝީދަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް މާލެއިން ފަށާނީ ޗާންދަނީމަގުގެ ރީފްސައިޑް ހިސާބުން ކަމަށާއި އެހާ ހިސާބުން ފެށިގެން މަޖީދީމަގުން، އެމްޑީޕީ ހަރުގެއާ ހަމައަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހަރަކާތްތައް ކުރިއަށްދާއިރު، ނަޝީދުގެ ވަރަށް ހާއްސަ ސްޕީޗެއްވެސް ކުރިއަށްދާނެ ކަމަށް އިންތި ވިދާޅުވި އެވެ.

"ރީފްސައިޑުން ފެށިގެން މަޖީދީމަގުން އެމްޑީޕީ ހަރުގެއާ ހަމައަށްދާއިރުގައި، އަޅުގަނޑުމެން އެމްޑީޕީގެ އެކިއެކި ދާއިރާތައް، 85 ދާއިރާއެއް ތަމްސީލް ކުރެވޭނޭ ގޮތަށް ކުލަގަދަ ގޮތަކަށް އެކިއެކި ބެނާ ހިފައިގެން ތިބެވޭނެ،" އިންތި ވިދާޅުވި އެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާއިރު އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގެ ތެރޭގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އިއްޔެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެ ހުކުމް އަލުން ރިވިއުކޮށް ދޭން ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އެމްޑީޕީއިން ވަނީ އެ މައްސަލަ އަވަސްކޮށް ދިނުމަށް އެދިފަ އެވެ.