ބައެއް މީހުން ހީކޮށްފާނެ އެވެ. މޭވާއަކުން ދޭ ހުރިހައި ފޮންޏެއްގެ އަސްލު ގުޅިފައި ވަނީ އޭގައި އެކުލެވިގެންވާ ނެޗުރަލް ޝުގާސްގެ މައްޗަށެވެ.
މިސާލަކަށް އޮރެންޖެއް ފަޅިކޮށް، ނޮޅާލައިގެން ކާލާއިރު އޭގެ ފޮނިކަން އިހްސާސްކުރެވެނީ އޭގައި އެކުލެވޭ ނެޗުރަލް ޝުގާގެ މާއްދާތައް ގޮސް އަހަރެމެންގެ ދުލުގައިވާ ޓޭސްޓް ބަޑްތަކާ ބައްދަލުވާ ހިސާބުންނެވެ. އަދި ބްލޫބެރީއެއް ނުވަތަ ޓޮމާޓޯއެއް ކާލާއިރު ވެސް ވަނީ މިހެންނެވެ.
މިއީ އެންމެނަށް ވެސް ގަބޫލުކުރެވިފައި އޮންނަ ގޮތެވެ.
ނަމަވެސް ތަޖުރިބާކާރުން ބުނަނީ މިއީ ކުށްހީއެއް ކަމަށެވެ. ކީއްވެގެންތޯ ބަލާލަމާ ހިނގާށެވެ.
ސައިންސްވެރިން ބުނަނީ މޭވާއަކުން ދޭ ފޮނިރަހައަކަށް ހުކުމް އިއްވަނީ އެ މޭވާއެއްގައި ހިމެނޭ ނެޗުރަލް ޝުގާގެ މިންވަރެއް ނޫން ކަމަށާއި އެ މޭވާއެއްގެ ފޮނިކަން ކަނޑައަޅައި ދެނީ އޭގެ ވަސް ކަމަށެވެ. އެ މޭވާއަކުން ލިއްބައިދޭ ވަސްކަމަށެވެ.
އެހެންވީމަ މިއޮތްހާ ދުވަހު އަހަރެމެން ގަބޫލުކޮށްގެން ތިބި ގޮތް ބަދަލުވީއެއް ނޫން ހެއްޔެވެ؟ ސައިންސްވެރިންގެ މި ވާހަކަ ގަބޫލުކުރަން ފަސޭހަނުވާ ނަމަ މިކަން އަމިއްލަ އަށް ތަޖުރިބާކުރާނެ ގޮތެއް ވެސް އެބައޮތެވެ.
އެގޮތަކީޖެލީ ބީންސް (ޝުގާ ކޭންޑީ) ތަކެއް ހޯދައިގެން ނޭފަތަށް އުނގުރި ޖަހައިގެން ހުރެ މި ޖެލީ ބީންސްތައް ކެއުމުގެ އާދަޔާހިލާފު ޓެސްޓެވެ. މި ހާލަތުގައި ހުރެ ކެވޭ ޖެލީ ބީންސްގެ އަސްލު ރަހަ ދެނެގަތުމަކީ ފަސޭހަ ކަމެއް ނޫނެވެ.
އެހެންކަމުން މި ޓެސްޓަކީ، ފޮނިކަމުގެ އަސްލު ރަހަ އިހްސާސްކޮށްދެނީ ހަމައެކަނި ދުލުގައިވާ ޓޭސްޓް ބަޑްތަކުން އެކަނި ނޫންކަން ސާބިތުކޮށްދޭ ކުޑަ ޓެސްޓެކެވެ. ނޭފަތަށް އުނގުރި ޖަހައިގެން ހުރެ ޖެލީ ބީންސްއެއް ކާލާއިރު ފާޑެއްގެ ފޮނިކަމެއް އިހްސާސްކުރެވުނަސް އެއީ ކޮން ކަހަލަ ފޮނިރަހައެއްކަން ބުނެދޭކަށް ނޭނގޭނެ އެވެ.
ނަމަވެސް ނޭފަތުން އުނގުރި ނައްޓައިލުމާ އެކު، ކެވޭ ޖެލީ ބީންސްގެ އަސްލު ރަހައަކީ ސްޓްރޯބެރީ ކަމުގައިވާ ނަމަ އެކަން ވަގުތުން އިހްސާސްކުރެވޭނެ އެވެ.
ފޮނިރަހައާ ބެހޭ ގޮތުން ސައިންސްވެރިން ދައްކާ އާދަޔާހިލާފު އަނެއް ވާހަކަ މިއޮތީ އެވެ. ސައިންސްވެރިން ބުނަނީ މޭވާއަކުން ދޭ ފޮނި ރަހައެއް ކަނޑައެޅުމުގައި އޭގައި ހިމެނޭ ނެޗުރަލް ޝުގާ އަށް ވުރެ ބޮޑު ރޯލެއް ކުޅެނީ އޭގައި ހިމެނޭ ކެމިކަލް އެހެން މާއްދާތައް ކަމަށެވެ.
އެގޮތުން އެމެރިކާގެ ޔުނިވާސިޓީ އޮފް ފްލޮރިޑާގެ ސައިންސްވެރިންގެ ޓީމަކުން ވަނީ މިކަން ސާބިތުވެސްކޮށްދީފަ އެވެ. އެމީހުންގެ މި ދިރާސާގައި ބޭނުންކޮށްފައި ވަނީ އެކި ވައްތަރުގެ ޓޮމާޓޯ އެވެ.
އެމީހުން މި ދިރާސާގައި ބޭނުންކުރި ޓޮމާޓޯތަކުގައި ފޮނި ރަހަ ކޮންޓްރޯލްކުރުމަށް ހަރަކާތްތެރިވާ މާއްދާތައް ވަކިކޮށް ނަގައިގެން ހަކުރާއި ފެނުގެ ތެރެއަށް ލައި މިކްސްކުރުމުން އޭގެ އަސްލު ފޮނިކަމަށް ވުރެ ދެން ނުކުންނަ ނަތީޖާގެ ފޮނިގަދަ ކަމަށް ދިރާސާ އިން ދައްކާފައިވެ އެވެ. ހަމަ މިގޮތަށް ސްޓްރޯބެރީ އާއި ބްލޫބެރީ ވެސް މި ޓީމުން ތަހުލީލުކޮށްފައިވެ އެވެ.