ހަބަރު

އިލްޔާސާ މެދު ރައީސް ނަޝީދުގެ ޒަމާންވީ ރާގު ބަދަލުވެއްޖެ

ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމާ މެދު ރައީސް މުހައްމަދު ނަޝީދުގެ ޒަމާންވީ ރާގު ބަދަލުވެ ނަޝީދު އިލްޔާސްއަށް ތައުރީފު ކުރައްވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދު އިލްޔާސް އިބްރާހިމާ ބައްދަލު ކުރެއްވުމަށްފަހު ދެ ބޭފުޅުން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓް ކުރައްވާ ވިދާޅުވީ، އިލްޔާސް އިބްރާޙިމަކީ ދުރު ވިސްނޭ ދިވެހި ދައުލަތަށް ވަފާތެރި ހިދުމަތްތެރި ބޭފުޅެއް ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް އަކީ، ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ގިނަ ވުޒާރަތަކުގެ މިނިސްޓަރުކަން ކުރައްވާ، އަދި ސަރުކާރުގެ ކުންފުނިތަކެއްގެ އިސް ވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އިލްޔާސް ފުރުއްވަފައިވާ މަގާމުތަކުގެ ތެރޭގައި، ޓްރޭޑް މިނިސްޓަރުކަމާއި، ހެލްތު މިނިސްޓަރުކަމާއި، އެޓޯލްސް މިނިސްޓަރުކަން ހިމެނެ އެވެ.

ރައީސް ނަޝީދު އިލްޔާސަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައިވާ އިރު، އިލްޔާސްގެ ބެލުމުގެ ދަށުގައި އޮތް އެފްޕީއައިޑީގެ ހިޔާނާތް ފަޅާ އަރުވާލާފައިވަނީ ރައިސް ނަޝީދު އޭރު ނެރުއްވި ސަންގު ނޫހުން އެވެ. އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި އޭރު ފާހަގަ ކުރި އެ މައްސަަލައާއި ގުޅިގެން ރައީސް ނަޝިދު ވަނީ އޭރު ނޫސްވެރިއެއްގެ ހައިސިއްޔަތުން އިލްޔާސާއި މެދު ބޮޑެތި ތުހުމަތުތަކެއްކޮށް، ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވައި އެތައް ލިޔުންތަކެއް ލިޔުއްވައިފަ އެވެ.

ރައީސް ނަޝީދުގެ މި ޓުވީޓަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފަ އެވެ. ނަޝީދު އުފެއްދެވި އެމްޑީޕީ އިންވެސް އިލްޔާސަކީ "ކޮރަޕްޓް" ބޭފުޅެއް ކަމަށް ބުނެ އެކި ފަހަރުމަތިން ވާހަކަ ދައްކަވާފައިވެ އެވެ.