ރައީސް މުހައްމަދު ނަޝީދު

ނަޝީދު ހައްޔަރު ނުކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި

Oct 30, 2018
27

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ މައްސަލަ އެ ކޯޓުން ރިވިއު ކުރަމުން އަންނާތީ، އެ މައްސަލައިގައި ވަކި ގޮތެއް އެކޯޓުން ކަނޑައަޅައި ނިމެންދެން އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަރެކްޝަންސް އާއި ފުލުހުން އަދި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

އަމުރުގައި ވަނީ، ޕީޖީ އޮފީހުން މި މައްސަލަ ހުށަހަޅާފައިވާ ހުށަހެޅުމަށާއި ރާއްޖޭގެ ގާނޫނު އަސާސީއަށާއި މިބާވަތުގެ މައްސަލަތަކުގައި ވަގުތީ އަމުރު އަމަލު ކުރަންޖެހޭ ދުސްތޫރީއާ ޝަރުއީ އަދި ގާނޫނީ އުސޫލުތަކުގެ މައްޗަށް މައްސަލަ
ބެލުމަށްފަހު ކަމަށެވެ.

އެގޮތުން އަމުރު ނެރެފައިވަނީ ރާއްޖޭގެ ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާ 68 ވަނަ މާއްދާއާ ރާއްޖޭގެ ކޯޓްތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ 20 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނު އަސާސީއާ ގާނޫނުތަކުގެ ބެލެނިވެރިކަމުގެ އިހްތިސޯސްގެ މަތިންނާއި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 މާއްދާއަށް ރިއާޔަތް
ކުރުމަށްފަހު ކަމަށްވެސް އަމުރުގައި ވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ޖަނަވަރީ 16، 2012 ވަނަ ދުވަހުގެ ރޭ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށް ރަހީނުކޮށް، ގާނޫނީ ނިޒާމުގެ ތެރެއިން ގެއްލުވާލައި، ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޭނާގެ ކިބައިން ނިގުޅައިގަތް މައްސަލާގަ އެވެ. އަދި އަބްދުﷲ މުހައްމަދަކީ ފަނޑިޔާރެއް ކަމަށްވީހިނދު، ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒް ގެއްލުވާލައި، ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް 22 ދުވަސް ވަންދެން ސިފައިންގެ ތަމްރީން މަރުކަޒެއްކަމުގައިވާ ގިރިފުށީގައި ބަހައްޓާފައިހުރި މައްސަލަގަ އެވެ.