ހަބަރު

30 -65 އިސްލާހަށް ތާއީދު ކުރަން ޖޭޕީގެ ޕީޖީ ގްރޫޕަށް ގާސިމް އަންގަވައިފި

Jun 14, 2015

ރައީސުލް ޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ ނައިބު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އުމުރު ކަނޑައެޅުމަށް ރައްޔިތުން މަޖިލަށް ހުށަހަޅާފައި އޮތް އިސްލާހަށް ތާއީދު ކޮށްދެއްވުމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ މެންބަރުންގެ ކިބައިން އެދި ވަޑައިގެންފި އެވެ.

އެމަނިކުފާނު ޖޭޕީގެ ޕީޖީ ގްރޫޕްގެ މެންބަރުންނަށް ފޮނުއްވެވި މެސެއްޖެއްގައި ބުނެފައި ވަނީ "ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލާ މީހުންގެ އުމުރު ބަދަލު ކުރަން ހުށަހެޅި އެޅުމަށް ތާއީދުކޮށްދެއްވުން ވަރަށް ބޮޑަށް އެދޭ" ކަމަށެވެ.

ވައިބާ މެދުވެރިކޮށާއި އެސްއެމްއެސް މެދުވެރިކޮށް އެމަނިކުފާނު ފޮނުއްވާފައިވާ އެ މެސެޖު ބައެއް ފަރާތްތަކުން ވަނީ އާންމުކޮށްފަ އެވެ. އެ މެސެޖާ ގުޅިގެން "އަވަސް" އިން އެމަނިކުފާނަށް ސުވާލު ދެންނެވުމުން ތައިލެންޑްގައި ހުންނަވައިގެން މިރޭ ވިދާޅުވީ އެ "އެ މެސެޖަކީ ވެސް އޭގައި އެ ވަނީ ވެސް ތެދު ހަގީގަތެއް" ކަމަށާއި އެ މެސެޖް އެމަނިކުފާނު ފޮނުވާފައި ވާނީ ބައެއް މެންބަރުންނަށް ކަމަށެވެ. އަދި އަނެއްބައި މެންބަރުންނަށް މެސެޖް ކުރެއްވުމުގެ ބަދަލުގައި ސިދާ އެމަނިކުފާނު ފޯނުން ގުޅުއްވާ އެ އިސްލާހަށް ވަރަށް ބޮޑަށް ތާއީދުކޮށްދޭން އެދި ދަންނަވާފައިވާނެ ކަމަށެވެ.

"އެއިން ދެން ހަބަރެއް ހެދުމަކީ އާދަނުގެ [އިންޓަވިއު ކުރި ރިޕޯޓަރު] ކަމެއް. އެއީ ހަގީގަތެއް އަޅުގަނޑު ބައެއް މެންބަރުންނަށް އެސްއެމްއެސް ފޮނުވީ އަނެއްބައި މީހުންނަށް ގުޅާ ތާއީދުކޮށްދެއްވުމަށް ދެންނެވީ،" ގާސިމް ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ އުމުރަކީ 30 އަރާއި 65 އަހަރު ކަމަށް ކަނޑައަޅަން ޕީޕީއެމް ކޯލިޝަންގެ އެމްޑީއޭގެ މެންބަރު ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއީހު ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހަށް ޖޭޕީގެ މަޖިލިސް މެންބަރުން ތާއީދުކޮށް ދެއްވުމަށް ގާސިމް އެދި ވަޑައިގެންނެވި އިރު، އުމުރުން 65 އަހަރުން މަތީން މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް މުހައްމަދު އިސްމާއިލް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމުން ގާސިމް ވަނީ އެކަމާ ވަރަށް ދެކޮޅު ހައްދަވާ ޕީީޕީއެމްގެ ކޯލިޝަނުން ރަސްމީކޮށް ވަކި ވަޑައިގެން އެމްޑީީޕީއާއެކު ވި އެއްބަސްވުމާއެކު "ގާނޫނު އަސާސީގެ ދިފާއުގައި" ކަމަށް ވިދާޅޫވެ ސަރުކާރާ ދެކޮޅު މަސައްކަތްތަކެއް ފައްޓަވާފަ އެވެ.

މީގެ އިތުރުން ފުރަތަމަ ލީ އިސްލާހަކީ ގާސިމް ވެރި ކަމަށް ވަޑައިގަތުމަށް އޮތް ފުރުސަތު ބަންދު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށް ވެސް ސިޔާސީ މައިދާނުގައި ބުނަމުން އައެެވެ.

މަޖިލީހަށް ބަލައިގެނެ ބަހުސް ކުރުމަށްފަހު ކޮމެޓީއަށް ފޮނުވާފައިވާއިރު މި އިސްލާހު ފާސްވެއްޖެ ނަމަ ރައީސްޖުމްހޫރިއްޔާ ކަމަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގާސިމަށް ގެއްލޭނެ އެވެ. ދެން ރިޔާސީ އިންތިހާބެއް އޮންނާނީ 2018 ގައި ކަމަށް ވެފައި އަންނަ އަހަރު އެމަނިކުފާނަށް 65 އަހަރު ފުރިވަޑައިގަންނަވާނެތީ އެވެ.

މި އިސްލާހަށް ތާއީދުކޮށްދެއްވަން ގާސިމް އެ މަނިކުފާނުގެ ޕީޖީ ގްރޫޕްގައި އެދި ވަޑައިގެންނެވި އިރު އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތުގައި ޖޭޕީ ބައިވެރި ނުވުމަށާއި އަދާލަތާއި އެމްޑީޕީގެ މުޒާހަރާއަށް ނުދިއުމަށް ވެސް އެމަނިކުފާނު ވަނީ އަދި ވަޑައިގެންފައެވެ. ނަމަވެސް އަދާލަތާއި އެމްޑީޕީެ މުޒާހަރާތަކުގައި ޖޭޕީއަށް ނިސްބަތްވާ ބައެއް ލީޑަރުން ބައިވެރިވަމުން ގެންދާއިރު ޖޭޕީގެ ނައިބު ލީޑަރު، އަދި ގާސިމް އަރި ބޭފުޅެއް ކަމަށް އަމީން އިބްރާހިމް ގެންދަވަނީ އެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. ނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައި ކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައި ވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ.

މިހާރު މަޖިލީހަށް ވައްދާފައިވާ އިސްލާހާއެކު އަޑު ފެތުރިފައި ވަނީ އެ އިސްާހު ފާސްވުމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިމްޕީޗްކޮށް ނައިބު ރައީސް ކަމަށް ޖުލައި 26 ގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ސަރުކާރުން ވެސް އަދި އަދި އަދީބު ވެސް  ވާހަކަފުޅު ދައްކަވާފައި ނުވާއިރު ނައިބު ރައީސް ޖަމީލް ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.