ރިޕޯޓް

އެންމެ 14 އަހަރުގެ ޓްރެފިކް މޮނިޓަރުން މިސާލު ދައްކަނީ!

ވެހިކަލްތަކުން ފުރި ބަންޑުންވެފައިވާ މާލޭގެ ރައްޔިތުންނަށް މަގުމަތީ ތަޖުރިބާ އުފާވެރިއެއް ނޫނެވެ. އޮފީހަށް ދާން، ސްކޫލަށްދާން، ރީތިވެގެން ޕާޓީއަކަށް ދާން ގެއިން ނިކުންނަ އިރު ހުންނަ ހިތްހަމަ ޖެހުން ނުތަނަވަސްކަމަށް އިސާހިތަކު ބަދަލުކޮށްލަނީ މާލޭގެ ކާރޫބާރޫ ކަމެވެ. އެފަދަ ވަގުތެއްގައި ހިތްހަމަޖެހުމުގެ ކުޑަވެސް ނޭވާއެއް ލެވެނީ ބައިބޯ މަގުގެ މެދުގައި ހުށިޔާރުކަމާ އެކު، އިރުޝާދު ދައްކަން ހުންނަ ޓްރެފިކް ފުލުހަކު ފެނުނީމަ އެވެ.

ނަމަވެސް މިފަހަރު ދައްކަން މި އޮތީ ދިވެހި ފުލުހުންގެ ޔުނީފޯމުގައި ތިބޭ ޓްރެފިކް ފުލުހުންގެ ވާހަކައެއް ނޫނެވެ. މިއީ ތާޖުއްދީން ސްކޫލުގެ އިލްމީ ގޭޓުން ތަމްރީންވެގެން، މާލޭގެ އެންމެ ބާރުބޮޑު އެއް މަގުގެ އަމަން ބަލަހަށްޓަން ކޮންމެ ދުވަހަކު ދެއިރަށް ނިކުންނަ ޓްރެފިކް ކޮންޓްރޯލް ކުރާ ދަރިވަރުންގެ ވާހަކަ އެވެ. ތާޖުއްދީންގެ ބަހުންނަމަ އެ ސްކޫލްގެ ޓްރެފިކް މޮނިޓަރުންނެވެ. ތޭރަ، ސާދަ ވަރަކަށް އަހަރުގެ މި މޮނިޓަރުންނަކީ ދިވެހި ފުލުހުންނާއެކު ތާޖުއްދީން ސްކޫލުން ގާއިމްކުރި ހަރުދަނާ ގުޅުމެއްގެ ތެރެއިން ފައްކާވެގެން ނިކުތް ކުދިންނެވެ. މިދިޔަ އަހަރާއި މި އަހަރު ޓްރެފިކް ފުލުހުންނާއި ގުޅިގެން 30 ދަރިވަރުންގެ ދެ ބެޗް ތާޖުއްދީން ސްކޫލުން ކާމިޔާބުކަމާއެކު ނެރެދީފި އެވެ. ޓްރެފިކް މޮނިޓަރުން ނެގުމަށް މިދިޔަ އަހަރު ތާޖުއްދީނުން ކުރި އިއުލާނާއެކު އެ މަގާމަށް 300 އެއްހާ ކުދިން ފޯމް ހުށަހެޅި އެވެ. އޭގެ ތެރެއިން ފުރާނާލައިގެން ނެގި 30 ދަރިވަރުން މަގުމައްޗަށް ތައްޔާރުކުރުމަށް ހަފްތާއެއްގެ ޓްރެއިނިން ފުލުހުން ދިނެވެ. އަދި މަސައްކަތަށް ފަރިތަވެ އާދަވަންދެން އެކުދިންނާއެކު ފުލުހުން މަގުމައްޗަށް ނުކުމެ އެވެ. ތާޖުއްދީން ސްކޫލްގެ ޓްރެފިކް މޮނިޓަރުންގެ މަސައްކަތުގެ ކުޅަދާނަކަމާއި ފާޑުވެރިކަން ދައްކުވައިދެނީ މި ތަމްރީނުތަކާ އެކު އެވެ.

ސްކޫލަށް ކުދިން ވައްދާ ކޮންމެ ގަޑިއެއްގަ އާއި ކުދިން ނެރޭ ގަޑިތަކުގައި މި ޓްރެފިކް މޮނިޓަރުންގެ މަސައްކަތާއި ހުނަރާއި އަހުލާގު ފެންނާނެ އެވެ. އެކުދިންގެ ފާޑުވެރިކަމާއި ޑިސިޕްލިންގެ ސަބަބުން މިހާރު އެކުދިންގެ އިޝާރާތަށް މަގުމަތި އަމާންވެ އެވެ. ކިތަންމެ ކުޑަޔަކަސް އެ ދަރިވަރުންގެ މަސައްކަތް ބޮޑެވެ. ހަރުދަނާ އެވެ. އެކުދިންގެ މަސައްކަތަށް ސާބަހެވެ. ރާއްޖޭގެ ޒަމާންވީ ސްކޫލް ސިސްޓަމްގެ އާދައިން ބޭރުވެ ތާޖުއްދީން އިން ދެއްކި މި ނަމޫނާއާ އެކު އެ ސްކޫލް މި ވަނީ ނަމޫނާ ދައްކައިފަ އެވެ.

"މި ކުދިންނަކީ އަދި ކުޑަކުދިންނަށް ވިޔަސް މާދަމާގެ ޒުވާނުން. އެހެންވީމަ ކުދިން ތަރުބިއްޔަތުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން މަސައްކަތުގެ މާހައުލާ ކުދިން އަހުލުވެރިކުރަންޖެހޭ ކަމަށް. މީގެ ތަފާތު އަޅުގަނޑުމެންނަށް މިއަދު ފެންނަނީ ވަރަށް ހީނުކުރާ ގޮތަކަށް. ސްކޫލުގައި އާންމުކޮށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިނުވެ، ވަރަށް ލަދުން މަޑުމަޑުން ތިބޭ ކުދިންވެސް އެބަ ތިބި މި މަސައްކަތަށް ހޮވިފައި،" ތާޖުއްދީން ސްކޫލްގެ ޑެޕިއުޓީ ފްރިންސިޕަލް ފާތުމަތު މުހައްމަދު ވިދާޅުވި އެވެ.

ފޮތްތަކުގެ ތެރެއިން ދަރިވަރުން ނެރެ، އަމަލީ ދިރިއުޅުމަށް ކުދިން ހާނުވުމަކީ ރާއްޖޭގެ ތައުލީމީ ދާއިރާއިން ނުފެންނަ، އެހެނަސް ކުރަން ނުލާހިކު ބޭނުންތެރިވެފައި އޮތް ކަމެކެވެ. ޗައިނާ، ޖަޕާން ފަދަ ގައުމުތަކުގައި ސްކޫލުގައި ކުދިން ލައްވައި މަސައްކަތް ކުރުވުމުގެ ސަގާފަތެއް އޮވެ އެވެ. ބޭނުމަކީ ކުދިން ހަރުދަނާކޮށް، ތައުލީމާއި އެއްވަރަށް ޒިންމާދާރު، މަސައްކަތްތެރިކަމަށް ލޯބިކުރާ ހީވާގި ޖީލެއް އުދެއްދުމެވެ. އެއަށްވުރެ ވެސް ބޮޑަށް، މަސައްކަތުގެ އަހުލާގު ދަސްކޮށްދިނުމެވެ. ތާޖުއްދީން ސްކޫލުގެ ޓްރެފިކް މޮނިޓަރުންނަކީ ވެސް މިފަދަ ތަރުތީބަކަށް ބިނާވަމުން އަންނަ ކުދިންތަކެކެވެ.

"ވަރަށް އުފާވޭ މިފަދަ މަސައްކަތެއް ކުރެވޭތީ. އަމިއްލަ ނަފްސަށް އަޅުގަނޑަކީ ވަރަށް ބޭނުންތެރި މީހެއްކަމަށް ގަބޫލުކުރެވޭ މިގޮތަށް މީހުންގެ ތެރެއަށް ހިދުމަތަށް ނިކުމެވޭތީ. ކުރިން އަޅުގަނޑުމެން ބުނީމަ މީހުން ވެސް، ޕޭރެންޓުން ވެސް އެހާ ބޮޑަށް ބަހެއް ނާހާނެ. އެއީ އަޅުގަނޑުމެން ކުޑަވީމަ ކަންނޭނގެ. އެކަމަކު އެކަން މިހާރު ބަދަލުވެއްޖެ. އަޅުގަނޑުމެންގެ އިރުޝާދަށް މިހާރު ޕޭރެންޓުން ވެސް ކުދިންވެސް ދުއްވާމީހުންވެސް އަމަލުކުރޭ،" ތާޖުއްދީން ސްކޫލްގެ ފުރަތަމަ ޓްރެފިކް މޮނޮޓަރުންގެ ބެޗުން ގްރެޖުއޭޓްވި ފަނަރަ އަހަރުގެ ފާތުމަތު އިއާދާ ބުންޏެވެ.

ސްކޫލްގެ ގްރޭޑް ނުވައެއްގައި ކިޔަވާ އިއާދާ، ޓްރެފިކް މޮނިޓަރެއްގެ ގޮތުގައި މިހާރު ދެ އަހަރު ވަނީ އެވެ. އޭނާގެ ޑިއުޓީ އޮންނަ ދުވަސްތަކުގައި އެހެންކުދިންނަށްވުރެ 15 މިނިޓް ކުރިން ސްކޫލަށް އަންނާނެ އެވެ. ފޮތް ދަބަސް ޓްރެފިކް މޮނިޓަރުންގެ ރޫމްގައި ބެހެއްޓުމަށްފަހު އިންޗާޖް މުދައްރިސުންގެ އިރުޝާދާއެކު އޭނާ ނިކުންނާނީ އެހެން ތިން ކުދިންނާއެކު މަގަށެވެ. މަސައްކަތް ނިންމާފައި އެނބުރި ކްލާހަށް ވަންނާނީ މަގުމަތިން ކުދިން ހުސްވެ، ބެލެނިވެރިން ގެއަށްދާން ފެށުމުންނެވެ. އެ މީހުންނަށް އަމާން ތަނަކަށް މަގު ހަދައިދީފަ އެވެ.

"ހުރިހާ ކުދިންވެސް ވަރަށް ފަރުވާތެރިވާނެ. ވަރަށް ޕްރޮފެޝަނަލްކޮށް ޓްރެފިކް މޮނިޓަރުންގެ ޑިއުޓީ އެރޭންޖްކޮށްފަ އޮންނަނީ. އެހެންވީމަ އެއްވެސް ކުއްޖަކު ފަރުވާކުޑައެއް ނުކުރާނެ. އެހެން ނޫނަސް ހޮވާފަ މި ތިބެނީ އެކަން ކުރަން ނުލާހިކު ބޭނުންވެގެން އިސްނަގާ ކުދިންގެ ތެރެއިން ވެސް ހޮވާލެވޭ ކުދިންތަކެއް،" ސްކޫލް ނިމިގެން ވަކީލަކަށް ވުމުގެ ހުވަފެނުގައި މަސައްކަތްކުރާ އިއާމދާ ބުންޏެވެ.

ކުދިން ޒިންމާދާރުކުރަން ސްކޫލުން ނެގި އިސްނެގުމަށް އިއާދާ އާއި އޭނާގެ އެކުވެރި ޓްރެފިކް މޮނިޓަރުން ޝުކުރުވެރިވެ، އެކަމަށް ފަހުރުވެރިވެ އެވެ.

ތާޖުއްދީން ސްކޫލުން މިހާރު އަންނަނީ ޓްރެފިކް މޮނިޓަރުންގެ މަގާމް ސްކޫލުގެ ޕޯސްޓެއްގެ ގޮތުގައި ހެދުމަށްވެސް މަސައްކަތްކުރަމުންނެވެ. އެގޮތުން ޓްރެފިކް މޮނިޓަރުންގެ ކްލަބެއް ހަދައި، ކްލަބް ޕްރެޒިޑެންޓްގެ ޕޯސްޓް އަންނަ އަހަރު އުފައްދަން ތާޖުއްދީން ވަނީ ތައްޔާރުވެފަ އެވެ.