ވެރިރަށް، މާލޭގައި އުޅެ ބޮޑުވި ހ. ފެއާރޫލްސް، އަބްދުއްރަހީމް އަބްދުއްރަހްމާން، 62 ގެ އުފާވެރި ދިރިއުޅުމުގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އޭނާގެ ބަގީޗާއެވެ. ބަގީޗާއެއްގެ ނަން ދިނަސް މި ދައްކަނީ އާދައިގެ ބަގީޗާއެއްގެ ވާހަކައެއް ނޫނެވެ. މިއީ އަށް ބުރިއަށް ނަގާފައިވާ އަބްދުއްރަހީމްގެ ގެ، ހ ފެއާރޫލްސްގެ އެންމެ މަތީ ޓެރަހުގައި މީގެ 18 ވަރަކަށް އަހަރު ކުރިން އޭނާ ހައްދަންފެށި އަޖައިބެއް ކަހަލަ ބަގީޗާއެއްގެ ވާހަކަ އެވެ. ފެއާ ރޫލްސް ގޭގެ ބަގީޗާގައި ހައްދާފައިވަނީ މާގަސްތަކެއް ނޫނެވެ. އެތަން ޝައުގުވެރިކުރުވަނީ އެ ބަގީޗާއިން ފެންނަ ދަނޑުވެރިކަމުގެ ކުލަތަކެވެ. އެއީ ހަމަ ކުޑަވަރެއްގެ ދަނޑެކެވެ.
ގާތްގަނޑަކަށް 12 ވަރަކަށް ފޫޓުގެ ކުޑަ އެ ޓެރަހަށް ވަންނައިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނާނީ ޓެރަހުގެ ވައަތްފަރާތުގައި ހުރި ރުނބައެއްގައި ސިއްހަތު ރަނގަޅުކޮށް ހެދިފައި ހުރި ރޫފަ ހެޔޮ ރަތް ޖަނބުރޯލުގަހެކެވެ. އެގަސް ފުރާ މިހާރު ޖަނބުރޯލު އެބައޮތެވެ. ދުވަސްކޮޅަކުން ޖަނބުރޯލު ބިންނަން ހަމަ އެންމެ ފައްކާވާނެ އެވެ. ޖެހިގެން ހުރީ އަދި ނުފޯދޭ އަނބުގަހެކެވެ. އެއާ ޖެހިގެން ހުދުކުލައިގެ މާއަޅާ ގަހެކެވެ. އެ ގަސްތަކުގެ ކައިރީގައި ކުދި ޕޮޓްތަކެއްގައި ސްޓްރޯބަރީ ގަހާއި ލެޓިއުސް، ކެބެޖް ފަދަ ގަސްތައް އިންދާފައި ހުއްޓެވެ. ޓެރަހަށް ވަންނަ ދޮރާ ދިމާލަށް ކުރިމަތިން ފެންނަ އޮރެންޖު ގަހުގައި ވަނީ އޮރެންޖު އަޅާފަ އެވެ. އެއާ ޖެހިގެން ހުރި ލުނބޯ ގަސް ވެސް ފޯދި، ލުބޯ އަޅާފައިވެ އެވެ. ޓެރަހުގެ ކަނަކަށް ވާގޮތަށް ހުރި ޕޮޓުގައި ހައެއްކަ ފޫޓަށް ހެދިފައި ހުރި ކާމަރަނގަ ގަހުގައިވެސް ހުރީ މާއަޅާފަ އެވެ. މީގެ ކުރިން ވެސް އެއްފަހަރު އެގަހުން ކާމަރާ ބިނދެފި އެވެ. ޓެރަހުގެ ކަނާތްފަރާތުގައި ސިޑި ބަރިއެއްގޮތަށް ބަހައްޓާފައިވާ ހަރުގަނޑުގައި ހުރި މިރުސް ގަސްތަކުގައި އެކީ އެކަށް ވަނީ އެކި ބާވަތުގެ މިރުސް އަޅައި ފައްކާވެފަ އެވެ. ތޮޅި މިރުހާއި ދެތިން ބާވަތެއްގެ ގިތެޔޮ މިރުސް ހުއްޓެވެ. ޓެރަހަށް ވަންނަ ދޮރާވީ ބިތުގައި ހުރި ހަރުތަކުގައި ހިކަނދިފަތާއި ރާނބާފަތާއި ފިޔަލާއި އަލަނާސި ފަދަ ބާވަތްތައް ހައްދާފައިވެ އެވެ. މެދުގައި ހުރީ ބޮޑު ޕޮޓުގައި ހުރީ މުރަނގަ ގަހެކެވެ. އެގަހަށް ކޮންމެވެސް ބާވަތެއްގެ ވެލެއް އަރުވާފައި އޮތެވެ. އެގަހުގެ ވަށައިގެން ވެސް ކުދި ޕޮޓްތަކެއް ބަހައްޓައި މިރުސް ގަސް އިންދާފައިވެ އެވެ.
"މިތަކެތި ކޮންމެ ދުވަހަކު ވެސް ކެއުމުގައި އެބަ ބޭނުން ކުރެވޭ. މިތަނުން ބިދެލައިގެން ގޮސް މި ބޭނުންކޮށްލަނީ ކެއުންތައް ތައްޔާރު ކުރަން،" ހިތްހަމަ ޖެހުމާ އެކު އަބްދުއްރަހީމް ވިދާޅުވި އެވެ.
ޓެރަހުން އިމާރާތުގެ އެންމެ މައްޗަށް އަރަން ހުންނަ ސިޑިން އަރާއިރު ފެންނަނީ ދޮންކެޔޮ ގަހެކެވެ. މީގެ ކުރިން މާޅެސްކެޔޮ ވެސް އެތަނުގައި ހެއްދި އެވެ. ނަމަވެސް މިހާރު ހުރީ އާދައިގެ ދޮންކެޔޮ ގަހެކެވެ. އެ ބައިގައިވެސް މިރުހާއި ހިކަނދިފަތް ރާނބާފަތް ހައްދާފައިވެ އެވެ. މީގެ މަސްތަކެއް ކުރިން ދެ ބާވަތެއްގެ ތޮޅިވެސް އެ ބެލްކަނީގައި ހެއްދި އެވެ. ތޮޅި ވެލާ ފޯދިގަތް އިރު ދުވާލަކަށް ކިލޯއެއްގެ ތޮޅި ލިބުނެވެ. މި ބުނެވުނީ ފެއާ ރޫލްސްގެ ޓެރަހުގައި ހުރި އަބްދުއްރަހީމްގެ ދަނޑުގައި މިހާރު ހުރި ބައެއް ގަސްތަކުގެ ވާހަކައެވެ. ފާއިތުވި 18 އަހަރު ދުވަހުގެ ތެރޭގައި މި ނޫނަސް އެތަކެއް ބާވަތްތަކެއް ހައްދައި އެތަކެތިން އަބްދުއްރަހީމްގެ އާއިލާއާއި ރައްޓެހި، އަވައްޓެރި މީހުންނަށް ފައިދާކޮށްފި އެވެ.
އަޅުގަނޑުގެ އަންހެނުން އޭރު އިންދާނީ ހުސް މާގަސް. އެހެންވެ ބޭނުންތެރި ގަހެއް އިންދަންވެގެން އަޅުގަނޑު ހައްދަންފެށީ މިރުސް ގަސް. އެހެން އިންދަމުން ގޮސް ބޮޑު މިރުސް ދަނޑަކަށް ޓެރެސް ބަދަލުވީއަބްދުއްރަހީމް
މި ހިތްގައިމު ޓެރެސް ފެހިކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ މަސައްކަތް އަބްދުއްރަހީމް ފެށީ މީގެ 18 އަހަރު ކުރިން ހައުސިން މިނިސްޓްރީގައި މަސައްކަތްކުރައްވަން އުޅުއްވި ދުވަސްވަރު އެވެ. މެދުނުކެނޑި 1983 އިން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް 29 އަހަރު ހައުސިން މިނިސްޓްރީގެ އެކި މަގާމްތަކުގައި އުޅުއްވި އަބްދުއްރަހީމް، އެނާގެ ޓެރަހުގައި ފުރަތަމަ ގަހެއް އިންދީ ރައީސް މައުމޫންގެ ދައުރުގައި ދަރުބާރުގެ ފެހިކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު އެވެ. އޭރު ދަރުބާރުގޭގައި ގަސް އިންދައި އެތަން ޒީނަތްތެރިކުރަން އޭރުގެ ހައުސިން މިނިސްޓްރީން އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް ހިމެނިވަޑައިގަންނަވަ އެވެ. ގަސްހެއްދުމަށް އޭނާގެ ހިތްދޫވި ހިސާބަކީމި އެވެ.
"އަޅުގަނޑު ރިޓަޔާމަންޓަށް ފަހު ހިތްހަމަ ޖެހުމަށް މި ކުރަނީ މި މަސައްކަތް. މިފެހިކަން ފެނުނީމާ މިއީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ހިތައް ލިބޭ ފިނި ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ގަސް އިންދުމުގެ މާބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫން އޭރު ގަސް އިންދަން ފެށުނީ. އަޅުގަނޑުގެ އަންހެނުން އޭރު އިންދާނީ ހުސް މާގަސް. އެހެންވެ ބޭނުންތެރި ގަހެއް އިންދަންވެގެން އަޅުގަނޑު ހައްދަންފެށީ މިރުސް ގަސް. އެހެން އިންދަމުން ގޮސް ބޮޑު މިރުސް ދަނޑަކަށް ޓެރެސް ބަދަލުވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތަފާތު ބާވަތްތައް ހައްދަން ފެށީ އޭގެ ފަހުންނެވެ. ގަސް އިންދަން ފެށި ފަހުން ފާއިތުވި 18 ވަރަކަށް އަހަރު ފެއާރޫލްސް ގޭގެ ބަދިގެއަށް ބޭރުން ހިކަނދިފަތް ރާނބާފަތް ގަންނާކަށް ނުޖެހެ އެވެ. މިރުސް ބައެއް ފަހަރު ގަންނަން ޖެހުނަސް މިރުސްވެސް ތިޔާގި އެވެ. އެގޭގެ ޓެރަހުގައި ހައްދާ ބާވަތެއް ދުވަހަކުވެސް ފައިސާ ހޯދުމުގެ ބޭނުމުގައި ނުވިއްކަ އެވެ. ގެއަށް ބޭނުންކުރަން ބައެއް ބަހައްޓާފައި ދެން ހުންނަ ބައި ރައްޓެހި ރަހުމަތްތެރިންނަށް އަބަދުވެސް ބަހާލަނީ އެވެ. އެއީ އަބްދުއްރަހީމްގެ ދެމަފިރިންނަށް ލިބޭ އުފަލެކެވެ.
"މިއީ މިކަމުން މާލީ ފައިދާއެއް ނަގަން ކުރާ ކަމެއް ނޫން. މިއީ ހަމަ ޝައުގުވެރިކަން ހުރާ ކަމެއް. ދެން މީގެއިން ލިބޭ އެއްޗެއް ބަހާލުމަކީ އަޅުގަނޑާއި އަންހެނުންގެ ހިތްހަމަ ޖެހުން. ބަޔަކަށް އެއްޗެއް ދިއްކޮށްލުމުގެ ހިތްހަމަ ޖެހުން އަޅުގަނޑުމެންނަށް އޮވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ހުރީ މި ޝައުގުވެރިކަމުގައި އޭނާގެ ޓެރަސް އިތުރަށް ފެހިކުރާށެވެ. އާ ބަވަތްތަކުގެ ގަސް ހައްދައިގެން އޭގެން ލިބޭ އެއްޗަކުން ކޮންމެ ދުވަހެއްގެ ސުފުރާ މަތިވެސް މުއްސަދިކުރާށެވެ.
"މިގޮތަށް ގޭގައި ހައްދާ އެއްޗިހި ބޭނުންކޮށްގެން ކާ އެއްޗިހި ތައްޔާރު ކުރުމަކީ އަސްލު މިކަމުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ. އެހެންވެ ކަން ނޭނގެ މިކަން މި ކުރެވެނީ ވެސް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އުސް އިމާރާތްތަކުން ތޮއްޖެހިފައި އޮތް މާލެ ކަހަލަ ކޮންކްރީޓް ސިޓީއަކުން މިފަދަ ދަނޑުވެރިކަމެއް ފެނުން މިއީ ހަމަ އަޖައިބެކެވެ. އެކަމަކު އަބްދުއްރަހީމްގެ ޝައުގުވެރިކަމުގައި ފެށި މި މަސައްކަތުގައި މޭވާ ފޯދި، އޭގެ ފައިދާމިވަނީ ލިބެން ފަށައިފަ އެވެ.