ރައީސް މުހައްމަދު ނަޝީދު

އަޅުގަނޑުމެން މިވަނީ ރައްޔިތުންނަށް ބޮޑުކޮށް ދަރާފައި: ނަޝީދު

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއި ވަކިން ހާއްސަކޮށް އިންތިހާާބީ ރައީސް އަބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވަނީ ރައްޔިތުންނަށް ދަރާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ރާއްޖެވަޑައިގެން އާޓިފިޝަލް ބީޗްގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވިދާޅުވީ، 23 ސެޕްޓެމްބަރު ވަނަ ދުވަހު ރައްޔިތުން ނިކުމެވަޑައިގެން މުޅި ދުނިޔެ ސިއްސުވާލައިފި ކަމަށާއި ރައްޔިތުން ނިކުމެ ރާއްޖެ ސަލާމަތް ކޮށް، ސަލާމަތުގެ އައްސޭރިއަށް ގެނެސްދީފި ކަމަށެވެ. އަދި ވިދާޅުވީ، 23 ސެޕްޓެމްބަރުގައި ދިވެހިން ނިކުމެ ހޯދި ކާމިޔާބަކީ މުޅި ދުނިޔެއަށް ދެއްކި ނަމޫނާއެއް ކަމަށެވެ.

"ދިވެހިން ދައްކާދީފި، ތިބޭފުޅުން ދައްކައިދީފި، ދިވެހިންނަކީ އުންމީދު ނަގާލާނެ ބައެއް ނޫންކަން، ތިބޭފުޅުން ދައްކައިދީފި، ތިބޭފުޅުން ދައްކައިދީފި ދިވެހިންނަކީ ފަހަތަށް ޖެހޭނެ ބައެއް ނޫންކަން، ދިވެހިން މުޅި އުންމަތަށް ދައްކާދީފި ދިވެހި ރައްޔިތުން އެމީހުންގެ ހައްގު މިންވަރުން އެމީހުން ހޯދާނެކަން، 23 ސެޕްޓެމްބަރުގައި ދިވެހިންގެ ނަތީޖާ އެންމެ ފުރިހަމަކޮށް ހާމަކޮށްދިނީ ތިބޭފުޅުން ތިއެދޭ ދިވެހި ރާއްޖޭގެ އުންމީދު ތިބޭފުޅުން ތިއެދިވަޑައިގަންނަވާ ދިވެހި ރާއްޖޭގެ ތަސައްވަރު ހަގީގަތުގައި ކުރައްވާނީ ތިޔަ ބޭފުޅުންކަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ހަރު އަޑުން ވައްކަން ރަނގަޅު ނޫންކަން ބުނެފި ކަމަށާއި ހުދުމުހުތާރުކަމާއި ބާރުވެރިކަމާއި ހަރުކަށިކަމާއި އަނިޔާވެރިކަމަކީ އެދޭކަމެއް ނޫންކަން ރައްޔިތުން ވަރަށް ސާފުކޮށް މުޅި ދުނިޔެއަށް ދައްކައިދީފި ކަމަށެވެ. އަދި ރައްޔިތުން ތިއްބެވީ އިސްލާމީ ރިވެތި އުސޫލުތަކުން ހިނގާ ޑިމޮކްރެޓިކް ރާއްޖެއަކަށް ބޭނުންވެފައި ކަމަށާއި ރައްޔިތުން ނިކުމެ ތިބީ އެކަމަށް ކަމަށާއި އެކަން ހަގީގަތަކަށް ހަދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑާއި ގުޅިފައިވާ ޕާޓީތަކުގެ އެންމެހާ ލީޑަރުންނާއި އަދި ވަކިން ހާއްސަކޮށް ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހް، އަޅުގަނޑުމެން އެންމެން މިވަނީ ތިބޭފުޅުންނަށް ދަރާފަ، އަޅުގަނޑުމެން މިވަނީ ތިބޭފުޅުން ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމަކަށް، ފްލެޓަކަށް ދަރާފަ، އެދަރަނި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އަދާކޮށްދެވޭނެ، އަޅުގަނޑުމެން މި މަސައްކަތުގައި އަބަދުވެސް ދެމި މިތިބެނީ އެކަމަށްޓަކައި ތިޔަބޭފުޅުންގެ ހިދުމަތުގައި، އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ހޯދައިދޭނެ ތިޔަބޭފުޅުންގެ ބޯހިޔާވަހިކަން، ބުނާނެ އަޅުގަނޑަކީ ފްލެޓް ދޮންބެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަމާޒަކީ އިބޫގެ ސަރުކާރު ދެމެހެއްޓުން، ހިފެހެއްޓުން، ގުޑުނަ ނުދިނުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ނޭވ ހިނގާހާ ހިނދަކު، ހިތުގައި ވިންދު ހިނގާހާ ހިނދަކު މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން، އަޅުގަނޑުމެން ފަހަތަކަށްވެސް ނުޖެއްސޭނެ، އަޅުގަނޑުމެނެއް ވަރުބައްޔެއްވެސް ނުވާނެ، އިރާދަ ކުރެއްވިއްުޔާ އަޅުގަނޑުމެން އެނބުރި އަންނާނެ، ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ހެޔޮ ވެރިކަމެއް ކޮށްދޭނެ،"

ނަޝީދު ވިދާޅުވީ، އިބޫގެ ސަރުކާރެއްގައި ގުޅިފައިވާ ޕާޓީތަކުން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ކަމަށެވެ. ތަރައްގީގެ ނާރެސްއަކީ އާއިލާތައް ކަމަށާއި އެއާއިލާތަކުގެ ޖީބަށް ވަންނަ
ފައިސާ އިތުރު ކުރުމަކީ ތަރައްގީ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް އާދެވުނީ ރައްޔިތުންގެ މަސައްކަތުން ކަމަށާއި އެކަން ރާއްޖޭގެ ތާރީހުގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމަށެވެ. އެފަދަ ރައްޔިތުންތަކެއް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ދެން ރާއްޖޭގެ ވެރިކަން ހުދުމުހުތާރު ވެރިކަމަކަށް ދިޔަ ދީގެން ނުވާނެ ކަމަށާއި ސާބިތުކަމާއެކު ތިބެންވާނެ ކަަމަށެވެ. އަދި އެކަކު އަނެކެއްގެ ހިތްވަރު ލިބިގެން މިކަން އަންނަންއޮތް ޖީލުތަކަށް ދެމިގެންދާ ގޮތަށް މަސައްކަތް ކުރަންޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް މައުމޫނަށާއި ގާސިމަށާއި ޝެއިހް އިމްރާނަށާއި، އަދި ވަކިން ހާއްސަކޮށް އަޅުގަނޑުގެ ކުޑައިރުއްސުރެ ރަހުމަތްތެރިޔާ އިބޫއަށް އެކުރެއްވި މަސައްކަތަކީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނައްތާލައިގެންވާނެ މަސައްކަތެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.