ދުނިޔެ

ބިން ލާދިން ހޯދަން އެހީވުމުގެ ތުހުމަތުކޮށް ބޭރުކުރި ޖަމިއްޔާ އަށް ޕާކިސްތާނުން އަލުން ހުއްދަ ދީފި

Jun 15, 2015

އަލްގައިދާގެެ ލީޑަރު އުސާމާ ބިން ލާދިން ހޯދަން އެމެރިކާ އަށް އެހީވި ކަމުގެ ތުހުމަތު ޕާކިސްތާނުން ކުރާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބޭރުގެ ޖަމިއްޔާއެއް ގައުމުން ބޭރުކުރަން ނިންމި ނިންމުން ޕާކިސްތާން ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.

ސޭވް ދަ ޗިލްޑްރަން ގައުމުން ބޭރުކުރަން ނިންމައި ޕާކިސްތާން ފުލުހުން ވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ އެ ޖަމާއަތުގެ އޮފީސް މިދިޔަ ބުރާސްފަތި ދުވަހު ބަންދުކޮށްފަ އެވެ. އަދި ބޭރު ގައުމުތަކުގެ މުވައްޒަފުން ޕާކިސްތާން ދޫކޮށް ދިނުމަށް 15 ދުވަސް ދީފައިވެ އެވެ.

އެކަމަކު ސޭވް ދަ ޗިލްޑްރަންގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވި ގޮތުގައި އެ ނިންމުން އަނބުރާ ގެންގޮސްފައިވާކަން ސަރުކާރުން ވަނީ އަންގާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އެ ފިޔަވަޅަށް މަރުހަބާ ކިޔާ ކަމަށެވެ.

ސޭވް ދަ ޗިލްޑްރަން ގައުމުން ބޭރުކުރަން ނިންމުމާއި އެ ނިންމުން އަނބުރާ ގެންދިއުމާ މެދު ވެސް ޕާކިސްތާން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

އެކަމަކު، މި ފަހުން ޕާކިސްތާނުން ވަނީ އަމިއްލަ ޖަމާއަތްތަކާއި ޖަމިއްޔާތަކާ ގުޅޭ ގަވާއިދުތައް ވަރުގަދަކޮށް، ބައެއް ޖަމާއަތްތަކުގެ ހުއްދަ ބާތިލްކޮށްފަ އެވެ. އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ޗައުދުރީ ނިސާން އަލީ ހާން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބޭރުގެ ޖަމާއަތްތަކުން ޕާކިސްތާނުގައި މަސައްކަތް ކުރަނީ އެމެރިކާ އާއި އިޒްރޭލް އަދި އިންޑިއާގެ ތާއީދާއި މަދަދާ އެކު ކަމަށް ވިދާޅުވެފަ އެވެ.

"ބޭރުން ހޯދާ ފައިސާ އިން ޕާކިސްތާނުގައި ބޭރުގެ އެޖެންޑާތައް ތަންފީޒުކުރަން މަސައްކަތް ކުރާ ޖަމާއަތްތަކުން ތިބެންޖެހޭނީ ބިރުން،" ސޭވް ދަ ޗިލްޑްރަންގެ އޮފީސް ބަންދުކުރި ފަހުން ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.

ބިން ލާދިން ހޯދަން ޕާކިސްތާނުގައި އެމެރިކާ އަށް ފޭކު ވެކްސިން ޕްރޮގްރާމެއް ހިންގައިދިން ކަމުގެ ތުހުމަތު ޕާކިސްތާން ސަރުކާރުން ސޭވް ދަ ޗިލްޑްރެންގެ ބޮލުގައި ކުރިން އަޅުވާފައިވެ އެވެ. އަދި "ދައުލަތާ އިދިކޮޅު އަމަލުތައް ހިންގުމުގެ" ތުހުމަތު ވެސް ކުރެ އެވެ. ސަރުކާރުން ބުނާ ގޮތުގައި އެ ކަންތައްތައް ކުރަނީ ސޭވް ދަ ޗިލްޑްރެންގައި މަސައްކަތް ކުރާ ބޭރު ގައުމުތަކުގެ މުވައްޒިފުންނެވެ.

އެކަމަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތުން ވަނީ އެކަން ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އެ ޖަމާއަތުގެ ޕާކިސްތާން ގޮފީގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 1،200 މުވައްޒަފުންނަކީ މުޅިން ވެސް ޕާކިސްތާންގެ ރައްޔިތުން ކަމަށާއި މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ބޭރުގެ އެއްވެސް މުވައްޒަފަކު ޕާކިސްތާނުގައި އުޅެފައި ނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާ އިން ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި ފިލައިގެން އުޅެނިކޮށް މޭ 2، 2011 ވަނަ ދުވަހުގެ ފަތިހު އެވެ. ޕާކިސްތާނު ސަރުކާރަށް ވެސް އެންގުމަކާ ނުލައި އެމެރިކާ ސިފައިން ހިންގި ހާއްސަ ހަރަކާތެއްގައި ބިން ލާދިން މަރާލާފައި ވަނީ ޕާކިސްތާނުގައި އުޅޭތާ އަހަރުތަކެއް ފަހުންނެވެ.

އޭރު ބިން ލާދިން ހޯދަން މަސައްކަތް ކުރާތާ ވަނީ ދިހަ ވަރަކަށް އަހަރު ވެފަ އެވެ. އެ މަސައްކަތުގައި، ސީއައިއޭ އިން ވަނީ ޕާކިސްތާނުގައި ފޭކު ޕޯލިއޯ ވެކްސިން ޕްރޮގްރާމެއް ހިންގާފަ އެވެ. އެ ޕްރޮގްރާމް އެމެރިކާ އަށް ހިންގައިދިން ކަމުގެ ތުހުމަތުކޮށް ޕާކިސްތާނުގެ ޑޮކްޓަރެއް ކަމަށްވާ ޝަކީލް އަފްރީދީ ވަނީ ޖަލަށް ލާފަ އެވެ. އަދި އޭނާއާ ބައިވެރިވި ކަމުގެ ތުހުމަތު ސޭވް ދަ ޗިލްޑްރެންގެ ބޮލުގައި ވެސް ޕާކިސްތާން ސަރުކާރުން ކުރިން އެޅުވި އެވެ.

ބިން ލާދިން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 24 ގަޑިއިރުގެ ތެރޭގައި ކަނޑުފައްތާފަ އެވެ. އަދި ބިން ލާދިން މަރާލާފައި ވަނިކޮށް ނަގާފައިވާ އެއްވެސް ފޮޓޯއެއް ވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.