ފެބްރުއަރީ އެއްވަނަ ދުވަހުގެ ސްޕްރީމް ކޯޓުން ނެރުނު އަމުރާއެކު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރާއްޖެޓީވީއިން ގެނެސްދެމުން އައި ކަވަރޭޖް ހުއްޓުވައިދޭން ޑިފެންސް މިނިސްޓްރީގައި ބްރޯޑްކާސްޓިން ކޮމިޝަނުން އެދިފައިވާކަން ހާމަވެެއްޖެ އެވެ.
އެކަން ހާމަވެފައިވަނީ ލީކް ވެފައިވާ ބްރޯޑްކޮމްގެ ސިޓީއަކުންނެވެ. އެ ސިޓީގައިވާ ގޮތުން، އެ ކޮމިޝަންގެ އޭރުގެ މެމްބަރު އަދި މިހާރު އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަނީ ރާއްޖެ ޓީވީން ހަތަރެއް ފެބްރުއަރީއިން ފެށިގެން ގެނެސްދެމުން އައި ކަވަރޭޖް ހުއްޓުވައިދޭން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެ ދުވަހަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދުވަހެވެ.
ސޮފްވާން ފުނުއްވި ސިޓީގައި ބުނެފައިވަނީ، ރާއްޖެޓީވީގެ ލައިވް ކަވަރޭޖްގައި، ގައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަމަށާއި، ގައުމީ ދިފާއީ ބާރުގެ އަގުވެއްޓޭ ގޮތަށާއި، ގައުމުގެ އަަމަންއަމާންކަން ގެއްލި، ރައްޔިތުންގެ ހިތުތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް، މެދުކެނޑުމެއް ނެތި ބްރޯޑްކާސްޓް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އެ ދަނޑިވަޅުގައި، ޑިފެންސް މިނިސްޓްރިއަށް ލިބިފައިވާ ބާރުގެ ތެރެއިން އެކަން ހުއްޓުވައިދޭން އެދޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ. އެ ސިޓީ ސޮފްވާން، ޑިފެންސް މިނިސްޓްރީއަށް ފޮނުވާފައިވަނީ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރާނަމަ އެކަން ހުއްޓުވުމުގެ ބާރު ސަލާމަތީ ބާރުތަކަށް ލިބިގެންވެ އެވެ. އެހެން ނަމަވެސް އެ ސިޓީއާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ރާއްޖެޓީވީއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ރާއްޖެޓީވީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ ރޭގަނޑުގެ ވަގުތެއްގަ އެވެ. އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް ޝަހީބު ބައިވެރިވަޑައިނުގަންނަވަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ އޭރުގެ އެ ކޮމިޝަންގެ ނައިބު ރައީސް އަސްލަމެވެ.
އޭނާ ވަނީ އެމްއެންޑީއެފްއަށް އެ ސިޓީ ފޮނުވަން ދެކޮޅު ހައްދަވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެފަހުން ރިޔާސަތު ބެލެހެއްޓީ ސޮފްވާނެވެ.
އެކަމާ ގުޅިގެން މިރޭ ރާއްޖެޓީވީއިން ބުނެފައިވަނީ އެ އަނިޔާވެރި އަމަލު ހިންގަން އުޅުނީ، ސީދާ މަތިން އައި އޯޑަރަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ރާއްޖެޓީވީއަށް އެރޭ ބޮޑު ނާމާން ކަމެއް ވެރިވި ކަމަށެވެ.