ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން ހާޒިރުކުރަން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަބް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ބްރޯޑްކޮމްގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުން ވަނީ ކުރިން އޮތް ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން އިންސާފުން ބޭނުން ވަކި ޓީވީ ސްޓޭޝަނަކަށް އަމާޒުކޮށްގެން ކޮމިޝަނުން ނިންމުންތައް ނިންމި ކަމަށް އެއްބަސްވެފަ އެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީން ވަނީ ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ނިންމައިފަ އެވެ. ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބެލުމަށް ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ވެސް ނެގި އެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
އެ ގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމަށް ފުރަތަމަ ވަޑައިގަތީ ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބެވެ. ސަބް ކޮމިޓީން މެންބަރުންގެ މައްސަލަތައް ބަލަން ކޮމިޓީއަށް ހާޒިރު ކުރަނީ ވެސް ވަކިވަކިންނެވެ. ނަމަވެސް ޝަހީބު ހާޒިރު ކުރި ކޮމިޓީ ވަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރު ކުރަން ފާސްކޮށްފަ އެވެ. ސިއްރު ކުރަން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ބްރޯޑްކޮމްގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް ފާތުމަތު ޒައިނާއާއި، މެމްބަރު ޒީނާ ޒާހިރު އާއި، އައިމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން އަމްޖަދު ވަހީދެވެ. ކޮމިޓީން ބްރޯޑްކޮމްގެ ވަކިވަކި މެންބަރުންގެ މައްސަލަތައް ބަލަން ފެށުމާއެކު ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރު ހަސަން ނަބާހާއި މެންބަރު އިސްމާއީލް ސޮފްވާން ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެއިރު ވެރިކަން ކުރި ޕާޓީއަށް އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން ބްރޯޑްކޮމް އިން ވަނީ ރާއްޖެޓީވީއާއި، ސަންގުޓީވީއާއި، ވީޓީވީ ބޮޑެތި އަދަދަތަކުން ޖޫރިމަނާކޮށްފަ އެވެ.