މުހައްމަދު ޝަހީބު

ރާއްޖެ ޓީވީއާ ސަންގު ޓީވީގެ ވެރިންނަށް ނަސޭހަތް ދީފި

މާދަމާގެ މުޒާހަރާ ލައިވްކުރާނެ ކަމަށް ބެލެވޭ ސަންގު ޓީވީއާ ރާއްޖެ ޓީވީއަށް ނަސޭހަތްތެރިވީ މުޒާހަރާގެ އިވެންޓް ބްރޯޑްކާސްޓް ކުރާއިރު އެ ދެފާރާތަށް ދިމާވެދާނެ މައްސަލައަކުން ސަލާމާތްކޮށް އެކަމަށް ތައްޔާރުކުރުމުގެ ގޮތުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއާ ސަންގު ޓީވީގެ އިސް ދެބޭފުޅަކު ހާޒިރުކޮށް ބްރޯޑްކޮމް އިން މިއަދު ވަނީ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުތަކާއި މާދަމާގެ މުޒާހަރާ ކަވަރު ކުރާއިރު ސަމާލުވާންޖެހޭ ކަންކަމާ ބެހޭގޮތުން ނަސޭހަތްތެރިވެފައެވެ.

"އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވީ، މާދަމާ އެމްޑީޕީން ބާއްވާ މުޒާހަރާއާ ގުޅިގެން، ސަންގު ޓީވީއާ ރާއްޖެ ޓީވީގެ ދެ ބޭފުޅަކު އެ ކޮމިޝަނަށް ހާޒިރުކުރުމަށްފަހު މިއަދު ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އެ ބޭފުޅުންނަށް ނަސޭހަތްތެރިވެފައިވަނީ، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދި ހަގީގަތް އޮޅިގެންދާ ގޮތަށް މާދަމާގެ އިވެންޓްގެ ލައިވް ޕްރޮގްރާމުގައި މައުލޫމާތު ނުފެތުރުމަށް ކަމަށް ޝަހީބު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ، މުޒާހަރާ ކަވަރުކުރާއިރު، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް ދެ ފަރާތަށް ވެސް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް ނަސޭހަތްތެރިވީ އެ ކޮމިޝަނަކީ ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތްކަމަށް ވާތީ ގާނޫނާ އެއްގޮތަށް އަމަލުކުރަން މީޑިއާ ތަކަށް ހަނދާންކޮށްދިނުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކޭތީ ކަމަށެވެ.

"ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް މަދުވެގެން 60 ސިކުންތުގެ ލަސް ކުރުމަކާ އެކު ނޫން ގޮތަކަށް މިފަދަ އެއްވުންތައް ލައިވްކޮށް ބްރޯޑްކާސްޓްނުކުރަން އަޅުގަނޑުމެން އިލްތިމާސް ކުރިން. ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާ، އާންމުންނަށް އަސްލު އޮޅޭގޮތަށް މައުލޫމާތު ނުދޭންވެސް އަޅުގަނޑުމެން ވާނީ އިލްތިމާސް ކޮށްފަ،" ޝަހީބް ވިދާޅުވި އެވެ،

މުޒާހަރާ ލައިވް ކުރާއިރު ގާނޫނާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެބޭފުޅުންވެސް ދެއްވި ކަމަށާ، މީޑިއާތަކުގެ ރައްކާތެރިކަމަށް އެދި ކޮމިޝަނުން ނަސޭހަތްތެރިވުމުން އެކަންވެސް ފާހަގަކޮށް ދެފަރާތުންވެސް ކޮމިޝަނަށް ޝުކުރު އަދާކުރެއްވި ކަމަށް ޝަހީބު ވިދާޅުވި އެވެ.

މި ފަހަކަށް އައިސް ބައެއް އިވެންޓް ތަކުގައި ބައެއް ފަރާތްތަކުން މީޑިއާގެ ދައުރަށް ހުރަސް އަޅާކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބެމުންދާކަން ޝަހީބު ފާހަގަކުރެއްވި އެވެ.

ޝަހީބު ވިދާޅުވި ގޮތުގައި މީޑިއާތަކުން ވެސް މަސައްކަތް ކުރާއިރު ނޫސްވެރިކަމުގެ ގާނޫނާ، ބްރޮޑްކާސްޓިންގެ ގަވާއިދުތަކަށް ފުރިހަމަ އަށް އަމަލުކުރާނަމަ އެގޮތަށް ދިމާވާ މައްސަލަތައް މަދުވާނެ އެވެ. އެހެން ނަމަވެސް ގަވާއިދަކާ ހިލާފު ނުވާނަމަ މީޑިއާގެ ދައުރަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ބްރޮޑްކޮމްއިން ސަރުކާރުގެ އޮފީސްތަކަށް މިހާރު އިލްތިމާސްކޮށްފައިވާނެ ކަމަށް ޝަހީބު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ ޓީވީ އާ ސަންގު ޓީވީއަށް ބްރޮޑްކޮމް އިން ނަސޭހަތްތެރިވެފައިވާއިރު، އެހެން ނިއުސް ސްޓޭޝަންތަކަށް ވެސް ހަމަ މި ގަވާއިދުން ހަބަރުތައް ގެންނަން ނަސޭހަތްތެރިވެފައިވާ ސާކިއުލާއެއް އެ ކޮމިޝަނުން ވަނީ މިއަދު ސްޓޭޝަންތަކަށް ފޮނުވާފަ އެވެ.

ޝަހީބް ވިދާޅުވީ، މާދަމާ މުޒާހަރާ ކުރިއަށްދާއިރު މީޑިއާތަކުގެ ހަބަރުތައް އެކޮމިޝަނުން މޮނިޓާކުރަމުން ގެންދާނެ ކަމަށެވެ.