ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އެ ކޮމިޝަނުގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމުން އެ ކޮމިޝަންގެ ރައީސް ޝަހީބު އިސްތިއުފާ ދެއްވީ އޭނާ އާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒޭނާ މަގާމުން ވަކި ކުރަން ކޮމެޓީން ނިންމާ ވަނީ ތަޅުމަށް ފޮނުވާފަ އެވެ.
ޝަހީބު މިއަދު އިސްތިއުފާ ދީފައިވާއިރު، ގާނޫނީ ޒިންމާ އަދާ ކުރަން އިހުމާލުވި ކަމަށް ބުނެ ޝަހީބާއި ޒޭނާ ވަކި ކުރަން މިދިޔަ ޖޫން މަހު 19 ގައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި އެ މަހު 25 ގައި ސަބް ކޮމިޓީއެއް ހަދައި އެ މައްސަލަ އިތުރަށް ބެލުމަށް ފަހު އެ ދެ މެންބަރުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވައިފަ އެވެ.
އިސްތިއުފާ ދެއްވާ ޝަހީބު ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮތުގައި 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވެސް މަސައްކަތް ކުރަމުން އައީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެއާ ގުޅިގެން ހަދައިފައިވާ ގާނޫނުތަކާއި، އިސްލާމް ދީނާއި ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި، ރާއްޖޭގެ އެހެން ގާނޫނުތަކާ އެއްގޮތަށް، ތެދުވެރިކަމާއި އިޚުލާސްތެރިކަމާ އެކުގައި، ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތި، މީޑިއާގެ މިނިވަންކަމަށް ތަރުހީބު ދީގެން ކަމަށެވެ.
އެހެން ނަމަވެސް، ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާ ހުރިހާ ނިންމުންތަކަކީ ކޮމިޝަންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކެއް ކަމުން، އަދި އެ ހުރިހާ ނިންމުންތަކަކީ އޭނާއަށް ތާއީދު ނުކުރެވޭ ނިންމުން ތަކެއް ކަމަށް ވީ ނަމަވެސް، ރިޔާސަތު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އޭނާއަށް ގާނޫނު ލާޒިމްކުރަނީ އަގުލަބިއްޔަތަށް ތަބާވެ، އެ ނިންމުންތައް ތަންފީޒުކުރުމަށް ކަމަށާއި، އެނޫން ގޮތަކަށް ކަންތައް ކުރުމަކަށް ގާނޫނާއި ގަވައިދު ތަނެއް ނުދޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ވުޖޫދަށް އައުމުން، އެ ގާނޫނާ ހިލާފުވި ބައެއް ސްޓޭޝަންތައް ޖޫރިމަނާކުރަން ފެށުމާ ގުޅިގެން މީޑިއާ އާއި އާންމުންގެ ވަރަށް ގިނަ ބައެއްގެ ފާޑިކިއުންތަކާއި ނަފުރަތު، ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސަށް ވީތީ، އަމާޒުވާން ފެށި ކަމަށާއި، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކޮމިޝަންގެ ބައެއް މެމްބަރުން އިސް ނަގައިގެން މައްސަލަތައް ބަލަމުންދިޔައިރު، އެފަދަ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އޭނާއަށްވެސް އޮތް ކަމަށެވެ.
އެފަދަ މައްސަލަތައް އޭނާ ހުށަހަޅަމުންދިޔަ ނަމަ، ސިޔާސީ ގޮތުން ކޮންމެވެސް ބައެއްގެ ރުހުމާއި ތާއީދު ލިބުނީސް ކަމަށާއި، އެހެން ނަމަވެސް، އަބަދު ވެސް މަސައްކަތްކުރަމުން އައީ، އިންސާފާއި ހަމަހަމަކަމާ އެކު، ގާނޫނާއި ގަވައިދުގެ ތަރަހައިގެ ތެރެއިން ކަމަށްވާތީ، އެފަދަ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނޯންނާނެ ކަމަށް ޝަހީބުގެ ސިޓީގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ނެގި ސަބް ކޮމިޓީ އަށް 4 ޖުލައި 2019 ގައި ހާޒިރު ކުރި އިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ ކޮން ކަމެއްކަމެއް އެނގިފައިނުވާ ކަމަށާއި، އެ ދުވަހުގެ ސަބް ކޮމިޓީގައި މެމްބަރުން ދެއްކެވި އެއްވެސް ވާހަކައެއްގައި، ކޮމިޝަންގެ ގާނޫނާއި ގަވައިދާ ހިލާފަށް ނުވަތަ، ހަމަހަމަކަމާއި އިންސާފުން ބޭރުން އޭނާ ކޮށްފައިވާ އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކުރައްވައި ސުވާލު ކޮށްފައިނުވާ ކަމަށެވެ.
ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އިހުމާލްވެފައިވާ ކަމަށް އެއްވެސް ތުހުމަތެއްވެސް ކޮށްފައިނުވާ ކަމަށާއި، އެހެން ކަމުން، ސަބް ކޮމީޓީގެ ރިޕޯޓަށް ރިއާޔަތްކޮށް ކޮމިޝަންގެ މެމްބަރުކަމުން އޭނާ ވަކިކުރަން މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން 24 ޖުލައި 2019 ގައި ނިންމި ނިންމެވުމަކީ "އިންސާފުގެމަގު"ން އެއްކިބާވެ ނިންމަވައިފައިވާ، ގާނޫނު އަސާސީއާ ހިލާފު، ނާއިންސާފު ނިންމެވުމެއް ކަމުގައި ގަބޫލު ކުރާ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، އެ ސިޓީގައި ވަނީ މިނިވަން މުވައްސަސާއެއްގެ މެމްބަރެއްގެ ހައިސިއްޔަތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގައި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރަމުން އައީ، ސަރުކާރު ބަދަލުވުމުން ނުވަތަ މަޖިލީހުގެ އަގުލަބިއްޔަތު ވަކި ޕާޓީ އަކަށް ލިބުމުން، ޒާތީ އަދި ސިޔާސީ ޝިކާރައަކަށް ވެދާނެ ކަމަށް ފަހަރެއްގައި ވެސް ހީކޮށްގެނެއް ނޫން ކަމަށާއި، އަދި އަނިޔާ އާއި ބޭއިންސާފާ ދެކޮޅަށް އުފުލާ އަޑުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި "ވަޒީފާގެ ބިރާ" ކުރިމަތިލާންޖެހޭ މީހަކަށް ވެދާނެ ކަމަށް ވެސް އުންމީދުކޮށްގެނެއް ނޫން ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބާއި ޒައިނާ ވަކިިކުރަން ކޮމިޓީން ނިންމާފައިވާ އިރު އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަނުން އެ ދެ ބޭފުޅުން އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.