މާކަނާ ޝޯ

މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުން ނުކުރަން އަންގައިފި

މަޝްހޫރު އެނިމޭޓެޑް ސީރީސް "މާކަނާ ޝޯ" ބްރޯޑްކާސްޓް ކުރުމުގެ ކުރިން ކޮންޓެންޓް ރަނގަޅަށް ބަލައި ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ކޮންޓެންޓެއް ހިމެނޭނަމަ އެ ކޮންޓެންޓެއް އުނި ކުރުމަށްފަހު ނޫނީ ނުދައްކަން އެ ޝޯ ދައްކާ ރާއްޖެ ޓީވީއަށް، ބްރޯޑްކޮމް އިން އަންގައިފި އެވެ.

މިގޮތަށް އެންގީ ރާއްޖެ ޓީވީން ގެނެސްދޭ މާކަނާ ޝޯގައި ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީ އާއި އާންމު ގޮތެއްގައި ވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުން ކުރާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވިފައި ވާތީ އަމިއްލައަށް އިސް ނަގައިގެން ބެލި މައްސަލައަކަށްފަހު އެވެ.

ބްރޯޑްކޮމުން ބުނީ މި އަހަރުގެ މާޗްމަހާއި އޭޕްރީލް މަހު ރާއްޖެ ޓީވީން ގެނެސްދިން މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުން ކޮށްފައި ވާތީ އެ މައްސަލައާ ގުޅިގެން ރާއްޖެ ޓީވީއަށް ހަތަރު ފަހަރެއްގެ މަތިން ޖަވާބުދާރީވާން ފުރުސަތު ދީފައިވާ ކަމަށެވެ. ނަމަވެސް އެ ފުރުސަތުތަކުގައި ރާއްޖެ ޓީވީން މައްސަލައަށް މައުޟޫޢީ ގޮތުން ޖަވާބުދާރީވެފައި ނުވާ ކަމަަށެވެ.

ބްރޯޑްކޮމް އިން މައެސަލަ ބަލައި ބުނެފައިވަނީ "މާކަނާ ޝޯ" ގެ އެޕިސޯޑްތަކުގައި އާންމުކޮށް މުޖުތަމައުގައި ބޭނުންކުރާ އަދަބު އަހުލާގުގެ މިންގަނޑު ހިފަހައްޓާފައި ނުވާކަމަށާއި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ. އެއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ "އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ނުކުރުން" އެ މާއްދާއާ ޚިލާފު ކޮންޓެންޓެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކަން ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަންތައްތަކެއް ކުރުމަށް އެންގުމުގެ އިޚްތިޔާރު ލިބިފައިވާތީ އެކަން އަންގާ ކަމަށާއި ބްރޯޑްކާސްޓްކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަކީ ކޮމިޝަންގެ ޒިންމާއަކަށްވުމުން އެފަރާތަކުން ބްރޯޑްކާސްޓްކުރި ކޮންޓެންޓަކަށް އެފަރާތަކުން ޒިންމާވާންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

"މާކަނާ ޝޯ"ގެ އެ އެޕިސޯޑްތަކުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް "މާކަނާ ޝޯ" ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާ އެއްގޮތަށް ނޫނީ އެ ޝޯތައް ދެން ނުދައްކަން އަންގާފައި ވެއެވެ.