ހަބަރު

ބްރޮޑްކޮމް އިން މިފަހަރު މައްސަލަ ނިންމީ ރާއްޖެޓީވީއާ އެއްކޮޅަށް

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފަނޑިޔާރުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާ ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން، ބްރޯޑްކޮމްއިން ނިންމައިފި އެވެ.

ރާއްޖެޓީވީގެ މައްސަލަ ބްރޯޑްކޮމްއަށް ހުށަހަޅާފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ފަރާތުންނެވެ. އެ މައްސަލައާ ގުޅިގެން ޑީޖޭއޭއިން ވަނީ ޝަރުއީ ކޯޓުތަކުގެ ޝަރީއަތުގެ އަޑުއެހުންތަކާއި އިވެންޓްތަކަށް ނުވައްދަން ނިންމާފަ އެވެ.

ބްރޯޑްކޮމްއަށް ޑީޖޭއޭއިން ހުށަހެޅި މައްސަލާގައި ބުނީ، “ފަށާއިރު” ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމަތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާ ކަމަށެވެ.

އެފަދަ އަމަލުތަކަކީ ގާނޫނުއަސާސީ އާއި އިސްލާމީ ޝަރީއަތުގައި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާ އެއްވެސް ގުޅުމެއް ނެތް، އަދި ރައްޔިތުންގެ މެދުގައި ޝަރުއީ ދާއިރާއާ މެދު ނުބައި ތަސައްވަރެއް އުފެއްދުމުގެ މަގުސަދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންވެ އެ ކޮންޓެންޓްތަކަކީ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުހަމަތަކާ ހިލާފު އަމަލެއް ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފަ އެވެ. އެ މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމްއިން ބުނީ، ކޮންޓެންޓްގައި ވާހަކަ ދެއްކެވި ޕްރެޒެންޓަރު ވާހަކަ ދައްކާފައިވަނީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވާ މިންވަރަށް ކަމަށް ބެލެން ނެތް ކަމަށެވެ.

މީގެކުރިން ބްރޯޑޮމްއިން ވަނީ ރާއްޖެޓީވީއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ނިންމާފަ އެވެ. ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު ބްރޯޑްކޮމްގެ ނިންމުންތައް އަންނަ ގޮތް ވަނީ ބަދަލުވާން ފަށާފަ އެވެ.