ހަބަރު

ރާއްޖެޓީވީގެ ސަސްޕެންޝަން ސުޕްރީމް ކޯޓުން އުވާލައިފި

Apr 21, 2019

ޝަރުއީ ދާއިރާގެ އިވެންޓްތަކަށާއި ކޯޓުތަކުގެ އަޑުއެހުންތަކަށް ރާއްޖެޓީވީ ވެއްދުން މަނާކޮށްފައި އޮތް އޮތުން ސުޕްރީމް ކޯޓުން ނިންމުމަކަށް ގެނެސްފި އެވެ.

ކޯޓުތަކުގެ އަޑުއެހުންތަކާއި އިވެންޓްތައް ކަވާ ކުރުމުގެ ފުރުސަތު ރާއްޖެޓީވީއަށް ބަންދުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމީ އެ ޓީވީ ސްޓޭޝަނުން ކޯޓުތަކުގެ ހުރުމަތަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ބުނެ އެވެ.

އެއީ ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމެއް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާތީ އެވެ.

އެކަމާ ގުޅިގެން ރާއްޖެޓީވީއިން ދެ ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުވި އެވެ. އެ ޓީވީ ސްޓޭޝަނަށް އަލުން ހުއްދަ ދޭން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ އެ ސިޓީތަކަށް ރިއާޔަތްކުރުމަށްފަހު އެވެ.