ރިޕޯޓް

ތަފާތު 4 ފިކުރު! އެކު އެކީގައި ތިބެވޭނެތަ؟

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވާން އުޅުނު ދުވަސްކޮޅެވެ. އާދައިގެ މަތިން އިދިކޮޅު ފަރާތްތަކުން މީޑިއާއަށް ބައްދަލުވުމަކަށް ގޮވާލި ދުވަހެކެވެ. މޫކައި ހޮޓަލުގެ ކޮންފަރެންސް ހޯލްގައި ބޭއްވި އެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ގަބޫލުކުރަން ދަތި މަންޒަރެއް ފެނުނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި، ޖުމްހޫރީޕާޓީއާއި އަދާލަތު ޕާޓީގެ މަންދޫބުން އެ ނޫސް ކޮންފަރެންސް ދެއްވާ ޕެނަލްގައި ތިއްބެވެ. ގަބޫލު ކުރަން ދަތިވި މަންޒަރަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އެ ބައްދަލުވުމުގައި ތަމްސީލް ކުރައްވަން ރައީސް މައުމޫންގެ ފެކްޝަންގެ ސެކްޓްރީ ޖެނެރަލް އަބުދުލް އަލީމް އެ ޕެނަލްގައި އިންނެވުމެވެ.

ލިބުނީ ސަޕްރައިޒެކެވެ. އެތަކެއް ސުވާލެއް ސިކުނޑީގައި އެބުރެން ފެށިއެވެ. ތެލާއި ފެނާއި އެއްވުމުގެ އަލާމާތެއް ފެނުނީއެވެ. ޒަމާނުއްސުރެ، ދެ ހަތުރުންގެ ގޮތުގައި ދިވެހި ރައްޔިތުންވެސް ބަލަމުންއައި، ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީއާއި، ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ޕީޕީއެމް އެއް މޭޒަކުން އެއް އަނގަޔަކުން ވާހަކަދައްކަނިކޮށް ފެނުނީ އެވެ. އޭރުވެސް މިހާ ދުވަސްވަންދެން މިކަން ދެމިގެން ހިގައިދާނެ ކަމަކަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަމެވެ.

އެހެން ނަމަވެސް މިއަދުމިއީ އޭގެ ދެއަހަރެއްހާ ދުވަސް ފަހެވެ. އެދުވަހު އެ ޕެނަލްއިން ފެނިގެން އައި މަންޒަރަށް މިއަދު އެތަކެއް ބައިވަރު ކަންކަން އިތުރުވެއްޖެ އެވެ. ތެލާއި ފެނާއި އެކުވެ، ބޮޑު ބިޔަ ސަރުކާރެއްގެ މައްޗަށް ކުރިވެސް ހޯދައިފި އެވެ. ރައީސް ނަޝީދާއި، ރައީސް މައުމޫނާއި، ގާސިމް އިބްރާހިމްއާއި، ޝައިޙް އިމްރާން އަބުދުﷲ މިވަނީ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމަށް ނިމުން ގެނުވާފައެވެ. ދެން މިއޮތީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ކަންވާނެ ގޮތަކާއި މެދު ރައްޔިތުން އުފައްދާ ސުވާލުތަކެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތަށް މިއޮތި ކޭކް ފަޅާ ކޭކް ބެހުމުގެ މަރުހަލާ އެވެ. ހަތަރު ލީޑަރުންގެ މެދުގައި ސަރުކާރު ބަހާލެވިގެންދާނެ ގޮތެއް މި މަރުހަލާގައި ކަނޑައެޅޭނެ އެވެ. ރާއްޖޭގެ ތަޖުރިބާއަށް ބަލާއިރު، މިއީ މައްސަލަތައް ފެށޭ ހިސާބެވެ. ހަތަރު ބޭފުޅުންނަކީވެސް ތަފާތު ހަތަރު ފިކުރެވެ. ރައީސް ނަޝީދަކީ ރައްޔިތުންނާއި ގާތުން ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ތަންކޮޅެއް ޒަމާނީ ވިސްނުމެއްގެ ބޭފުޅެކެވެ. އެއާ ހިލާފަށް ރައީސް މައުމޫނަކީ ހިކުމަތްތެރިކަމާއެކު، ތަރުތީބުން ކަންކަން ކުރައްވަން ލޯބިކުރައްވާ ބޭފުޅެކެވެ. ގާސިމް އިބްރާހިމް އަކީ އިގްތިސާދީ ވިސްނުމަކުން ވިސްނާ ދީލަތި ފަސޭހައިން ވިސްނުން ބަދަލުކޮށްލާ ބޭފުޅެކެވެ. ޝައިހް އިމްރާނަކީ ދީންވެރި ބޭފުޅެކެވެ.

ވަރަށްވެސް ތަފާތު ހަތަރު ބޭފުޅުންނެވެ. މާޒީ އަށް ބަލާއިރު، ހަތުރުންނެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ސިޔާސީ ގޮތުން ކަތިލުމުގައި އެތަކެއް ދުވަހެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އެމްޑީޕީގެ ބައެއް ބޭބޭފުޅުންގެ ވިސްނުމުގައި އަދިވެސް ބާކީ ތިބީ ހަތުރުންނެވެ. އެއީ ބޮޑު ފަޅިއެވެ. އާރާއި ބާރު އޮތީ އެ ފަޅީގަ އެވެ. ބާކީ ތިބި ބޭފުޅުންނާ ނުލާވެސް ވެރިކަމާއިގެން ކުރިޔަށްދެވޭނެ އެވެ. ކޮންމެ ބައެއްގެވެސް ހުރީ މިފަދަ ތަފާތު ވިސްނުމެކެވެ.

ރާއްޖެ މިއަދު މިއޮތީ ވަރަށްވެސް ނާޒުކު ފައްތަރެއްގަ އެވެ. ސިޔާސީ ގޮތުން ބޮޑު މާޔޫސްކަމެއްގެ ތެރެއިން ރައްޔިތުންނަށް އުމްމީދުތަކެއް މިވަނީ ލިިބިފަ އެވެ. އެ އުމްމީދުތަށް ރައްޔިތުންނަށް ގެނެސްދެއްވީ މި ދެންނެވި ސިޔާސީ ހަތަރު ލީޑަރުންނެވެ. އެ އުމްމީދުތަކާއި އެއްވަރަށް ރައްޔިތުންގެ ހިތުގައި ކޮންމެވެސް ހިސާބެއްގައި ބިރުވެރިކަމެއްވެސް އެބައޮތެވެ. ތަފާތު ހަތަރު ފިކުރެއްގެ ލީޑަރުންނަށް އެކު އެކީގައި 5 އަހަރު ދުވަސް އުޅެވިދާނެ ކަމުގެ ޝައްކެވެ. އެ ޝައްކު ދުރުކުރުމަށް ސިޔާސީ ލީޑަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރުގައި ވިދާޅުވީ، އެމަނިކުފާނުގެ ވިންދު ހުރިހާ ހިނދަކު މަސައްކަތް ކުރައްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ)ގެ ސަރުކާރު ދެމެހެއްޓުމަށްކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން ވިދާޅުވެފައިވަނީ ކޯލިޝަން ރޫޅިއްޖެ ނަމަ ރައްޔިތުންގެ މާފެއް ދުވަހަކުވެސް ނުލިބޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، މާޒީއިން އިބްރަތް ހާސިލް ކުރައްވައިގެން ކޯލިޝަންތަކުގައި ކުރިން ހަދާފައިވާ ގޯސްތަށް ތަކުރާރުނުވާގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމްވެސް ވަނީ ކޯލިޝަން ބަދަހިކޮށް ބާއްވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ލީޑަރުންގެ ޔަގީންކަން އެބަލިބެއެވެ. އެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނީ ސަރުކާރު އެކުލަވާލާ އެ ސަރުކާރުން ގެނެސްދޭނެ ކަންތައްތަކެއްގެ ފޮނި މީރު ކަމުގެ ރާހަތެއް އެ ރައްޔިތުންނަށް ކުރި ދުވަހަކުންނެވެ. ސިޔާސީ ގޮތުން ގައުމަށް
މިވަރުގެ ހަމަޖެހުމެއް ފަހުގެ ތާރީހުގައި އައިސްފައެއްްނުވެ އެވެ. ސިޔާސީ މީހުންނާއި މެދު ރައްޔިތުން ދެކޭ ނުރަނގަޅު ގޮތްތަށް ބަދަލުކުރަން މިއޮތީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަކީ އެކަމަށް ގާބިލް ބޭފުޅެކެވެ. އެހެން ނަމަވެސް އިބޫ އާއި ފައިސަލް ނަސީމަށް މި ފަސް އަހަރު ވެގެންދާނީ ގޮންޖެހުން ބޮޑު ފަސް އަހަރަށެވެ. ޙާއްސަކޮށް ހަތަރު ލީޑަރުންގެ މައްޗަށް ބަރޯސާވާ ސަރުކާރު ރޫޅުނަ ނުދީ ހިފަހައްޓައި ރައްޔިތުންގެ އުމްމީދުތަށް ހާސިލް ކުރުމަށެވެ. ރައްޔިތުންގެ އެ ބިރަށް ނިމުމެއް ގެނެވޭނީ އެ ދެބޭފުޅުންނަށެވެ.

ދެން އޮތީ ރައްޔިތުންގެ އުމްމީދުތަށް ފެނަށް ވެއްޖެ ނަމަ ކަންކުރާންވީ ގޮތުގެ ވާހަކަ އެވެ. ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ހުރިހާއެންމެންނަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ބައެއްކަމަށް ދެކުމަކީވެސް މޮޔަކަމެކެވެ. ބައެއްގެ ޕަވާރ ސްޓްރަގަލްއެއް، ނުވަތަ އާރާއި ބާރު ހޯދަން ކުޅޭ ގޭމެއްގެ ތެރޭ ތާށިވެ، ދޭދޭ ފަރުދުންނާއި ގުޅުންކެނޑުމަކުން އެ ސިޔާސީ ފަރާތަށް ވާނެ ހަމަ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ. އެހެން ނަމަވެސް ތިމާއަށް ވާނެ ގެއްލުން ކިތަންމެހާވެސް ބޮޑެވެ. ކުޑަ ކުޑަ މުޖުތަމައުއެއްގެ ތެރޭ އުޅޭ އިރު އަނެކާގެ އެހީއަށް ބޭނުން ނުވެދާނެ ކަމަށް ވިސްނައިގެން އުޅުމަކީވެސް މޮޔަކަމެކެވެ.

"ޑިވައިޑް އެންޑް ރޫލް" މިއީ ސިޔާސީ މީހުންގެ ވަރަށް ވަރުގަދަ އުކުޅެކެވެ. މި އުކުޅު ދެނަގަނެ ރައްޔިތުމީހާއަކީ ސިޔާސީ މީހާ ޖަހާހާ ބެރަކަށް ނަށާނެ މީހަކަށް ވެގެން ނުވާނެ އެވެ. އެއަށްވުރެ ތިމާގެ ވިސްނުން ތަހުޒީބުކުރަން އެބަޖެހެ އެވެ. ރައްޔިތުންނަކީ ދައުލަތުގެ ހަގީގީ ވެރިންނެވެ. ސަރުކާރުގެ ވެރިންނަކީ އެ ރައްޔިތުންނަށް ހިދުމަތްކޮށްދޭން ތިބޭ ހާދިމުންނެވެ. މި ހައިރާކީ އޮޅުވާ ނުލައްޗެވެ. ތަރައްގީގެ ނަމުގައި ބޭނުންހާ އެއްޗެއް ހެދުމުގެ ފުރުސަތުދީގެން ނުވާނެ އެވެ.