ދުނިޔެ

އެމެރިކާ ސެނެޓުގެ ކޮންޓްރޯލް ޓްރަމްޕްގެ ޕާޓީން ދަމަހައްޓައިފި

Nov 7, 2018

ވޮޝިންގްޓަން (ނޮވެމްބަރު 7) - އެމެރިކާގައި މިހާރު ކުރިއަށްދާ މިޑް ޓާމް އިލެކްޝަނުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން ސެނެޓުގެ ކޮންޓްރޯލް ދަމަހައްޓައިފި އެވެ.

ނަމަވެސް، ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ މެޖޯރިޓީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ގެއްލުމުން، ޓްރަމްޕްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ސެނެޓުގެ މެޖޯރިޓީ ރިޕަބްލިކަނުންނަށް ލިބުނީ، އެމެރިކާގެ މައި ތިން ސްޓޭޓު ކަމުގައިވާ އިންޑިއާނާ، ޓެކްސަސް އަދި ނޯތު ޑަކޯޓާއިން ބޮޑު ކާމިޔާބީއެއް ހޯދައިގެންނެވެ.

ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑު ޓްރަމްޕް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް ބެލެވޭއިރު، ރިޔާސީ އިންތިހާބަށް އަދި ދެ އަހަރު އޮތް ނަމަވެސް، މިހާރު ކުރިއަށްދާ އިންތިހާބަކީ ޓްރަމްޕްއަށް އޮތް ތާއީދު ހާމަވެގެންދާނެ އިންތިހާބެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން، ސެނެޓުގެ ރޭހުގައި ރިޕަބްލިކަނުން ކުރީގައި އޮތީ ވަރަށް ހަނި ތަފާތަކުންނެވެ. ސެނެޓުގެ 51 ގޮނޑި ޓްރަމްޕްގެ ޕާޓީއަށް ލިބިފައިވާއިރު، ޑިމޮކްރެޓުން ވަނީ 49 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

މި އިންތިހާބުގައި ޑިމޮކްރެޓުން ސެނެޓުގެ 26 ގޮނޑި ދިފާއުކުރަން ކުރިމަތިލި ނަމަވެސް، ރިޕަބްލިކަން ޕާޓީ ކުރިމަތިލީ އެންމެ ނުވަ ގޮނޑި ދިފާއުކުރުމަށެވެ.

ނަމަވެސް، ހައުސްގެ މެޖޯރިޓީ ޑިމޮކްރެޓުން ހޯދީ، ރިޕަބްލިކަނުންގެ ކޮންޓްރޯލް ދުއްވާލުމަށް ބޭނުންވި 23 ގޮނޑި ކާމިޔާބުކޮށްގެންނެވެ.