ދިވެހި ސިނަމާ

ހުޅުދާން: މިއީ އެންމެ ޝޯއަކުން ނިންމާލަން ޖެހޭ ވަރުގެ ފިލްމެއް ނޫން

އެންމެ ފުރަތަމަ މި ފިލްމުގެ ޑައިރެކްޓަރުގެ ވާހަކައިން ފަށަމާ ހިނގާށެވެ. ވަރަށް ވެސް ހުނަރުވެރި ފަންނާނުންތަކެއް ނިސްބަތްވާ އާއިލާއެއްގެ އެންމެ ހަގު އަދި ހަމައެކަނި އަންހެން މެމްބަރެކެވެ. އޭނާ ނިސްބަތް ވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފަންނާނުންތަކެއް ނިސްބަތްވާ "ތައުފީގު" އާއިލާ އަށެވެ. ދިވެހި ލަވައިގެ ދުނިޔެ އަށް މަޝްހޫރު "ތައުފީގުތައް" ދެން އެންމެނަށް ވެސް އެނގެއެއް ނޫން ހެއްޔެވެ.

މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު މުހައްމަދު ފުއާދު (ފޯޑް) އާއި ފިލްމު ޑައިރެކްޓަރު މޫމިން ފުއާދު އަކީ އައިޝަތު ފުއާދުގެ ދެ ބޭބެ އެވެ. ރާއްޖޭގެ ޗެސް ޗެމްޕިއަނެއް ކަމުގައިވާ އަހުމަދު ފުއާދަކީ ވެސް އޭނާގެ ބޭބެއެކެވެ. މި ހަތަރު ބެއިންގެ ބައްޕަ އަކީ ރިއާސީ އިންތިޚާބުގެ ފޯރީގައި ގައުމީ ބަތަލަކަށްވެ ވަޑައިގެންނެވި ފުއާދު ތައުފީގެވެ.

އައިޝަތު ފުއާދުގެ އަލަތު ޑައިރެކްޝަނަށް އިންތިޒާރުކުރެވުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިފަދަ އެތައް ސަބަބުތަކެއް ހުރީމަ އެވެ.

އާއިލާއެއްގެ ތެރޭގައި އޮންނަ ހުނަރުވެރިކަމުގެ ފައިދާ އެހެން ހުރިހާ މެމްބަރުންނަށް ކުރޭތޯ ބެލުމަށް ދިރާސާއެއް ހިންގުމުގެ ބޭނުމެއް ނެތެވެ. "ހުޅުދާން" މި ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ކޮންމެއަކަސް މިއީ ދަރިފަސްކޮޅާއި ސައިންސާ ގުޅިފައިވާ ވާހަކަ އެކެވެ. އެހެންވީމަ، އެ ވާހަކަ ހަވާސާއަށް ކަހާލާފައި ދެން އޮތް ވާހަކައިން ފަށައިން ގަންނަމާ ހިނގާށެވެ.

ފިލްމަކީ އުމުރުން ދުވަސްވެގެން ވަޒީފާ އިން މުސްކުޅިކުރާ މީހެއް ކަމުގައިވާ މަނިކު ނަމަކަށް ކިޔާ މީހެއްގެ ހަޔާތުގެ ފަހު ދަތުރެވެ. ފިލްމުގައި މި އާދަޔާހިލާފު ރޯލު ކުޅެފައި ވަނީ ރާއްޖޭގެ ފުރަތަމަ ބަތަލްގެ ގޮތުގައި މަޝްހޫރުވެފައިވާ، ރޯނު ހަސަން މަނިކެވެ.

ފިލްމު ފެށޭއިރު މަނިކުގެ ރިޓަޔާމެންޓަށް ހަ މަހެވެ. ގައިން ވަރު ދެރަވެފައިވާ މީހެއްގެ ގޮތުގައި އޭނާ ސިފަވެގެން އައި ނަމަވެސް ވަޒީފާ އަށް ވަރުބަލިވެފައިވާ މީހެއް ނޫނެވެ. ވަޒީފާ އިން މުސްކުޅިކުރީމަ ވެސް އެންމެ ފުރަތަމަ އޮފީހަށް ދާ މީހަކީ މަނިކެވެ.

ފެންނަ ފެނުމަށް މަނިކުގެ "ލޯބިވެރިޔަކީ" އޭނާގެ އޮފީހެވެ. ފަހަރެއްގައި މިއީ ފިލްމުގައި ވެސް އޭނާގެ ކެރެކްޓާ ތަރައްގީކޮށްފައިވާ ގޮތެވެ.

މީހުން ބުނެ އުޅެއެއް ނޫން ހެއްޔެވެ. ހަޔާތުގައި ހުންނަ މުހިންމު އެހެން ކަންތަކާއި އެކުގައި އުޅޭ މުހިންމު މީހުންނަށް ސަމާލުކަން ދެވެނީ "އެންމެ ލޯބިވާ ފަރާތް" ނުވަތަ "އެންމެ ލޯބިވާ އެތި" ގެއްލުމުންނެވެ. މި ފިލްމުގައި ވަނީ އެހެންނެވެ.

މަނިކަށް އޭނާގެ އޮފީސް "ގެއްލޭ" ހިސާބަކީ އޭނާގެ ހަޔާތަށް ވެރިވެފައިވާ އަނދިރިކަމުގެ އިހްސާސް އޭނާ އަށް ކުރެވެން ފަށާ ހިސާބެވެ. އޮފީހަށް ވުރެ މުހިންމު ކަންކަމާއި މީހުން އޭނާގެ ދިރިއުޅުމުގައި އުޅޭ ކަމާއި ވާކަން ބެލުންތެރިންނަށް އެނގެނީ އަދި ޚުދު، މަނިކަށް ވެސް އިހްސާސު ވަނީ އޮފީހާއި އެ ތަނުގެ މުވައްޒަފުން ވެސް މަނިކު މަތިން ފޫހިވެފައިވާކަން އޭނާ އަށް އެނގޭ ހިސާބުންނެވެ.

އެންމެ ފުން ހިތާމަ، މަނިކުގެ ދިރިއުޅުގެ މައި ދޮރާށީގައި ޓަކި ދެނީ ދެނެވެ. އޭނާ ދޮރު ހުޅުވާލުމުން އެތެރެއަށް ވަދެގެން އަންނަނީ އަމަލުވެ، ހަޔާތް ގެއްލި، ހަމައިން ނެއްޓިފައިވާ އޭނާގެ އަންހެން ދަރި، ސަމާ އެވެ. ފިލްމުގައި މި ރޯލު ކުޅެފައި ވަނީ ވަރަށް ވެސް ހުނަރުވެރި ތާޒާ މޫނެއް ކަމަށްވާ މަރިޔަމް މަޖުދާ އެވެ.

މިއީ ދިވެހި މުޖުތަމައާ ނިކަން ރައްޓެހި އަސަރުން ފުރިފައިވާ ޕްލޮޓެކެވެ. ހިތުދަސް އެކަމަކު ކޮންމެ ދިވެއްސެއްގެ ގައިން ވެސް ހީބިހި ނަގައިގެންދާ ވަރުގެ ޕްލޮޓެކެވެ.

އަބަދުވެސް ދަންނަވާ ވާހަކައެއް ތަކުރާރުކޮށްލާނަމެވެ. ރަނގަޅު ކަންތައް ގިނަވެއްޖެ ކަމުގައި ވަނީ ނަމަ އޭގެ ފަހަތުން ފާހަގަކުރެވޭ ކުދިކުދި މައްސަލަތަކާއި ގޯސްކަންތައްތަކުގެ ވާހަކަ އޮންނާނީ ގިނަ ފަހަރު ނުދެކެވިފަ އެވެ. ފިލްމުގެ ބޮޑު ބައިން ބެލުންތެރިޔާގެ ހިތް ކަތިލެވިއްޖެ ނަމަ އެހެން ހިއްސުތަކަށް ބާކީ ހުރި މައްސަލަތައް ފާހަގައެއް ނުކުރެވޭނެ އެވެ.

"ހުޅުދާން" އަކީ މި ދެންނެވި ކަހަލަ ފިލްމެކެވެ. ވަރަށް ލޯބި، އެހާމެ އަސަރުގަދަ އަދި ހިތްނުފުރުނު ފިލްމެކެވެ.

އޭގެ ހުށަހަޅައި ދިނުމެވެ. އަސަރުގަދައީ އޭގެ ވާހަކަ އާއި އެކްޓަރުންގެ ޕާފޯމެންސެވެ. ހިތްނުފުރުނީ ފިލްމު ނިމުނު ގޮތަށް ނުނިމި ކުރިއަށް ދާން ބޭނުންވީމަ އެވެ.

"ހުޅުދާން" އަށް އޭގެ ޑައިރެކްޓަރު ތައްޔާރުކޮށްފައި ވަނީ ވަރަށް ވެސް ސްޓްރައިކިން ސްކްރިޕްޓެކެވެ. މިސާލަކަށް ފިލްމު ހުޅުވައިދިން ގޮތެވެ. ޑީޓެއިލްޑް މޮންޓޭޖު ޝޮޓްތަކާ އެކު އާންމު ދިރިއުޅުން ސިފަކޮށްދިން ފުރިހަމަ ގޮތެވެ.

އަދި ހަމަހިމޭންކަމުގެ ތެރެއަށް މާހައުލުގެ އަޑާއި ހަލަބޮލިކަން ވައްދަމުން ގޮސް ދިރިއުޅުމުގެ އެ ބޮކި ގޮއްވާލި ގޮތެވެ. އެންމެ ފުރަތަމަ ދައްކުވައި ދެނީ ވަރަށް އާދައިގެ ފެށުމަކު ވަރަށް ވެސް އާދައިގެ މީހެކެވެ. ދެން ފެންނަނީ މި ކެރެކްޓާއާ އެކު މައްސަލައެއް އުފެދިގެން އަންނަ ގޮތެވެ.

މިއީ މަނިކު، ވަޒީފާ އިން މުސްކުޅިކުރުމުން ވެސް އޭނާ ތަކުރާރުކޮށް އޮފީހަށް ދާން ފެށުމުން އުފެދޭ މައްސަލަ އެވެ. އެންމެފަހުން އެ މައްސަލަ ގޮވައިގެން ދަނީ މަނިކަށް ހަގީގަތް ބުނެދީ އޭނާ ގޭގައި މަޑުކުރުމަށް އޭނާގެ ކުރީގެ ބޮސް މަޖުބޫރުކުރާ ހިސާބުންނެވެ.

އެ މަންޒަރަށް ފަހު ފިލްމުގެ ހަލަބޮލިކަން ކުއްލިއަކަށް ވެއްޓެނީ އެވެ. އެއަށް ފަހު ދެން އަނެއްކާވެސް އުތުރި އަރައިގަންނަނީ އެވެ. ފިލްމު ނިމެން ދެން ސްކްރިޕްޓްރައިޓާ ހިފަހައްޓާފައިވާ މި ފްލޯ އަކީ ފިލްމުގެ އެންމެ ހާއްސަ އެއް ސިފަ އެވެ. ފްލޭޝްބެކްސް ހިމަނާފައިވާ ގޮތާއި ސިނެމެޓޯގްރެފީ އާއި އެޑިޓިން އަދި މުހައްމަދު އިކްރާމްގެ ސްކޯ، މި ސިފަ އަށް ދީފައިވާ ފުރިހަމަ އެއްބާރުލުން ވެސް ވެސް ފާހަގަކުރަން ޖެހެ އެވެ.

އޭގެ ކުރިން ހުރިހާ ވެސް ޝުކުރެއް ޑައިރެކްޓަރަށެވެ.

ފިލްމުން ވަކި މަންޒަރެއް ހޮވާ ނަމަ އަޅުގަނޑުގެ ހޮވުމަކަށް ވާނީ މަނިކުގެ ފްލޭޝްބެކެއްގައި، މޫދަށް ދާން ކެތްނުލަވައިގެން އުޅޭ ކުޑަކުޑަ ސަމާގެ "އެޕިސޯޑެވެ". ޑައިރެކްޓަރުގެ އަންހެން ދަރިފުޅު، ކައިލީން، ސަމާގެ ގޮތުގައި ފެނިލި ފެނިލުމަކީ މިއިން ޒަމާނަކު ވެސް ދިވެހި ސިނަމާ އިން ނުފެންނަ ވަރުގެ ޗައިލްޑް ޕާފޯމެންސެކެވެ. އެއީ ލޯތްބާއި އަސަރުން ފުރި ހިތްބަނޑުންވާ ވަރުގެ މަންޒަރެކެވެ.

އެއަށް ފަހު ސަމާގެ ބުރަކަށްޓަށް ކަތުރު ހަރާލާ މަންޒަރަކީ އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ޓްވިސްޓެއް ނޫނެވެ. އެ ހަމަލާ އާއި އެ ހަމަލާ އަށް މަނިކުގެ ރިއެކްޝަން ގެނެސްފައިވާ ގޮތަކީ ލޮލުން ކަރުނަ ހިލުވާލާހާ މޮޅު މަސައްކަތެކެވެ.

ކޮންމެއަކަސް ފިލްމުގެ ލީޑް އެކްޓަރު ރޯނު ހަސަން މަނިކާއި މަޖުދާގެ ޕާފޯމެންސްގެ އިތުރުން ކުދިކުދި ރޯލުތަކުން ފެނިގެންދިޔަ އެންމެންނަކީ ވެސް ޝައުގުވެރިކަން އިތުރުކުރުވި ފަންނުވެރިންނެވެ.

ހާއްސަކޮށް މަނިކު ކެރެކްޓާގެ ކުރީގެ ބައިވެރިޔާ ވަދީފާގެ ކުޑައިރުގެ ކެރެކްޓާ ކުޅެފައިވާ ފާތިމަތު ޝަމާ އަކީ ވެސް ފިލްމުން ފެނުނު ސަޕްރައިޒެކެވެ.

މިއީ ފެންވަރު ރަނގަޅު ޑައިރެކްޓަރަކާ ޖެހުމުން ނުކުންނަ ނަތީޖާ އެވެ. މިސާލަކަށް އާންމުކޮށް ފެންވަރު ދަށް އެކްޓަރެއްގެ ގޮތުގައި ފެންނަ، މުހައްމަދު ފައިސަލްގެ ޕާފޯމެންސަށް ވެސް ބަލާލަބަލާށެވެ. އެ ކޮންފިޑެންސް އޭނާ ނެރުނު އެހެން ފިލްމެއް އަދި އޭނާގެ އެކްޓިން ކަމުދިޔަ އެހެން ފިލްމެއް އަޅުގަނޑު ނުބަލަމެވެ.

ފިލްމު ބެލި ވަރަށް ގިނަ މީހުން އޮލިމްޕަސް ދޫކޮށް ދިޔައީ ހިތާ ދެކޮޅަށްކަން ޔަގީނެވެ. ފިލްމު ނިމުނު ގޮތް ބައެއް މީހުންނަށް ކަމުނުދިޔައީ އެވެ. އަނެއް ބަޔަކަށް ކަމުނުދިޔައީ ފިލްމުގެ ދިގު މިނެވެ.

އަޅުގަނޑަށް ކަމުނުދިޔައީ ފިލްމު ނިމުނު ގޮތާއި ފިލްމުގެ ދިގު މިނެވެ. ފިލްމު އެ ފްލޯގައި އިތުރު ގަޑިއިރަކަށް ދިގުދެމިގެން ދިޔަ ނަމަވެސް އަޅުގަނޑަށް މައްސަލައެއް ނެތެވެ. ނިމުން ކަމުނުދިޔައީ ވެސް މި ސަބަބާ ހެދި އެވެ. ފިލްމުގެ ނިމުން އައީ ކުއްލިއަކަށެވެ. އެ ނިންމުމަކީ އެއްވެސް ބަޔަކު އުއްމީދުކޮށްގެން ތިބި ނިންމުމެއް ނޫނެވެ.

ފިލްމުގެ "އަވަސް ނިމުނާ" މެދު ހިތްހަމަނުޖެހުނަސް އެއީ ގޯސް ނިންމުނެއް ވެސް ނޫނެވެ. މަނިކާއި ސަމާގެ ދިރިއުޅުމަށް ގެނެސްދިން ކޮންކްލޫޝަން ގަބޫލުކުރެވެ އެވެ.

ފަހަރެއްގައި ބެލުންތެރިއެއްގެ ހައިސިއްޔަތުން ހިތް ނުފުރުނީ ފިލްމުގެ ޖުމްލަ ޕާފޯމެންސް އެހާ މައްޗަށް އަރާފައި ކުއްލިއަކަށް ހިނދިގެން ދިޔައީމަ ކަމަށް ވެސް ވެދާނެ އެވެ.

ފިލްމު ވަރަށް ވެސް ސަޅި އެވެ. އެކަމަކު "ނަހޫ-ސްޓައިލަށް" މި ފިލްމު ކަމުދާނެ ކަމެއް ނޭނގެ އެވެ. މިއީ ނަހޫ-ސްޓައިލަށް ނުވީމަ އެވެ. އާޓް ފިލްމަކަށްވީމަ އެވެ.

ފިލްމުގެ ޖޯންރާ އަށް ބަލާފައި މި ފިލްމުން އިބުރަތްތެރި މެސެޖުތަކެއް ދިންކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. މިސާލަކަށް ފިލްމުގައި ގެނެސްދީފައިވާ މަނިކުގެ މުޅި ހަޔާތް ވެސް އެކަމަށް ފުދެ އެވެ.

މަނިކަކީ ވަޒީފާ އަށް ނުވަތަ އޮފީހަށް ގުރުބާންވި ބައްޕައެކެވެ. ކައިވެނި ރޫޅުމުގެ އަސްލު ސަބަބަކީ ވެސް މި މައްސަލަ ކަމުގައި ވެދާނެ އެވެ. އަދި އެ ކައިވެނިން ލިބުނު އަންހެން ދަރި މަންމައެއްގެ ލޯބިން މަހްރޫމުވެ އަވަށްޓެރިންގެ ފުރައްސާރައިން ހަލާކުވެގެން ދިއުމުގެ އަސްލަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ.

މި ފިލްމަކީ، ހަޔާތެއް ކޮޅަށް ނަގައި ޖެހުމަށް ވާން ޖެހޭ ގުރުބާނީތައް ދައްކުވައިދޭ ފިލްމެކެވެ. ތިމާގެ ހުރިހާ ވަގުތެއް ވަކި ކަމަކަށް ހުސްކޮށްލައިފި ނަމަ ހަޔާތް ބަރުބާދުވެދާނެ ކަމުގެ ވަރުގަދަ މެސެޖެކެވެ. ހަމައިން ނެއްޓިގެންދާ ހާލަތުގައި ވެސް މައިންބަފައިންގެ އަޑު އަހައިފި ނަމަ ހެޔޮ މަގަށް ވާސިލުވެވިދާނެ ކަމުގެ މިސާލެކެވެ.

ޑައިރެކްޓަރު ވެސް ބުނިހެން މިއީ "ރިއާލިޓީ ޗެކެކެވެ."

ޕްރޮޑިއުސަރު މޮގާ އާއި އޭނާގެ ޓީމަށް ތައުރީފާއި އެވޯޑް ހައްގެވެ. ފިލްމުގެ އިތުރު ޝޯތަކެއް ވެސް މުހިންމެވެ.