ދިވެހި ސިނަމާ

ރިވިއު: ވިޝްކާގެ ހިއްސުތައް ހަމަތަ؟

އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގް ޑައިރެކްޓްކޮށް މި ދެ ތަރިން ލީޑް ރޯލު ވެސް ކުޅެފައިވާ "ވިޝްކާ" އަކީ ރިހި އިސްކިރީނަށް އައުމަށް، ފިލްމުގެ ވާހަކަ އަށް ވުރެ ބޮޑު އަނދިރިގަނޑެއްގެ ތެރެއިން ނުކުމެގެން އަންނަން ޖެހުނު ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް ނިމި ޕްރިމިއާކުރަން ރެޑް ކާޕެޓް ނިއުޅުވާލިއިރު އޭގެ މިލްކުވެރިކަން އޮޅޭ މިންވަރަށް ބަޔަކު މީހުން ވަނީ "ވިޝްކާ" އަށް ހިތްކިޔައިފަ އެވެ. ރީތި ނަމަކާއި ރީތި ސިފައެއް ލިބިފައިވާ އަންހެނަކު ފެނުނީމަ ބައެއް މީހުނަށް އެހެންވަނީ ތޯއްޗެކެވެ. ނުވަތަ "ވިޝްކާ" އަށް ބަޔަކު މީހުން މިވަރަށް ހިތްކިޔައިގެން އުޅެނީ "ވިޝްކާ" އަކަށް ރަވީ އާއި ރިޝްމީ ހަދާލާފައި އޮތް ގޮތަކުން ކަމަށް ވެސް ވެދާނެ އެވެ.

މިއީ ވިޝްކާ ނަމަކަށް ކިޔާ އެޑިއުކޭޓެޑް އަދި ޒަމާނަށް ފެތޭ ރިވެތި އަންހެނަކާއި ދެންމެ މި ދެންނެވި ސިފަތަކާ ދިމާ އިދިކޮޅު ސިފަތަކުން ލަފަ ޖެހިފައިވާ ޒުވާނެއްގެ ދެމެދުގައި ނިކަން ބޮޑަށް ރޭވިގެން ކުރިއަށްދާ ލޯތްބާއި އަޅާލުމާއި މާރަމާރީތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދޭ މި ބުނާ މުޑުދާރު ކެރެކްޓާއަކީ މެއިން ލީޑް، އަހުމަދު އިޝާން ނުވަތަ ފިލްމުގައި އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ އިޝާންޓޭ އެވެ. އިޝާންޓޭއެއްގެ މި ކެރެކްޓާއެއްގެ ހަގީގަތާއި ސިފަތައް ކިތަންމެ ރަނގަޅަށް ފިލްމު ފެށިގެން ނިމެންދެން ކިޔައިދީ ދައްކަމުން ދިޔަ ނަމަވެސް އޭނާގެ އެ އަނދިރި ހަޔާތުގެ ތެރެއަށް ފުންމާލުމަށް ވިޝްކާ ފަހެއް ނުޖެހެ އެވެ. އަދި އިޝާންޓޭއަކީ ކާކުކަން ބުނެ އޭނާގެ ހަގީގަތް ކިޔައިދެމުން ދިޔަ ވަރަކަށް ވިޝްކާ ބޭނުންވަނީ އެ އަނދިރިކަމުގެ ފުނަށް ފީނުމަށެވެ.

ވިޝްކާ އާއި އިޝާންޓޭއެއްގެ މި ހުރިހާ ކުޅިގަނޑެއް ފެށުމުގެ ކުރިން ދެ ގަޑިއިރާއި 15 މިނެޓަށް ދިގުދެމިގެންދާ މި ފިލްމު އަހަރެމެންނަށް ހުޅުވާލަދެނީ ގައުމު ސިއްސުވާލާވަރުގެ ލޭ އޮހޮރުވުމަކުުންނެވެ. ކުށެއް ނެތް މައުސޫމް ޒުވާނަކަށް ގްރޫޕަކުން ހަމަލާދީ އޭނާގެ ދުވަސް ދުއްވާލާ މަންޒަރެވެ. ރަވީ ޑައިރެކްޓްކޮށް ކުޅެފައިވާ "އިޝާންޓޭ" ގެ ކެރެކްޓާ ބެލުންތެރިންނާ ބައްދަލުކުރާ ގޮތަކީ މިއީ އެވެ. މިއީ ހިތްބަލި އޯޑިއެންސަކަށް ފަހަރުގައި ބަލަން އުނދަގޫވެދާނޭ މިންވަރަކަށް އަނިޔާވެރިކަމާއި ލެޔާއި މާރަމާރީ އޭގައި ހިމެނޭ ސީކުއަންސެކެވެ.

ނަމަވެސް އިޝާންޓޭ ފަދަ ކެރެކްޓާއެއް ތައާރަފްކޮށްދޭން ވަކި މިއަށްވުރެން ރަނގަޅު އެހެން އިހްތިޔާރެއް ލިބޭނެހެނެއް ހީއެއް ނުވެ އެވެ. ފިލްމުގައި ދައްކުވައިދޭ އިޝާންޓޭގެ ކެރެކްޓާއަކީ އާމްދަނީއަކަށް މީހުން މަރާ މީހެކެވެ. މަސްތާއި މަކަރާއި މާރަމާރީ އާއި ރަލާއި ކުށުގެ ވެށްޓަކަށް އުފަންވެ އެ އަނދިރިކަމުން ބަނޑުފުރާލައިގެން ބޮޑުވެފައިވާ ކެރެކްޓާއެކެވެ. އިޝާންޓޭ އަކީ ނިކަން ރަހުމްކުޑަ އަނިޔާވެރިއެކެވެ. ކުނުލެއް، ރަހުމެއް ނުވަތަ ލޯތްބެއް އޭނާގެ ހިތުގައި ހަމަ އެކަކަށް ވެސް ނުވެ އެވެ.

އެހެންވީމަ، ވިޝްކާގެ ހިތް އޭނާ "ފުރަތަމަ ނަޒަރުން ފަތަހަކުރަނީ" ކޮން ޖާދޫއެއް ހަދައިގެން ހެއްޔެވެ؟ މިއީ މި ފިލްމު ބަލަން ދާ ނަމަ ފިލްމުގެ އިންޓްރޯއާ ހަމައިން ބޮލުގައި އުފައްދައި އެ ސުވާލަކާ މެދު އެންމެ ފަހު ވަގުތާ ހަމަ އަށް ވެސް ވިސްނަން ޖެހޭނެ ސުވާލެކެވެ. އަބްދުﷲ ވިޝާމްގެ ކުރު ވާހަކަ މަހުދީ އަހުމަދުގެ މަސައްކަތުން އިސްކިރީނަށް ފައްކާކޮށްފައިވަނީ މި ސުވާލު އޭގެ ކެޓަލިސްޓަކަށް ހަދައިގެން ކަމަށްވާތީ އެވެ.

ވިޝްކާގެ ޕްރޮފެޝަން އަކީ މެޑިސިން އެވެ. އިޝާންޓޭގެ ޕްރޮފެޝަން އަކީ މީހުން މެރުމެވެ. މި ދެ މީހުން އެއްތަން ކޮށްދެނީ ވެސް ފިލްމުގައި އެ މައްސަލައަކަށް އެންމެ ބޮޑަށް އަލިއަޅުވާފައިވާ ކުށުގެ މުޖުތަމައަ އެވެ. ވިޝްކާ އަތުން ފޭރިގަތުމަށް ލާޗާރުބިޗާރު ޒުވާނަކު ހަމަލާއެއް ދޭ ވަގުތު އެ މަންޒަރު ފެންނަނީ އަދި އެއަށް ވުރެން ނުރައްކާތެރި ޒުވާނަކަށެވެ. އިޝާންޓޭއަށެވެ. އިޝާންޓޭ ގޮސް ލާޗާރުބިޗާރު ޒުވާނާ އަށް ބިރު ދައްކައި ވިޝްކާ ސަލާމަތްކޮށްދެނީ އެވެ.

މި ބައްދަލުވުމުން ވިޝްކާގެ ތީރު އިޝާންޓޭގެ ހިތަށް ނެހެރުނު ކަމުގައިވިޔަސް އިޝާންޓޭގެ ތީރަކުން ވިޝްކާގެ ހިތް ވަނީ މާކުރިން ޒަހަމްކޮށްލައިފަ އެވެ. ވިޝްކާ މާ ބޮޑު ކަމަކަށް ނަހަދައި އިޝާންޓޭގެ އަނދިރި ހަޔާތުގެ ތެރެއަށް ގެއްލުވާލުމުން އަލުން އޭނާގެ ސަމާލުކަން ހޯދުމަށް ވިޝްކާ ނުކުންނަނީ ބެލުންތެރިން ހީވެސް ނުކުރާނެ ވަރުގެ އަޒުމެއް އޭނާގެ އޮވެގެންނެވެ.

އެ އަޒުމުގައި އަހަރެމެންނަށް ދެން ދައްކުވައި ދެނީ އިޝާންޓޭ "މީހަކަށް ހެދުމަށް" ވިޝްކާކުރާ މަސައްކަތެވެ. މި މަސައްކަތުގައި ގަޑިއިރަކާއި ބައިގަޑިއިރު ގާތްގަނޑަކަށް ހޭދަވެގެންދާއިރު ވެސް ވިޝްކާ އަކަށް އިޝާންޓޭ ބަދަލުކޮށެއްނުލެވެ އެވެ. ފިލްމުގެ މެއިން ޓްވިސްޓާ އެކު އޭގެ ދުވެލީގައި ބެލުންތެރިން ޖައްސައި ފިސާރިގަދަ އަށް އިންޖީނުގަނޑު އަނބުރައިގަންނަ ހިސާބަކީ މިއީ އެވެ. އެއަށް ފަހު ދެން އެކަކަށް ވެސް "ވިޝްކާ" އަތެއްނުލެވެ އެވެ. ފިލްމުގައި ދެން އަންނަ "ފަހު ހާފަކީ" ވިޝްކާގެ މިލްކުވެރިކަމަށް ވެސް ދައުވާކުރާ ފަރާތްތަކުން ވެސް ޖެހިލުންވާހާ "ޓަފު" ބައިގަޑިއެއްހާއިރެވެ.

އެކަމަކު "ކޮބާ، ވިޝްކާ ކިހިނެތް ހެއްޔޭ" މީހަކު ސުވާލުކޮށްފި ނަމަ އަޅުގަނޑު ބުނާނީ މިހެންނެވެ. ދިވެހި ފިލްމަކަށް ބަލާފައި އޭގެ ފަހު ބައިގަޑިއިރު ހަމަ އޮބިނޯވެ އެވެ. އޭގެ ފުރަތަމަ އެއް ގަޑިއިރުގައި އެއްވެސް ޗަސްބެއް ނެތެވެ. އަދި ފިލްމު ބަލައި ނިމުމުން ހިތަށް އެރީ "އޭތި އަދި ހަމައެއް ނުޖެހެއެއް ނޫން ހެއްޔެވެ". ވިޝްކާގެ ވާހަކަ މިވަރަށް ދައްކާލާފައި ނިންމާލިޔަސް އެންމެ ރަނގަޅުވާނެ އެވެ.

އެކަމަކު މި ފިލްމަކާ ބެހޭ ގޮތުން ދެއްކިދާނެ ބައިވަރު އެހެން ވާހަކަ ވެސް އެބަހުއްޓެވެ. ރަނގަޅު ވަރަށް ބައިވަރު ކަންތައްތަކެއް މި ފިލްމުން ފާހަގަކުރެވުނުއިރު މިއީ އޭގައި ވަރަށް ބޮޑެތި މައްސަލަތަކެއް ވެސް ހުރި ފިލްމެކެވެ. އެކަމަކު މިއީ އަދި ކޮކޯ ހަސަނަކާއި ޒަރީރު ފާހަގަކޮށްފައިވާ މައްސަލަތަކެއް ނޫނެވެ.

"ވިޝްކާ" ގެ މައްސަލައަކީ ވި-ޝް-ކާއެވެ. އެންމެ ފުރަތަމަ ކަމަކީ މިއީ އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުގައި ތެދުވާ ކެރެކްޓާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ނޫން ކަމެވެ. މިއީ ޒާތީ ތައްސުބާއި ހަސަދަ އާއި ފަސާދައިން ފޯވެފައި އޮތް ފިލްމެކެވެ. "ވިޝްކާ" އަކީ ރިވެންޖު މޫވީއެކެވެ. މިއީ ފަހުރުވެރި ބާރުވެރި މިނިވަން އަންހެނަކު ފަހުރުވެރިވާނެ އެއްވެސް ސިފައެއް އޭގެ ޕްލޮޓުގައި އަދި ޓައިޓްލް ކެރެކްޓާގައި ވެސް ޖެހިފައިވާ ފިލްމެއް ނޫނެވެ. އެހެންވީމަ އަންހެނުންގެ ދުވަހު، އަންހެނުންގެ ހައްގަށް ދިން ހަދިޔާއެއްގެ ގޮތުގައި މި ފިލްމު އެވަރަށް މަޝްހޫރުކޮށް ޕްރޮމޯޓްކުރުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ނުފެނެ އެވެ. މިއީ އެއްގޮތަކަށް ވެސް އަންހެނުންގެ ހައްގާއި އެމީހުން ބާރުވެރިކުރުވުމާ ބެހޭ ފިލްމެއް ނޫނެވެ. "ވިޝްކާ" ގައި އޮތީ އެއަށް ވުރެން އަނދިރި ނިޔަތެކެވެ. އެހިސާބަށް މި ރިވިއުގައި ދާން ބޭނުންނުވަނީ ފިލްމުގެ ކުރި މަރުވެދާނެތީ އެވެ.

ޖުމްލަކޮށް ބަލާއިރު ފިލްމުގެ އެންމެ ބޮޑު މައްސަލައެއް ކަމަށް ފާހަގަކުރެވުނީ ފެށިގެން ދެން އެ އައި ގާތްގަނޑަކަށް ގަޑިއިރަކާއި ބައިގެ ވަގުތެވެ. މީގެއިތުރުން ވަރަށް ބޮޑު ޕްލޮޓްހޯލްއެއް ވެސް ފިލްމުން ފާހަގަކުރެވުނެވެ. އެކަމަކު ފިލްމުގެ ފުރަތަމަ އެއްގަޑިއިރާއި ބަޔަށް ބަލައިލަމާ ހިނގާށެވެ.

މިއީ ވިޝްކާ އާއި އިޝާންޓޭއާ ދެމެދު ގުޅުމެއް އުފެދި ދެ މީހުންގެ ދިރިއުޅުން އެކައްޗަކަށް ހެދުމަށް ކުރާ މަސައްކަތުގައި ދިމާވާ ކަންތައްތައް ދައްކުވައިދޭ މަރުހަލާ އެވެ. ފިލްމުގެ މިހިސާބުން އޭގެ މުޅި ޕްލޮޓަށް ވަރަށް ވެސް މުހިންމެވެ. އެކަމަކު މި އެއްގަޑިއިރަށް ޝައުގުވެރިވާންވީ އެއްވެސް ސަބަބެއް ދެއްކިފައެއް ނުވެ އެވެ. އަޅުގަނޑަށް ސިފަވީ މިހެންނެވެ. އެ އެއްގަޑިއިރާއި ތިރީހަކަށް މިނެޓަކީ އިޝާންޓޭ ބޭނުންކޮށްގެން ބެލުންތެރިންނަށް ބިރު ދައްކައި އަނިޔާކުރަން ލިޔެފައިވާ މަންޒަރުތަކެކެވެ. ވިޝްކާ އަށް ވުރެ ބޮޑު އަނިޔާއެއް އެ އެއްގަޑިއިރުން ހަމަގައިމު ވެސް އަޅުގަނޑަށް ލިބުނެވެ. ފޫހިވެގެން ސިނަމާ ދޫކޮށްލާހިތްވެސްވި އެވެ.

އަވަގުރާނަ އާއި މާރަމާރީ އަށް އާންމު ނޫން މީހުން މިހިސާބުން ސިނަމާ ދޫކޮށް ގޮސްފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ބޮޑަށް ލަފާކުރެވެނީ ކުރު ވާހަކައެއް ދެ ތިން ގަޑިއިރުގެ ފިލްމެއްގެ ގޮތުގައި ހުށަހަޅައިދޭން ޖެހުމުން ސްކްރީންރައިޓަރަކަށް އެ ކުރު ވާހަކަ އިތުރަށް މުއްސަނދިކުރާނެ ގޮތެއް ނޭނގުމެވެ. ނަތީޖާއަކަށްވީ ވިޝްކާ އިޝާންޓޭގެ އަނިޔާވެރިކަމާއި އަވަގުރާނައިގެ ތެރޭގައި ގަޑިއިރަކަށްވުރެން ގިނަ އިރު ބަންދުވެފައިހުރިއިރު އޭގެ ޝިކާރައަކަށް ނިކަން ގޯސްގޮތެއްގައި ބެލުންތެރިން ވެސްވި ކަމެވެ. އެއް ކަމެއް ނުވަތަ އެއް މަންޒަރެއް ގަޑިއިރަކަށްވުރެން ގިނައިން ތަކުރާރުވަމުން ގޮސް ފިލްމުގެ ހަގީގީ ޝައުގުވެރިކަން އޯޑިއެންސާ ބައްދައިގަތުމަށް ގަޑިއިރަކަށްވުރެ ގިނަ ވަގުތު ނެގި އެވެ. އަޅުގަނޑަށް އެކަން ފާހަގަކުރެވުނީ ސްކްރީންޕްލޭގެ ފަސްޓް އެކްޓްގެ ބޮޑު ބަލިކަށިކަމެއްގެ ގޮތުގަ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ވެސް މުޅިން ތައްޔާރުކޮށްފައި ވަނީ އޭގެ އޮރިޖިނަލް ވާހަކައިގެ ފޯމެޓު ނުވަތަ އޮނިގަނޑަށެވެ. ސްކްރީންޕްލޭއެއްގެ އާދަޔާހިލާފުކަން ދައްކަން ލިބުނު ފުރުސަތުގައި އެކަން ދެއްކިފައިނުވާއިރު މުޅި މި ފިލްމުގެ އެތުރުމާއި ޓްވިސްޓްތަކުގެ ހަގީގީ މޭސްތިރިޔަކީ ވާހަކަ ލިޔުނު އަބްދުﷲ ވިޝާމްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ފިލްމުގެ ޓްވިސްޓުތަކުގެ ވާހަކަ ދައްކާއިރު ކުރިން ވެސް ބުނި ގޮތަށް މި ފިލްމަށް ހަގީގީ ޝައުގުވެރިކަން ދަމައިގެންދަނީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ތައާރަފްކުރާ "އެމްޕީ މަނިކު" ގެ ކެރެކްޓާ އައިސް އިޝާންޓޭ އަށް ހުށަހަޅާ އާދަޔާހިލާފު ހުށަހެޅުމަކުންނެވެ. އެއަށް ފަހު މި ފިލްމުގެ މިހިސާބުން ފެށިގެން ނިމެންދެން ޝައުގުވެރިކަމެއް ނުގެއްލެ އެވެ. އަދި ވަކިން ހާއްސަކޮށް ގެނެސްދީފައިވާ ޓްވިސްޓް އެންޑިންއަކީ މިހާތަނަށް އުފެއްދި ހުރިހާ ދިވެހި ފިލްމަކާއި މި ފިލްމުގެ ފޫހި އެއްގަޑިއިރު މަތިން ވެސް އުމުރަށް ހަނދާން ނައްތާލާވަރުގެ ބާރަކާއި ފޯރިއެއް އޭގައި ހުރި ޓްވިސްޓެކެވެ.

ނަމަވެސް މި އާދަޔާހިލާފު ޓްވިސްޓަށް ބާރުދޭން ޖެހޭ އެހެން އެލެމެންޓްތައް ފިލްމުގެ ނިމިގެންދިޔަ ބައިތަކުގައި ހިމަނާފައި ނެތުމަކީ މި ފިލްމުގެ ޕްލޮޓް އިތުރަށް ވަނދުކޮށްލާ ކަމެކެވެ. -- ދެން މި އަންނަނީ ސްޕޮއިލާއެކެވެ.

ވިޝްކާގެ ނަން ބޭނުންކޮށްގެން ވިޝްކާ ވަނީ މި ފިލްމުން އަހަރެމެންނަށް ފެންނަ އެންމެނަށް އޮޅުވާލައިފަ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ރަސްމީ އެހެން ފަރާތްތައް ވެސް ހިމެނެ އެވެ. އިޝާންޓޭ ކަހަލަ ތަނެއްދޮރެއް ނޭނގޭ ލާޗާރުބިޗާރަކަށް އެހާ ފަސޭހައިން އެގޮތަށް އޮޅުވާލެވުނަސް ދެން ތިބި އެންމެނަށާއި ފުލުހުންގެ ބޮޑު ތަހުގީގީ ޓީމަކަށް ވިޝްކާ އެހާ ފަސޭހައިން އޮޅުވައިލީ ކިހިނެތް ހެއްޔެވެ؟ ފުލުހުންގެ ޓީމަށް ވެސް ވިޝްކާ އެނިސްތެޓިކް ޑޯޒެއް ދިނީ ހެއްޔެވެ؟

ވިޝްކާ ސުޕަހީރޯއަކަށް ބަދަލުވެގެން އެންމެނަށް ފިލައިގެން ސްކްރީނުން ބޭރަށް ނުކުތަސް މައްސަލައެއް ނެތެވެ. އެކަމަކު ޕްލޮޓުގައި އެހެން ކަންތައް އެވީ ކީއްވެގެންކަން އެނގޭ ވަރަށާއި ގަބޫލުކުރެވޭ ވަރަށް މައުލޫމާތާއި މަންޒަރު ނުވަތަ ކޮންމެވެސް ސަބަބެއް ގެނެސްދޭން ޖެހޭނެ އެވެ. ނުވަތަ ކިތަންމެ މޮޅު ޓްވިސްޓެއް އަޔަސް ފިލްމުގެ ދެ ކޮޅު ގެންގޮސް ޖައްސާނީ ކިހިނެތް ހެއްޔެވެ؟

މިހާރު ހީވަނީ ޓްވިސްޓެއް ގެންނަންވެގެން ޓްވިސްޓެއް ގެނައީހެންނެވެ. އެކަމަކު އެ ޓްވިސްޓް ހަމައެއް ނުޖެހެ އެވެ. ސަބަބަކީ މި ފިލްމުގައި ވިޝްކާ ކުޅެނީ ބަތްކައްކާއެއް ނޫނެވެ. އޭނާ ކުޅެނީ އަލިފާނަށް ވުރެން ގަދަ އަށް އަނދައަނދައި ހުންނަ "އިޝާންޓޭއަކާ" ކަމަށްވެފައި މި އިޝާންޓޭއަކަށްވުރެން ސްމާޓް އެތައް އެހެން ކެރެކްޓާތަކެއް ވެސް މި ފިލްމުގައި ހިމެނޭތީ އެވެ.

އިޝާންޓޭގެ ބާރު ދިޔައީ އެނެސްތެޓިކް ޖަހައިގެންކަން އަހަރެމެންނަށް އެނގެ އެވެ. އެކަމަކު މުޅި ގައުމެއް މޮޔަހައްދާލަން ވިޝްކާކުރީ ކީއްހެއްޔެވެ؟ މިކަން ހަމަޖައްސާނެ އެއްވެސް އިޝާރާތެއް ފިލްމުގައި ނެތެވެ. ވިޝްކާ ހީކުރި ވަރަށްވުރެން "ވިޝްކާ" ސްމާޓްނުވި ސަބަބަކީ މިއީ އެވެ.

އެކަމަކު ކޮންމެގޮތެއްވިޔަސް މި ފިލްމަކީ ދިވެހި ސިނަމާގެ ތާރީޚުން ޖާގަ ހޯދާނެ ފިލްމެކެވެ. ވަކިން ހާއްސަކޮށް ލަވަޔާއި ނެށުމަށް މަޝްހޫރު ޔާރާ ޕްރޮޑަކްޝަންސް ފަދަ ބަޔަކު މި ކަހަލަ ފިލްމެއް އުފެއްދީތީ އެކަމަށް ހިތްވަރުދޭން ޖެހެ އެވެ. ބަލާބެލުމަށް މިއީ ޔާރާގެ ފިލްމެއްހެން ހީނުވިޔަސް ބަލާ މީހާގެ ޝައުގުވެރިކަން ގެއްލޭ ފަދަ ގޮތަކަށް ފިލްމުގައި ބޭނުންކޮށްފައިވާ ލަވަތަކީ ވެސް ބަދުނަސީބެކެވެ. ދަނޑިވަޅާއި ހާލަތާއި އިހްސާސަށް ބަލާއިރު ދެ ލަވައެއް ނިކަން އޮމާންކޮށް ދިޔަ ނަމަވެސް އޭގެ ކުރިން އައި ލަވަތަކަކީ ހަމައެކަނި ޑިސްޓްރެކްޝަންތަކެކެވެ.

ގޮންޖެހުމާއި މައްސަލަތަކެއްގެ ތެރެއިން ބަދުނަސީބު ފިލްމަކަށް "ވިޝްކާ" ވިޔަސް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބަލައިލުމަށް ޝައުގުވެރިވާނޭ މަންޒަރުތަކާއި ހަނދާނުގައި ހަރުލާނޭ ފެންވަރު ހުރި މަންޒަރުތަކެއް ވެސް ފިލްމުގައި ހިމެނެ އެވެ. އެގޮތުން ފާހަގަކޮށްލާ ނަމަ ފިލްމުގެ ކްލައިމެކްސްގައި ވިޝްކާ އާއި އިޝާންޓޭއާ ދެމެދު ހިނގާ ފަހު ކުރިމަތިލުމަކީ ހުރިހާގޮތަކުން ވެސް ފިލްމުގެ އެންމެ ވަރުގަދަ ޕާފޯމަންސެވެ. ރަވީ ބޭނުންވި ގޮތަށް މި ހުރިހާ މަންޒަރުތަކެއް އޭގެ ހިތްގައިމުކަމުގައި ދައްކުވައިދޭން ސިނެމެޓޯގްރާފަރު ޝާމިން ނިޒާމް އާއި މަދޮޝިޕް ކަހަލަ ޕްރޮޑަކްޝަން ކްރޫއެއް ލިބުމަކީ ބޮޑު ފަސޭހައެއްގެ އިތުރުން ރަވީގެ ކޮލިޓީ އާއި ކެރިއަރު ވެސް މައްޗަށް ޖައްސާލަދިން ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. މިހާ ރީއްޗަށް ޝޫޓްކޮށްފައިވާ އެހެން ދިވެހި ފިލްމެއް ބެލި ހަނދާނެއް ނުވެ އެވެ.

ފިލްމުގެ އެހެން ސަޅިކަމެއްގެ ވާހަކަ ދައްކަނީ ނަމަ ތައުރީފު އޮއްސަން ޖެހޭނީ ރަވީ އާއި ރިޝްމީ އާއި އަހުމަދު ސައީދުގެ ކުޅަދާނަ އެކްޓިން ހުނަރަށެވެ. ރިޝްމީ، ރިޝްމީއެއްގެ ފެންވަރުގައި ފެނިގެން ދިޔަ ނަމަވެސް ރަވީ އާއި ސައީދު ފެނިގެންދިޔައީ ދިވެހި ސިނަމާ އަށް ވުރެން މާ މަތިންނެވެ.

ދިވެހި ފިލްމަކީ ފޫހި، ފެންވަރެއް ނެތް އެއްޗެއް ކަމަށް ގަބޫލުކުރެވިފައިވާ ނަމަ "ވިޝްކާ" އަކީ އެހިޔާލު ބަދަލުކޮށްލެވޭ ވަރުގެ ގާބިލުކަން ލިބިފައި ފިލްމެކެވެ. މައްސަލަތަކެއް ހުއްޓަސް މިހާތަނަށް އުފެއްދި އެންމެ މޮޅު ދިވެހި ފިލްމުތަކުގެ ލިސްޓެއް ތަރުތީބުކުރާ ނަމަ މި ފިލްމަށް އެ ލިސްޓަކުން ޖާގަ ލިބޭނެ އެވެ. އެކަމަކު ލައްވާލާނީ ކިތައް ވަނައިގަ ކަމެއް ބުނާކަށް ނޭނގެ އެވެ.

"ވިޝްކާ" އަކީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ފިލްމެކެވެ. (ރޭޓިން: 2.5/5)