ދިވެހި ސިނަމާ

ވަފާތެރިކެހިވެރިޔާ ހަޑިއެއް ނޫން: ޖޯކަކަށްވެ ނުހިނގި ސަބަބު މިއޮތީ

"ވަފާތެރިކެހިވެރިޔާ" ގެ ވަދާއީ ތިން ޝޯގެ ތެރެއިން ފުރަތަމަ ޝޯ ކެންސަލްކުރި ވާހަކަ އަޑުއެހީމެއް ނޫން ހެއްޔެވެ؟ އެއީ ހަމަ ސަތޭކަ ޕަސެންޓް ތެދު ވާހަކަ އެކެވެ. ފިލްމު ބަލާނެ ބަޔަކު ނުވެގެން ނުވަތަ ފިލްމު ބަލަން ބަޔަކު ނުދިޔައީމަ ކެންސަލްކުރަން މަޖުބޫރުވީ އެވެ.

ޝްވެކް ސިނަމާގައި ބޭއްވުމަށް ހަމަޖެއްސި އެ ޝޯއިން ވިކުނީ ކިތައް ޓިކެޓްކަން އެނގޭ ހެއްޔެވެ؟ ޖުމްލަ، ތިން ޓިކެޓެވެ. ހަތަރު ވަނަ މީހަކަށް އަޅުގަނޑު ގުޅިއިރު، ޝޯ އޮތީ ކެންސަލްކޮށްފަ އެވެ.

އެކަމަކު އެންމެފަހުން ރޭ، އަޅުގަނޑަށް ވަނީ "ވަފާތެރިކެހިވެރިޔާ" ބަލައިލުމުގެ ފުރުސަތު ލިބިފަ އެވެ. އަޅުގަނޑާ އެކު ޝޯއަށް ވަދެ ތިބީ ގާތްގަނޑަކަށް 15 މީހުންނެވެ. އޭގެ ކުރީ ރޭ ވިއްސަކަށް މީހުން ކަމަށްވެ އެވެ. -- އެހެންވީމަ މުހައްމަދު އަބްދުﷲ ޕްރޮޑިއުސްކޮށް އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ހަގީގީ އޯޑިއެންސަކީ މިއީ އެވެ.

އޮލިމްޕަހުގައި ހައެއްކަ ޝޯ ދެއްކިއިރުވެސް ޓިކެޓް ވިކިގެން ފިލްމުގެ ޝޯގަނޑެއް ފުލްވިކަން ދެނަހުރި މީހަކު ނެތެވެ. ފިލްމުގެ ތިން ވަނަ ޝޯ އަށް ދިޔަ މީހަކު ބުނީ ފުދޭވަރަކަށް މީހުން އޮތް ކަމަށެވެ. އެއަށް ވުރެ ފަހުގެ ޝޯއަކަށް ދިޔަ މީހަކު ބުނީ ތިބީ ސާޅީހަކަށް މީހުން ކަމަށެވެ.

މި ފިލްމެއް ބެލި މީހުންގެ އަދަދު ހަގީގަތުގައި ވެސް ވަރަށް މަދެވެ. ޔަގީނަށް ވެސް ހީކުރިވަރާ ގާތަށް ވެސް ނުދެ އެވެ. އެއަށް ފަހު ފިލްމު ބަލާފައި ނުކުތް ގިނަ މީހުން ވެސް ހެއްދެވި ނެހެއްދެވިއަށް ގޮވަމުން ގޮސް ލަދުން ފިލީ އެވެ. މި ފިލްމަކަށް ނުކުރާކަށް މަލާމާތެއް، ނުކުރާ ޖެއްސުމެއް ނެތެވެ.

  • ޑައިރެކްޓަރު: އަލީ ސީޒަން
  • ތަރިން: އަލީ ސީޒަން، މަލީހާ ވަހީދު، ޒީނަތު އައްބާސް، އަހުމަދު ސައީދު
  • ސްކްރީންޕްލޭ: އަލީ ސީޒަން
  • ސިނެމެޓޯގްރެފީ: ކަނޑި ވިޝާމް
  • ޕްރޮޑިއުސަރު: މުހައްމަދު އަބްދުﷲ މުހައްމާ
  • ސްޓޫޑިއޯ: ދެކެދެކެވެސް ޕްރޮޑަކްޝަންސް

މި ފިލްމެއް ބަލަން ދާން އެންމެ ފުރަތަމަ ނިންމައިގެން ހުއްޓައި އަޅުގަނޑުގެ އެ ހިޔާލެއް ފަހުން ބަދަލުވީ އަސްލު ސަބަބަކީ ވެސް އެއީ އެވެ. އެހާ ފެންވަރު ދަށް ފިލްމަކަށް ވަގުތާއި ފައިސާ އާއި ހަކަތަ ބޭކާރުކުރުމުގެ މާނައެއް ނުވިސްނުނީމަ އެވެ. އެކަމަކު މި ފިލްމެއްގެ ޖޯކުތަކާއި މި ފިލްމަކަށް ސޯޝަލް މީޑިއާގައި ބަންޑުންވާން ފެށި މަލާމާތާއެކު އެންމެ ފަހުން އަޅުގަނޑު ނިންމީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް މި ފިލްމު ބެލުމަށެވެ. ޝްވެކް ސިނަމާގައި ރޭގެ ޝޯ ކެންސަލްކުރި ނަމަ އެ ޝޯގެ ދިހަ ޓިކެޓް ގަނެގެން ވެސް ފިލްމު ބަލަން އަޅުގަނޑު ހުރީ ހިފާލައިފަ އެވެ.

އެއީ މި ފިލްމެއް ދެކެ މީހުން އެހާ ފޫހިވާ ނުވަތަ އޭތި ޖޯކަކަށް ހަދާ ސަބަބު ހޯދާށެވެ.

އެއަށް ފަހު ދެން ބުނަން އޮތީ، "ވަފާތެރިކެހިވެރިޔާ" އަށް ހޭދަކުރި 100 ރުފިޔާ އާއި ވަގުތާއި ހަކަތައަކީ އެ ފިލްމަށް ހައްގު އަދި އޭގެ ބަދަލު އެތައް ގުނައަކުން ލިބުނު ކަމެކޭ އެވެ. އެއަށް ފަހު، މި ފިލްމެއް އަޅުގަނޑަށް މިހައި ކަމުދިޔަ ސަބަބާއި އެހެން މީހުންނަށް ކަމުނުދިޔަ ސަބަބު ކިޔައިދޭނަމެވެ.

އެކަމަކު އެންމެ ފުރަތަމަ ފަށާނީ މި ފިލްމެއްގެ އަގު މިވަރަށް ވެއްޓެން މެދުވެރި ސަބަބުތަކުންނާއި މަލާމާތައި ފުރައްސާރަ ރައްދުވެ ފިލްމުގެ އޯޑިއެންސް އެހައި މަދުވި ސަބަބުތަކުންނެވެ. އަޅުގަނޑަށް މި ފިލްމު ހާއްސަވި ސަބަބު ވަރަށް ވެސް ހާއްސަ އެވެ. އެހެންވީމަ އެ ވާހަކައެއް އެންމެ ފަހަށް ބާއްވާނީ އެވެ.

އެންމެ ފުރަތަމަ ގޯހަކީ "ވަފާތެރިކެހިވެރިޔާ"

ފިލްމަށް ކިޔާފައި މި އޮތް ނަމެވެ. މިސާލަކަށް އަމިއްލަ އަށް ވެސް ވިސްނާލަބަލާށެވެ. "ވަފާތެރިކެހިވެރިޔާ" މި ނަމުން ދޭ ފުރަތަމަ އިމްޕްރެޝަން އަކީ ކޮބައި ހެއްޔެވެ؟ -- ވަރަށް ވެސް މުސްކުޅި ހިޔާލުގެ ޓިޕިކަލް ދިވެހި ފިލްމެކެވެ.

މި ނަން އައިސް ކަންފަތުގައި ޖެހޭ ހިސާބުން ސިކުނޑިން ދޭ ފުރަތަމަ ސިގްނަލަކީ މިއީ އެވެ. އެކަމަކު ހަގީގަތަކީ، "ވަފާތެރިކެހިވެރިޔާ" އަކީ މުސްކުޅި ހިޔާލުގެ ޓިޕިކަލް ދިވެހި ފިލްމެއް ނޫންކަމެވެ. ސީޒަން ވެސް ބުނެފައި ވަނީ އޭނާ މިހާތަނަށް ކުޅުނު އަދި ޑައިރެކްޓްކުރި އެންމެ ތަފާތު ފިލްމަކީ "ވަފާތެރިކެހިވެރިޔާ" ކަމަށެވެ.

އެކަމަކު އެންމެ ފުރަތަމަ ވެސް މިއޮތީ ނަމުން ފިލްމު ގޯސްކޮށްލެވިފަ އެވެ. އެހެންވީމަ ކިތަންމެ ތަފާތު ފިލްމޭ ބުންޏަސް ސީޒަންގެ އެ ވާހަކައެއް ގަބޫލުކުރަން ގިނަ ބަޔަކަށް އުނދަގޫ ކަމަކަށްވީ ކަމަށް ބެލެވިދާނެ އެވެ. އެހެން ނޫނަސް އާންމުކޮށް ޓީވީ އަށް އަރައި ފޮނިކަނޑާ މީހުން ގިނަ ދާއިރާއެއްގެ ބަޔަކު އެހެން ބުންޏަސް ގަބޫލުކުރަން ފަސޭހައެއް ނުވާނެ އެވެ.

އެކަމަކު އެއަށް ވުރެ ބޮޑަށް މިފަހަރު ގޯސްވީ، ފިލްމަށް ދީފައި އޮތް ނަމެވެ. މިއީ ސީޒަން ކިޔައިގެން އުޅޭ ނަމެކެވެ. އޭނާ އަކީ އާންމުކޮށް އޭނާގެ ފިލްމުތަކަށް ތަފާތު ނުވަތަ އާދަޔާހިލާފު ނަންތައް ކިޔަން ޝައުގުވެރިވާ މީހެއްކަން އެނގެ އެވެ. "މާފެތްނެތް" އާއި "ކަަރުނަވީބޭވަފާ" މިހުރީ ހައްތަހާ ވެސް ސީޒަންގެ އުފެއްދުންތަކެވެ.

ފިލްމުގެ ނަމަކަށް "ވަފާތެރިކެހިވެރިޔާ" ގެ ނަން ކަމުނުދިޔަ އެއް ސަބަބު އެ ދިޔައީ އެވެ. އަނެއް ސަބަބަކީ މި ފިލްމުން އުފެއްދި ނެގެޓިވް ވައިބް ދެނެގަތުމަށް ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރަށް ވެސް ނޭނގުމެވެ. ފަހަރެއްގައި ފިލްމުގެ ނަމަށް މާ ބޮޑަށް އިތުބާރުކުރެވުނީ ކަމަށް ވެސް ވެދާނެ އެވެ.

"ވަފާތެރިކެހިވެރިޔާ" އިއުލާނުކުރުމުން ކޮންމެއަކަސް މި ނަމެއް ނިކަން އަވަހަށް ވައިގައި ހިފައި ބައެއްގެ މެދުގައި ވަރަށް ގަދަ އަށް ވައިރަލްވެއްޖެ އެވެ. "ވަފާތެރިކެހިވެރިޔާ" ގެ ވާހަކަ މުޅި ގައުމުގައި ދެކެވެން ފަށައިފި އެވެ. އެކަމަކު "ވަފާތެރިކެހިވެރިޔާ" އޭ ކިޔައިގެން ދެއްކި ވާހަކަތަކަށް ބަލާއިރު 99 ޕަސެންޓަކީ ފިލްމަށް އޭގެ ނޭދެވޭ އަސަރުކުރާ ފަދަ ގޮތަށް ދެކެވިފައިވާ ވާހަކަކަން ފާހަގަކޮށްލަން ޖެހެ އެވެ.

ފިލްމުގެ ނަމާ ގުޅުވައިގެން ޖެހި ޖޯކްތަކާ ގުޅިގެން އަޅުގަނޑުގެ ޝައުގުވެރިކަން ވެސް ފުރަތަމަ ގެއްލުނެވެ. އެގޮތަށް އަދި ކިތައް މީހުން ތިބޭނެ ހެއްޔެވެ؟

އެހެން ނަމަވެސް ހިތާމައަކީ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް މި ނެގެޓިވް ވައިބް، ރަންވަޅެއްގެ ގޮތުގައި ފެނި، ފިލްމުގެ ހަގީގީ މާކެޓިންގެ ގިޔަރުނަގަން ޖެހޭ ހިސާބަށް ނެގިފައިނެތް ކަމެވެ.

ވަފާތެރިކެހިވެރިޔާ އަކީ ވަރަށް ބޮޑު ޕޮޒިޓިވް މާކެޓިންއެއް ބޭނުންވި ފިލްމެކެވެ. ވަކިން ހާއްސަކޮށް ފިލްމަށް ދީފައި އޮތް ނަމާއި އެއަށް ނަގާފައި އޮތް ކާސްޓަށް ބަލާއިރު ފިލްމާ މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން ބުރަ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ފިލްމުގެ މައްޗަށް ފާޑުކިޔުންތެރިންނާއި މަލާމާތްކުރާ މީހުން ގަދަވެގަތީ އެކަން ނުކުރެވުނީމަ އެވެ.

ފިލްމުގެ މެއިން ކާސްޓް ވަރަށް ވެސް ގޯހެވެ.

ވަކިން ހާއްސަކޮށް ނަމެއް ފާހަގަކޮށް މި ވާހަކަ ދައްކާ ނަމަ، ފިލްމެއްގައި އަލަށް ބޮޑު ރޯލެއް ކުޅުނު، މަލީހާ ވަހީދުގެ ނަން ސުރުހީއަށް ވެސް ނަގަން ޖެހެ އެވެ. އޭނާ އަކީ ފިލްމުގެ ލީޑް އެކްޓްރެސްއެވެ. އެކަމަކު ޕޮޓެންޝަލް ހުރި ޕްލޮޓަކަށް ބަލާއިރު މަލީހާ އަށް މި ފިލްމުން ސުމެއް ވެސް ލިބިގެން ނުވާނެ އެވެ.

ފިލްމާއި ބެލުންތެރިންނާ ދެމެދު އޮތް ގުޅުމުގައި ހުޅުޖަހައި އޭގެ މޫނުމަތި އަންދައި އަޅިއަށް ހެދި ކާސްޓް މެމްބަރަކީ މަލީހާ އެވެ. އެކްޓިން އަކީ ކޮބައިކަން އެ ކުއްޖާ އަށް ނޭނގޭއިރު އެކްޓިން އަކީ ކޮބައިކަން އެ ކުއްޖާ އަށް ބުނެދެވިފައެއް ވެސް ނެތެވެ. އަނެއްކޮޅުން ޑައިލޮގް ޑެލިވަރީގައި އޭނާ ނެރޭ އަޑުތަކުން އެކަނި ވެސް މީހަކު ފޫހިކޮށްލަފާނެ އެވެ. -- ހީވަނީ ފިލްމު ފެށިގެން ނިމެންދެން މަލީހާގެ އަނގަތެރޭގައި ކޮންމެވެސް އެއްޗެއް ތާށިވެގެން އުޅޭހެންނެވެ.

ފިލްމުގައި އޭނާ ކުޅެފައި ވަނީ ސައިކޯ/ސިކް އަންހެނެއްގެ ރޯލެވެ. އެކަމަކު އޭނަގެ އެކްޓިން ބަލައިގެން ސައިކޯވެ ސިކްވާނީ ބެލުންތެރިންކަން ޔަގީނެވެ.

މަލީހާ ކުޅެފައިވާ ރޯލަށް ހުނަރުވެރި އެކްޓްރެސްއެއް ހޯދި ނަމަ މި ފިލްމު މިހާރު އޮތް ހާލަތުން އެތައް ޕަސެންޓެއް ރަނގަޅުވާނެކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ.

އަނެއް ގޯހަކީ އަނެއް ބަތަލާ ޒީނަތު އައްބާހެވެ. ޒީނަތަކީ ވަރަށް އެޑްމަޔާކުރެވޭ ހުނަރުވެރިކަމެއް ލިބިފައިވާ އެކްޓްރެސްއެކެވެ. ވަކިން ހާއްސަކޮށް ގްރިޓީ ރޯލުތަކަށް ވަރަށް މޮޅު އެކްޓްރެސްއެކެވެ. މިސާލަކަށް "އަހުޝަމް" ގައި އޭނާ ކުޅެފައިވާ ރޯލެވެ.

މި ފިލްމުގައި ޒީނަތު ކުޅެފައި ވަނީ ވަރަށް މުއްސަނދި ވަރަށް އިނޮސެންޓް، މަޑުމައިތިރި ނުވަތަ ގޭގައި ނިދުން ނޫން ކަމެއްނެތިފައި ހުންނަ މަހުޖަނެއްގެ ރޯލެވެ. އެއްގޮތަކަށް ވެސް ޒީނަތަށް އޭނާގެ ހުނަރުވެރިކަން ފިލްމުގައި ދެއްކިފައެއް ނުވެ އެވެ.

ފިލްމުގެ ކާސްޓުން ފާހަގަކޮށްލެވުނު އަނެއް ގޯސް އެކްޓަރަކީ އަހުމަދު އަޒްމީލް (އަޒޭ) އެވެ. އޭނާ ދެ ތިން މަންޒަރަކުން ފެނިފައި ގެއްލިގެން ދިޔަ ނަމަވެސް އޭނާ އަށް ދީފައި ވަނީ ވަރަށް ސްޓްރޯންގް ކެރެކްޓާއެކެވެ. އެކްޓަރެއްގެ ގޮތުގައި އެ ފެންވަރަކަށް އަޒޭއަކަށް އަދި ނުދެވެ އެވެ. ހަގީގަތަކީ މިއީ އެވެ. އެ ހަގީގަތް ފިލްމުގައި އެއޮތީ ފެންނާށެވެ.

ދެން ތިބި އެކްޓަރުން ޖުމްލަކޮށް ރަނގަޅެވެ. މެއިން ކާސްޓުން ބާކީ ދެން ތިބީ ދެ މީހުންނެވެ. އެއީ ލީޑް ރޯލު ކުޅެފައިވާ ސީޒަން އާއި މާލޭގެ ގޭންގްސްޓާރެއްގެ ރޯލު ކުޅެފައިވާ އަހުމަދު ސައީދެވެ. އެއީ ފަހަރެއްގައި ސައީދުގެ އެވްރެޖު ކަމަށް ވެދާނެ އެވެ. އެކަމަކު ސީޒަން ކުޅެފައިވާ ރޯލުގެ ތަފާތުކަމަށް ބަލާއިރު އޭނާގެ ޖުމްލަ އެކްޓިން ވަރަށް ވެސް ރަނގަޅެވެ.

ހާއްސަކޮށް ފިލްމުގެ ފަހު ހާފަށް އެޅެމުންދިޔައިރު ސީޒަނަށް އޭނާގެ ކެރެކްޓާގެ ލިބާސް ހެޔޮވަރުވި މަންޒަރުތަކެއް ދިޔަކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު އޭނާ ކުޅެފައިވާ ރޯލަކީ ބައެއް ފަހަރަށް ފޭކް އެކްޓިން ވެސް ދައްކަން ޖެހޭ ރޯލަކަށްވާއިރު، އެފަދަ މަންޒަރުތަކުގައި އާދަޔާހިލާފަށް ފޭކުވެގެން ގޮސް ކެރެކްޓާއިން ނުކުމެވޭކަން ވެސް ފާހަގަކޮށްލެވެ އެވެ.

އެހެންވީމަ މި ވާހަކައެއް ކުރުކޮށްލާ ނަމަ މަލް އާއި ޒީނަތު އަދި އަޒޭ ނޫން އެހެން ބަޔަކު ނުވަތަ އެއަށް ވުރެ ހުނަރުން ފުރިހަމަ ބަޔަކު ފިލްމުގައި ތިބި ނަމަ މި ފިލްމަށް ކިޔާފައި އޮތް ނަމުގެ ކެއްސެއް ނުލިބޭނެކަން ޔަގީނެވެ.

ޕްރޮޑަކްޝަން ފެންވަރު ދަށް، ޕްރެޒެންޓޭޝަން ދެން އޯކޭ!

މި ފިލްމަކީ ހަގީގަތުގައި ސަސްޕެންސް ތްރިލާއެކެވެ. ރޮމޭންސާއި މިސްޓްރީ އެލެމެންޓްތައް އޭގައި ހިމެނޭ ވަރުގަދަ ސަސްޕެންސް ތްރިލާއެކެވެ. އެކަމަކު މި ކެޓަގަރީގެ ފިލްމަކަށް އެންމެ ކަމުދާ ސިނެމެޓޯގްރެފީ އާއި ހިތްގައިމުކަމަކާއި ހީބިހިނެގުމެއް އޭގައި ނެތެވެ.

މިއީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އުފައްދާފައިވާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށީ، ނިމުނީ، ދެން ސްކްރީނަށް އައީ އެވެ. އެކަހަލަގޮތެކެވެ. އެހެންވީމަ ފިލްމުގެ ޕްރޮޑަކްޝަން ލެވެލް ދަށްވެދާނެ އެވެ. އެކަމަކު މިއީ މި ފެންވަރުގައި ހަދާ ވަރަށް ވުރެ ބޮޑު ނުވަތަ މޮޅު ޕްލޮޓެއް އޭގައި އޮތް ފިލްމެކެވެ.

އެކަމަކު މި ޕްލޮޓް އަދި ފިލްމު ވެސް އޮތީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އެކްސެކިއުޓް ނުކުރެވިފަ އެވެ. ވަރަށް ބައިވަރު ސަބަބުތަކެއް އޭގެ ފަހަތުގައި ހުރެދާނެ އެވެ. އެ ވާހަކަތަކަށް ނުގޮސް ފިލްމުގެ ޖުމްލަ ޕްރެޒެންޓޭޝަނަށް ނުވަތަ ސްކްރިޕްޓަށް ބަލަނީ ނަމަ، ތާކުންތާކުނުޖެހޭ ބައެއް ޑައިލޮގްތަކާއި މާނައެއް އަނގަތެޅުންތަކެއް ފިޔަވައި މާ ސީރިއަސް މައްސަލަތަކެއް ނޫޅެ އެވެ. އެކަމަކު ފިލްމުގެ ތިން ބައިކުޅަ ދެބައި ނިމެންދެން ހުށަހެޅުމުގެ ފެންވަރު ދަށެވެ.

މިސާލަކަށް ފިލްމުގައި މިދައްކުވައި ދެނީ، މުއްސަނދި އަންހެނަކާ އިނދެގެން އޭނާގެ މުދާވެރިކަން ފޭރިގަތުމަށް ރާވާ މަކަރުވެރި ފިރިއެކެވެ. އެ ބޭނުމަށް އޭނާ ރަށުން ވަގު ލޯބިވެރިޔަކު ހޯދައިގެން މުއްސަނދި އަންހެން މީހާ މަރާލާ ހިސާބަށް، މިހާރަށް ވުރެ ރަނގަޅުކުރެވިދާނެ ކަމަށް ބެލެވެ އެވެ.

އެގޮތުން މުއްސަނދި އަނބިމީހާ މަރާލުމާ ހަމަ އަށް، އޭނާ މަރާލަނީ ފިރިމީހާ (ސީޒަން) އޭގައި ބައިވެރިވާ ފަދަ ގޮތަކަށް ނޫން ކަމަށް އޯޑިއެންސަށް ފެންނަ ގޮތަށް ގެނެސްދެވުނު ނަމަ މިހާރަށް ވުރެ ޝައުގުވެރިވީސް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ އެވެ. އޭރުން ފަހުން ގެނެސްދީފައިވާ ޓްވިސްޓްތަކަށް ޓްވިސްޓެއް އިތުރުވެ ވަރުގަދަވެގެންދާނެ އެވެ.

ފިލްމުގެ އެންމެ ސަޅީ ވާހަކަ އާއި އޭގެ ޓްވިސްޓްތައް

އެކަމަކު އެ ފުރިހަމަކަން ފެންނަ ފެންވަރުގައި ހުށަހަޅައިނުދެވުމުން ފިލްމު އޮތީ ވަަރަށް ވަނދުކޮށެވެ. މިއީ ފުރިހަމަ އެފަޓެއް ލެވުނު ނަމަ ވަރަށް މޮޅުކުރެވިދާނެ ފިލްމެކެވެ. ފިލްމުގެ ވާހަކައިގައި އެ ކޮލިޓީ އެބަހުއްޓެވެ.

ފިލްމު އުފައްދާފައި ވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމްގެ ވާހަކައެއްގެ އަސްލަށެވެ. މިއީ މި ފިލްމުގެ އެންމެ ކަމުދިޔަ ހިސާބެވެ. އޭގެ ވާހަކަ ނުވަތަ ޕްލޮޓަކީ ފަހުގެ ތާރީޚެއްގައި ދިވެހި ސިނަމާއިން ނުފެންނަ ފެންވަރު ހުރި ޕްލޮޓެކެވެ.

ވަރަށް ޗީޒީ ޑައިލޮގްތަކާއި ބޭޑް ސިނެމެޓޯގްރެފީ އާއި މަންޒަރާއި ހާލަތާ ނުގުޅޭ ސްކޯ އެތައް ފަހަރަށް އަޑުއިވުނު ނަމަވެސް ހަމަ ދުނިޔޭގެ ފެންވަރުގެ ޕްލޮޓެއް އޭގައި އޮތް ފިލްމެކެވެ. އެކަމަކާ ދެބަހެއް ނުވެވޭނެ އެވެ.

އެކަމަކު ސުވާލަކީ އެ ޕްލޮޓުގައި ހުރި ފެންވަރު ސީޒަން އާއި އޭނާގެ ޓީމަށް ދެއްކުނުތޯ އެވެ؟ އެ ޖަވާބު ވަރަށް ވެސް ކުރެވެ. އަދި އެންމެނަށް ވެސް އެނގެ އެވެ.