ރިވިއު

ރިވިއު: ތާށިވީ ޔުނާންގެ "ބޮސް" ދިނުންތަކާ ޖަޒުބާތުގައި!

ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު، ފާތުމަތު ނަހުލާ، އޭނާގެ 4426 އާއެކު ބެލުންތެރިން ބިރުން ފިއްކަނޑުވާލުމަށްފަހު އެ ފިލްމުގެ ކާމިޔާބީގެ ފޮނިމީރު ކަމާއެކު މިފަހަރު ގެނެސްދޭން ނިންމީ މެލޮޑްރާމާ ފިލްމެކެވެ. އެހެން ގޮތަކަށް ބުނާނަމަ ނަހޫގެ އިސްޓައިލް އޭގެ އެންމެ ފުރިހަމައަށް ގެނެސްދޭނެ ފިލްމެކެވެ. އެ ފިލްމެއްގައި ރުއިމާއި ހިތާމައިގެ އަސަރު އޮންނާނެ ވަރު އަމިއްލަ އަށް ހިތަށް ސިފަކޮށްލާށެވެ.

އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް، ނަހުލާ ޕްރޮޑިއުސްކުރި "ބޮސް" އިއުލާންކޮށް ފިލްމުގެ ޕޯސްޓަރުތަކާއި ޓްރެއިލާ އަދި ލަވަތައް ބަލާލުމުން ވެސް މިއީ ހަމަ ފައްކާ "ނަހޫ އިސްޓައިލް" ގެ ތައްގަނޑަށް ފައްކާ ކޮށްފައި އޮތް ފިލްމެއްކަން އެނގެ އެވެ.

ނަމަވެސް ތޮއްޖެހިފައި އޮތް މާލޭގައި އާއިލާ ނުވަތަ ލޯބިވެރިޔާ އާއެކު ހިތް އުފާކޮށްލަން އޮންނަ ހަމައެކަނި ކަމަކީ ކެފޭ އަކަށް އަރައި ކެއުމެވެ. ހާލަކުން ފަހަރު ދިވެހި ފިލްމެއް ރިލީޒްވާތީ ބޮޑު ގްރޫޕް ހަދައިގެން ޓިކެޓް ނަގައިގެން ދަނީ ހިތްހަމަޖައްސާލާށެވެ.

އަހަރުގެ އެންމެ ބޮޑު ރިކޯޑެއް މުގާރާލުމުގެ އަޑު ގަދަކޮށް ޑައިރެކްޓަރު އަބްދުލް ފައްތާހު ހެދި ފިލްމުގެ ވާހަކަ ދެން ދައްކާކަށް ނެތީމެވެ. އޭގެ ފަހުން އެ ފިލްމަށް ވަރުގަދަ އަށް ރައްދުދޭނެ ކަމަށް ބުނެ ނަހުލާ ނެރުނު "ބޮސް" އިން ބެލުންތެރިން ރޮއްވާލާނެ ކަމަށް އޭނާ ވެސް ބުނީ އެހާ އަޑުހަރުކޮށެވެ.

ފިލްމް "ބޮސް" ބަލަން 8:45 ވީއިރު އޮލިމްޕަހަށް ވަދެއްޖައިމެވެ. ގަޑިން 9:20 އެހާކަންހާއިރު އެޅުވި ފިލްމުގެ އެންމެ ފުރަތަމަ މަންޒަރުގައި ވެސް ހިތާމަވެރިކަމާއެކު މަހާނައެއް ކައިރީގައި ދެބައި އުމުރުގެ މީހަކު ހުރިތަން ފެނުމުން ދަބަހުގެ ތެެރެއިން ޓިޝޫއެއް ނަގައި އަތަށް ބޮޑިނކޮށްލީ ފިލްމުގެ ކުރިއަށް އޮތް ދެ ގަޑިއިރު ރޯންޖެހިދާނެ ކަމަށް ހިތަށް އަރުވާލައިގެނެވެ. ފިލްމްގެ ފުރަތަމަ އޯޕަނިން ސީންއަކީ ވެސް ހިތާމަވެރި ލަވައެކެވެ. މިފަހުން ބެލި ފިލްމެއްގައި އޯޕަނިން ސީންއަކަށް ލަވައެއް އޮތްތަނެއް ނުދެކެމެވެ.

ބޮސް ގެ ޓްރެއިލާ. --

ފިލްމު ފަށައި ދިނީ ބޮޑު ފުން ހިތާމައަކުންނެވެ. ލީޑް ބަތަލާ މަރިޔަމް އައްޒަ (އިބާ) އަކީ މާލޭގެ ބޮޑު މަހުޖަނެއްގައި ހުރި ހަމައެކަނި ދަރިފުޅެވެ. އިބާ ވިހެއުމަށްފަހު އޭނާގެ މަންމަ މަރުވުމުން އޭނާ ބަލައި ބޮޑު ކުރީ ބައްޕަ އެކަނި މާއެކަންޏެވެ. ފިލްމުގެ ވާހަކަ ފެށެނީ ހާޓް އެޓޭކެއް ޖެހި އެ ބައްޕަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވާ ހިސާބުންނެވެ. ބައްޕައަކު އެކަނިމާ އެކަނި ގެންގުޅުނު ކުއްޖަކަށް އޭނާގެ ބައްޕަގެ ކުއްލި މަރުން ލިބޭނީ ބޮޑު ޝޮކެއްކަން ތަސައްވަރު ކުރެވެ އެވެ.

އިބާގެ އުފާވެރި ހަޔާތް، ފުންމިން ނޭނގޭ ބޮޑު ހިތާމައެއްގެ ތެރެއަށް ވެއްޓުނީ ދެނެވެ. އަދި ފިލްމު ވެސް ހިތާމައިގެ ފުން ކަނޑަށް ގެނބުނީ ބައްޕަގެ މަރާއެކު އިބާ ޑިޕްރެޝަންގެ ޝިކާރަ އަކަށް ވީ ހިސާބުންނެވެ. ހަޔާތަށް ބިންދާލި ބޮޑު ރާޅުން އިބާ އަށް އެންމެ ބޮޑު ހިތްވަރެއްދީ އޭނާ އަށް އަޅާލީ ބައްޕަގެ ވިޔަފާރީގެ ކަންކަން ބަލަމުން އައީ އިބްރާހިމް ޖިހާދު - ޖިމީ (މާއިޝް) އަދި އޭނާގެ ބައްޕަ އެވެ.

ފިލްމުގެ ލީޑް ބަތަލު މުހައްމަދު ޔުނާން (ރާއިދު) ގެ ތައާރަފެއް ނުދެވޭ ދޯ އެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި ރާއިދު ފެނުނީ ވަރަށް ސެންޓި ޑައިލޮގްތައް ބުނެލާ ތަނެވެ. އެހެންވެ ހީވެފައި އޮތީ އޭނާ ކުޅެނީ ވަރަށް ހިތާމަވެރި ރޯލެއް ކަމެވެ. ނަމަވެސް ހަގީގަތުގައި އޭނާއަކީ ނިކަން ކެރޭ ފިސާރި ގަޓުހުރި ސްމާޓް ވަގެކެވެ. އައިޓީ ކިޔަވައިގެން ރާއިދުގެ ކަމަކީ ސިޔާސީ ވެރިން ބެލްކްމެއިލް ކޮށްގެންނާއި އެކައުންޓްތައް ހެކްކޮށްގެން ފައިސާ ހޯދުމެވެ. ފިލްމަށް ރާއިދު ތައާރަފް ކުރީ ފައިސާއަށް އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކުރަން ތައްޔާރަށް ހުރި މީހެއް ގޮތަށެވެ.

އެކަމަކު ރާއިދު ލުކް އާއި އޭނާގެ ކެރެކްޓާ ހުށަހަޅައި ދެމުން އައިގޮތުން އެ ބުނާ ޒާތެއްގެ ކަމެއް ކޮށްލަން ކެރޭނެ ގަޓެއް ރާއިދުގެ ގައިގައި ހުންނަ ހެނެއް ސިކުނޑިއަކަށް ނަގަން އުނދަގޫވި އެވެ. އެއަށް ވުރެން އޭނާ ވައްތަރީ ޖޫލިއެޓާ ހެދި ހޭބަލިވެގެން އުޅޭ ރޯމިއޯ އަކާ އެވެ. މާ ބޮޑަށް ކެރެކްޓާގެ ލޮނު މަޑީ އެވެ.

ދެން މި އަންނަނީ ފިލްމުގެ ޓްވިސްޓް ފެށޭ ހިސާބެވެ. ރާއިދުގެ ހިތުގެ ރާނީ ފާތިމަތު އާޒިފާ (ޖޫން) ގެ ހިތް މޮޅު ކަމުން އޭނާ އަށް މީހަކާ އިނދެވެން އަންނަނީ ކައިވެންޏަށްފަހު ވަކިން އުޅޭނެ ގެއެއް ލިބުމުންނެވެ. އެހެންވެ ރާއިދު ފައިސާގަނޑެއް ހޯދައިގެން އޭނާ އަށް ހުޅުމާލެ ބީޗް ފްރޮންޓުން ގެއެއް ގަނެ، އިންނަން އަހަނީ އެވެ. ރާއިދު ފްރެންޑް ޒޯން ކޮށްފައި ހުންނަ ޖޫން އަށް މިއީ ލިބުނު ބޮޑު ޝޮކެކެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާ ރާއިދު ދުށީ ރައްޓެއްސެއްގެ ގޮތުގަ އެވެ. މުދަލާއި ފައިސާ އަދި އަރާމު ދިރިއުޅުމަށް ލޯބިކުރާ ޖޫންގެ ހިތުގެ ރާޖާ އަކީ މާއިޝް އެވެ.

ރާއިދުގެ ލޯބި، ޖޫން ގަބޫލު ނުކުރުމުން ވެސް އޭނާ ފަހަތުން ރާއިދު ދުވަނިކޮށް މާއިޝްގެ ބައްޕަގެ ރާޑަރަށް ރާއިދު އެރީ އެވެ. ރާއިދަކީ އެމީހުން ޖަހައިގަންނަން އުޅުނު ޖަވާހިރަށް ވާސިލުވާން ކުރު މަގެއް ކޮށަން ހޯދި މީހާ އެވެ.

މި ފިލްމަކީ ހީކުރާ ގޮތަށް ތިނެސްކަން ލޯބީގެ ވާހަކައެއް ނޫނެވެ. އެއަށް ވުރެން މި ފިލްމުގެ ލޯބީގެ ކަންތައްގަނޑު ފިލްމް ފެށި އިރުކޮޅެއް ނުވެ ސާފުވެ އެވެ. ދެން އެ ހިސާބުން ފުލްމްގައި ވާނެ ހުރިހާ ގޮތެއް އެނގި ނިމިއްޖެ އެވެ.

މާއިޝްގެ ބައްޕަ ރާއިދަށް މަހަކު 3،000 ޑޮލަރު ދީގެން ގެންދިޔަ ވަޒީފާ އަކީ އެއް ގޮތަކަށް ވެސް މީހެއްގެ އެކައުންޓްގައި ހުރި ފައިސާތައް ކަހާލުމެއް ނޫނެވެ. ޑިޕްރެޝަނަށް ގޮސް ހަލާކުވާން ކައިރިވެފައި ހުރި އިބާގެ ކެއާޓޭކާއެއްގެ ވަޒީފާ އެވެ. އެވެސް އެމީހުންގެ ރިސޯޓެއްގައި އިބާ ބަލަން ހުރުމެވެ. އައިޓީ މީހަކު ޒުވާން އަންހެން ކުއްޖެއްގެ ކެއާޓޭކާ އަކަށްވުމުން މިހާރު ވެސް އިންޓްރެސްޓިން ވެއްޖެ ދޯ އެވެ.

ބޮޑު މުސާރަޔަކާއި ނިކަން ފަސޭހަކޮށް ރިސޯޓްގައި އުޅެ، ނުވިތާކަށް ގާތް އެކުވެރިޔާ އަށް ވެސް ރިސޯޓުން ވަޒީފާ ހޯދައިދީގެން އިބާ ބަލަން ރާއިދު އައީ ޖޫން އަށް ދެވިފައި އޮތް އޭނާގެ ހިތް ފުރަތަމަ ނަޒަރުން އިބާ އަށް ހަދިޔާކުރެވޭނެ ކަމަކަށް ނޫނެވެ.

ފިލްމުގެ ދެން ފެނިގެންދަނީ އެހާ ހަމަޖެހޭ ކަންތައްތަކެއް ހެނެއް ހިއެއް ނުވެ އެވެ. ރާއިދުގެ ވަޒީފާ އަކީ އިބާ ބެލުމެވެ. އޭނާ ޑިޕްރެޝަނުން ސަލާމަތްކޮށް އަމިއްލަ ހާލައިގެން އުޅެވޭ ވަރު ކުރުމެވެ. އެތަކެއް ވާހަކައެއް ރާއިދު ދެއްކިޔަސް އިބާގެ ކަމަކީ ކޮޓަރި ތެރޭގައި އޮވެ ރުއިމެވެ. އެކަމަކު ވެސް އަބަދުވެސް އިބާ ހުންނަނީ ފެންވަރައި ނިކަން ރީތި ވެގެނެވެ. އާންމުކޮށް ފެންނަ ޑިޕްރެޝަން ހުންނަ އެކަކު ވެސް ފެންވަރައި އެހާ ބޮޑަށް ނަލަހެދިގެން ހުއްޓައެއް ނުދެކެމެވެ. -- ފަހަރުގައި ނަހުލާގެ މެލޮޑްރެމެޓިކް ދުނިޔޭގައި ޑިޕްރެޝަންގެ ޝިކާރަވެރިން އުޅެނީ އެހެން ކަމަށް ވެދާނެ އެވެ.

ހިއްސުތައް ސަލާމަތުން ހުރި ފިރިހެނަކާ ރީތި އަންހެނަކު ބަލަން ހަވާލުކުރުމުން އެކަކު އަނެކަކު ދެކެ ލޯބިވުމަކީ އެންމެ ކައިރީގައި އޮތް ކަމެވެ. ދުނިޔޭގެ އަލިކަން ފެނި ބިރުން އުޅުނު އިބާގެ ހަޔާތަށް އަލިކަން ގެނެސްދެނީ ރާއިދެވެ. ރާއިދާއި އިބާގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ވިންދު ޖެހިޔަސް، އެ ވާހަކަ ދުލާ ހަމަޔަށް ގެންނާނެ ހިއްވަރެއް އެކަކަށް ވެސް ނުލިބުނެވެ.

މާއިޝްއާ ޖޫން އަކީ ލޯބިވެރިންނެވެ. އަދި ޖޫން އަކީ އެއް އިރެއްގައި ރާއިދް ސެޓް ކުރަން އުޅުނު ބިޓެކެވެ. ޖޫން އާއި މާއިޝް އިންނަން ތައްޔާރުވަމުން ދަނިކޮށް އެ ޕްލޭން ފެއިލްކޮށްލީ މާއިޝްގެ ބައްޕަ އެވެ. އެ ޕްލޭން ފެއިލްކޮށް އޭނާގެ ބައްޕަ ފޮނުވާލާ ރޮކެޓާއި އެ ރޮކެޓް އަތަށް ގޮވާ ގޮތް އަހަރެން ކިޔައިދޭކަށް ނެތީމެވެ. ފިލްމް ބަލައިލުން ރަނގަޅުވާނެ އެވެ.

ފިލްމުގެ ވާހަކަ އެނބުރިގެންދަނީ ރާއިދުގެ އެކުވެރިޔާ އަލީ އާޒިމް - ދޮން އައްޔަ (އަބޯ) އަށް ލިބުނު އިންޓެލް މައުލޫމާތަކާއެކު އެވެ. އޭރު މާބޮޑަށް ވެސް ވަގުތު އޮތީ ފާއިތުވެފަ އެވެ. އިބާއަށް އެކަން އެނގުނީ ވާނެ ހަ އެއްޗެއް ވީ ފަހުންނެވެ. އެކަމާ އިބާގެ ހާލު ދެރަވެ ދިރި ހުރީ ރާއިދުގެ ބޮސްދިނުންތައް ގިނަކަމުން ކަމަށްވެދާނެ އެވެ. މިހާ ހިސާބުން ފެށެނީ ފިލްމްގެ އެންމެ އަސަރު ގަދަވެގެންދާ ހިސާބެވެ. ދެން ފިލްމްގައިވާނެ ގޮތް އަހަރެން ނުކިޔައިދޭނަމެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރުގެ މި ދިގު ފިލްމު ބަލަން ސިނަމާގައި ކެތްވީ ކިރިޔާ އެވެ. އަސަރުގަދަކަމުން ހިތް ފަޅައިގެން ގޮސްގެނެއް ނޫނެވެ. ފަހު ބައި ފޫހިވެގެނެވެ. ނަހުލާ އެ ބުނި އިމޯޝަނެއް ނުގެނެސްދެވި، ރާއިދުގެ ގިސްލުމާއި ހިތާމައިގެ ކަނޑަކަށް އަހަރެން ނުގެނބި ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

ފިލްމު ދެކެ ބެލުންތެރިން ފޫހިނުވެ ތިން ގަޑިއެއްހާ އިރު ކެތްކޮށްލެވުނީ އަބޯ އާއި ޖޫން އަދި މާއިޝްގެ ކެރެކްޓާ އެތަރިން ހުށަހަޅައިދިންލެއް ފުރިހަމަކަމުންނެވެ. ފަހަރުގައި އެއީ އެތަރިންގެ އެކްސްޕީރިއަންސްގެ ސަަބަބުން ކަމަށްވެދާނެ އެވެ. ޖިމީ އާއި އައްޔަގެ އެކްޓިން އަށް އަތްތިލަބަޑި ޖަހާވަރުވެ އެވެ.

ލަފާކުރެވޭ ގޮތުން މި ފިލްމަކީ ހޮލީވުޑްގެ ފިލްމް "އަ ވޯލްކް ޓު ރިމެމްބާ" އާއި "ސަނަމް ތެރީ ކަސަމް" އިރައި ކުދިކޮށް އެއަށް ނަހޫ އިސްޓައިލްގެ މަސާލާ އަޅައިގެން ލޮނު މަޑުކޮށް ކައްކާފައި އޮތް ރިހަގަނޑެއްހެން ހީވެ އެވެ. މިހެން ނުބުނާ ވަރެއް ނޫނެވެ. އެންމެ ހިތާމަވެރި ވަގުތު ވެސް އެހެރަ ރާއިދެއްގެ މޫނު މަތީގެ އެކްސްޕްރެޝަނާއި ޑައިލޮގް ޑެލިވާ ކުރާ ގޮތުން މުޅި ސިނަމާ ތެރޭގައި ރޯ އަޑެއް ނީވި އިވެނީ ބިނދި ބިނދިފައި ހޭ މީހުންގެ އަޑެވެ. ޔުނާންގެ ފުރަތަމަ ފިލްމަށް މި ފިލްމު ވިޔަސް އޭނާގެ އެކްޓިން އަށް އަހަރެން ދޭނީ ހަމަ ސުމެކެވެ. އިމޯޝަނޭ ކިޔާ އެއްޗެއް އޭނާ އަށް ގެންނާކަށް ނޭނގެ އެވެ. އެކަމަކު މަސައްކަތް ކޮށްފިއްޔާ ރަނގަޅު ކުރެވިދާނެ އެވެ.

ލީޑް ބަތަލާ އައްޒަ، ފިލްމު ފެށިގެން ނިމެންދެން އޭނާގެ ކެރެކްޓާ ގެނެސްދީފައިވާލެއް ވަރަށް ވަރަށް ރަނގަޅެވެ. މިފަހުން ނިކުތް އައްޒަގެ ފިލްމުތަކާ އަޅާބަލާއިރު އޭނާގެ އެކްޓިން ފިލްމަކަށް ވުރެ ފިލްމެއް އަންނަނީ ރަނގަޅު ވަމުންނެވެ. އެކަމަށް އޭނާއަށް ހަމަ ސާބަހެވެ.

ފިލްމުގެ ޑައިރެކްޓަރު ރިޝްމީގެ މޮޅު ކަމެއް ފިލްމު ނިމުނު އިރު ވެސް އަހަންނަކަށް ނުފެނުނެވެ. އެއަށް ވުރެން ބޮޑަށް މިއީ ނަހުލާގެ ޑައިރެކްޝަނެކޭ ބުނުން މާ ރަނގަޅުވާނެ އެވެ. އެ ސަބަބެއް އިނގޭނީ ޑައިރެކްޓަރާ ޕްރޮޑިއުސަރަށެވެ.

ނަހުލާގެ ވާހަކަ އަކަށް އޭނާ އަމިއްލައަށް ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމުގެ ޑައިލޮގްތަކުގެ ވާހަކަ އަކީ ނުދައްކާ އެއްވެސް ވަރަކަށް ދޫކޮށްލައިގެން ފަރުޖެއްސެން ނެތް ބައެކެވެ. ޑައިލޮގްތައް ފޫހިވެ ދިގުކަމުން ނިދި އައިސްގެން އާފުރުނީ ކިތައް ފަހަރުކަމެއް ނޭނގެ އެވެ. މި ޒަމާނުގައި އެހާ ޑްރެމެޓިކްކޮށް ދެ ޒުވާނަކު ވާހަކަ ދައްކަނިކޮށް އަޑެއް ނާހަމެވެ. ކުރުގޮތަށް ބުނަނީ ނަމަ ފިލްމުގެ ޑައިލޮގްތައް ތަންކޮޅެއް ކުރުކޮށް އެހާ ހާސަރު ދިގުނުކޮށް، ގަޑުބަޑު ނުކޮށްލާ ފިލްމު ކުރުކޮށްލި ނަމަވެސް ބެލުންތެރިން ފޫހިނުވެ ފިލްމު ބަލައި ނިމުނީހެވެ.

ބޮލީވުޑާއި ހޮލީވުޑްގެ އެކި ރަހަތަކުގެ ފިލްމުތައް ބަލައި، ދިވެހި އޯޑިއަންސްގެ އުންމީދުތައް އުޅެނީ ދިވެހި ރިހި ސިނަމާ އަށް ވުރެން ހާސްބައި މަތީގަ އެވެ. ހިތާމައިގެ ގަނޑަށް ގެނބޭ ތިނެސްކަން ލޯބީގެ ޒާތުގެ ފިލްމަށް ވުރެން ދިވެހިން ބޭނުންވަނީ މިހާރު ތަންކޮޅެއް ޒަމާނީ ލޯބީގެ ހެއްވާ މަޖާ ބައިވެސް ހިމެނޭ ފިލްމުތަކެވެ.

ރިވިއު ނިންމާލުމުގެ ކުރިން ސިނެސްޓޯމްގެ ސިނެމެޓޯގްރަފީ އަށް ތައުރީފު ނުކޮށް ނިންމާލައިފި ނަމަ މިއީ އެއްވެސް އިންސާފަކުން ލިޔެވުނު އެއްޗެއް ނޫނެވެ. އެ ޒުވާން ޓީމުގެ މަސައްކަތް މޮޅަސް، ކުރިން ވެސް ބުނި ރުއިމާ ހިތާމައިގެ ހާސަރު ބޮޑުވުމުން ރަނގަޅުވި ހަމަ އެކަނި ކަންތައް ވެސް އެ ހިތާމައިގެ ކަނޑުގައި އޮޔާ ގޮސް އޮތީ ގެނބިފަ އެވެ.