މި ދެނީ ދައުވަތަކެވެ؛ ވަރުޖީނާގެ ކުދި ކިޔުންތަކާއި އިމޯޝަނަލް ޑްރާމާއަށެވެ. ދޮންތަގެ ޝައްކު ބައްޔަށާއި ދިޔާނާގެ ލާފިން ތެރަފީއަށެވެ. ޕްރަދީބުގެ ރުޅި ގަނޑާއި ސަލްމާން އާއި ރުޝްދީގެ އޮޅުންބޮޅުން ހަޔާތް ބަލާލުމަށް ދައުވަތެކެވެ.
މިހާރު އޮލިމްޕަހުގެ ރިހި ސްކްރީންގައި ފޮނިގަދަކޮށްލާފައިވަނީ "މާމުއި" އެވެ. ހައުސްފުލް ޝޯތައް ދައްކަމުންދާއިރު ޓިކެޓް ހޯދުން ވެސް ވަނީ އުނދަގޫވެފަ އެވެ. ދިވެހިންގެ ތެރެއަށް "މާމުއި"ގެ ރަހަ މާބޮޑަށް ވެސް މިއޮތީ ކަމުގޮސްފަ އެވެ. އުނދަގުލުން ޓިކެޓް ހޯދައިިގެން ވެސް އެ ރަހަ ބަލާލުމަށް އޮލިންޕަހަށް އަހަރެން ވެސް ވަނީ އެވެ.
"މާމުއި" މި ފިލްމަކީ ތަފާތު، ގިނަ ކެރެކްޓާތަކެއްގެ ވާހަކައެއްގެ މައްޗަށް ބިނާވެފައި އޮތް ހެއްވާ މަޖާ އެތައް ކަމެއް ފެނިގެންދާ ފިލްމެކެވެ. ތަފާތު ގޮތްގޮތަށް އެކުވެމުން އެކުވެމުން އައިސް އެންމެން އެއް ތަންވެ، ފުލުހުންގެ އޮޕަރޭޝަނެއްގެ ނިންމުން އަންނަ ގޮތުގެ ވާހަކައެކެވެ.
ފިލްމްގެ ވާހަކަ އެނބުރެން ފަށަނީ އިންޑިއާ މަންމައަކާއި ދިވެހި ބައްޕައަކަށް ލިބިފައިވާ ދަރި، ޕްރަދީޕްއާ ހަމައިންނެވެ. އެހާ އަވަހަށް ރުޅި އަރައި ޕްރަދީޕްގެ މަންމަ ފަރާތުން ސައުތު އިންޑިއަން ސަޓައިލް ގަނޑު އޭނާއަށް ވަނީ ވާރުތަވެފަ އެވެ. ޕްރަދީޕްއާ ހަމައިން ރުޝްދީގެ ވާހަކައިން ވެސް ކުރި ފަޅަ އެވެ. އުތީމަށް އުފަން ރުޝްދީއަށް ޖެހޭ ލަގާތަކަކީ ކުދި ލަގާއެއް ނޫނެވެ. ރުޝްދީގެ ހަޔާތް "ފިޔާތޮށި"ވަމުން ދިޔަ ވަރަކަށް އޯޑިއެންސް ދިޔައީ ހެމުންނެވެ. "ފިޔާތޮށީ" ގެ މާނަ "މާމުއި" ބެލުމުން އެނގޭނެ އެވެ.
ރުޝްދީގެ ހަޔާތުގެ އެންމެ ބޮޑު "ވިލަން" އަކީ އޭނާގެ ލޯބިވެރިޔާ ތާނިޔާގެ ދޮންތަ އެވެ. ދޮންތަގެ ޝައްކުތަކާއި ފަރާލުންތައް ގޮސް ނިމެނީ ރުޝްދީ، ތާނިޔާއަށް ބޭނި ހުސްވާ ހިސާބުންނެވެ. ގާޑިޔާ ދޮށުގައި ޕްރަދީޕާއި ރުޝްދީ އަދި ދޮންތައާއެކު ތާނިޔާ އެއްވާ މަންޒަރަކީ ފިލްމް އެންމެ މަޖާ އެއް މަންޒަރެވެ. މުޅި އޮލިންޕަސް އެ ގަޑިޔަލާއި ކުރުނބާއާ ހެދި ހީ ބަލިވި އެވެ. -- ޕްރަދީޕާއި ރުޝްދީގެ ވެސް އޮތީ ގާތް ގުޅުމެކެވެ.
މުހިންމު ކެރެކްޓާތައް
- މަރިޔަމް އައްޒަ (ހައިފާ)
- ޖުމައްޔިލް ނިމާލް (ސަލްމާން)
- އިސްމާއިލް ޖުމައިހް (ރުޝްދީ)
- މަރިޔަމް މަޖުދާ (ތާނިޔާ)
- ނުޒުހަތު ޝުއައިބު (ދިޔާނާ)
- އަބްދުﷲ ޝާފިއު (ހައްޕު)
- ޝީލާ ނަޖީބު (ވަރުޖީނާ)
- ހަމްދާން ފާރޫގް (ރޯޒީ)
- އާދަމް ރިޒްވީ (ޕްރަދީޕް)
- އައިޝަތު ޔާދާ (ސާނިޔާ)
- އަހުމަދު ސުނީ (ރީތި އިއްސެ)
- އަލީ ޝަޒްލީމް (ބަނީ)
- އަހުމަދު ޝާކިރު (ހުދު މުހުތާރު)
ޕްރަދީޕާއި ރުޝްދީގެ އޮތް ގުޅުން ޕްރަދީޕާއި ދިޔާނާގެ ވެސް އެބަ އޮތެވެ. އެންމެން ވެސް ވާހަކަ ހިފައިގެން ދަނީ ދިޔާނާގެ ގާތަށެވެ. އޭނާގެ ފަރުވާއަކީ ލާފިން ތެރަޕީ އެވެ. ދިޔާނާ ލާފިން ތެރަފީ ދޭއިރު މުޅި ފިލްމް ވެގެން ދިޔައީ އޯޑިއަންސްއަށް ލާފިން ތެރަފީއަކަށެވެ. ދިޔާނާގެ އަވަށްޓެރި ހައްޕު އާއި އޭނާގެ ބޭބެ ރީތި އިއްސެގެ ވާހަކަ މިހާ ހިސާބުން ގެންނާނަމެވެ. ދެ ބެއިންގެ ދެމެދު އޮތް ލޯބީގެ ނަފުރަތުގެ ގުޅުން ކެއުމުން ފެށިގެން މަންމަގެ ގަހާނާތަކާ ހަމައަށްދެ އެވެ. ހައްޕު އާއި ރީތި އިއްސެ އެކުވެއްޖެނަމަ އެންމެން ތިބެނީ ހީހީ އަވަދިވެފަ އެވެ.
އެކަމަކު، "މާމުއި" އެންމެ ފޮނި ކަމަކީ ވަރުޖީނާ އެވެ. ފިލްމްގައި ވަރުޖީނާއަކީ ސެލޫނެއް ހިންގައި އެކަނިވެރި މަންމައެކެވެ. ދިރިއުޅެނީ ދަރިފުޅު ސަލްމާން އާއި ޅީދަރި ހައިފާއާއެކު އެވެ. ސަލްމާން، ބޮޑުވެ މީހަކާ އިނދެގެން އުޅުނަސް ވަރުޖީނާއަށް އެއީ ތުއްތު ދަރިފުޅެވެ. ހެނދުނުގެ ނާސްތާއަށް ކޮޓަރިއަށް ގޮވަން ގޮސް ގަރުދިޔަ ބޯ ކައްކައިދެނީ އެހާ ލޯބިންނެވެ. އެކަން ބޮލު ރިހުމަކަށްވީ ހައިފާއަށެވެ.
ވަރުޖީނާގެ ފޮނިކަން ފިލްމްގައި ގަދަ ކަމަށް ބުނަން ޖެހޭ އެތައް ސަބަބެއް އެބަ އޮތެވެ. "ޝީލާ ދޯ،" އޯޑިއަންސް ތެރެއިން އިރުއިރުކޮޅާ ގޮވާލާ އަޑު އިވެނީ މިހެނެވެ. ވަރުޖީނާގެ ވަރުގަދަ ރޯލް ކުޅިފައިވަނީ ޝީލާ ނަޖީބެވެ. މި ފިލްމަކީ ޝީލާގެ އާދަޔާ ހިލާފު އެކްޓިންއެއް ދައްކާލި ފިލްމެކެވެ. ފިލްމް ބަލާފައި ނުކުންނަ ގިނަ މީހުންނަށް އެންމެ ހަނދާނުގައި ހުރީ ވަރުޖީނާގެ މަންޒަރުތަކެެވެ. "އައި ޓޯކް ބެޑް ޝީޓް"އިން ފެށިގެން ރޮޒީއާއެކު ހިންދީ ލަވައަށް ކަރޯކޭ ޖެއްސުން ވިޔަސް ވަރުޖީނާ ވަރެއް ނެތެވެ. ސަލްމާން ކައިރީ އިމޯޝަނަލް ޑްރާމާ ޖައްސާލައި، ހައިފާއަށް ޒީލަގަދަ މޫނު ދައްކާލަން ވެސް އެވަރެއް ނެތެވެ.
ފިލްމްގެ ކޮންމެ ކެރެކްޓާއެއްގެ ވެސް މުހިންމުކަން އެހާ ބޮޑުވިއިރު އާންމު ދިވެހި ފިލްމްތަކާ "މާމުއި" ތަފާތު އެތައް ސަބަބެއް އެބަ އޮތެވެ. އާންމުކޮށް ދިވެހި ފިލްމްތަކަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ ހާސަރުގަނޑު ބޮޑުވުމާއި ދިގުވެ ފޫހިވުމާއި ބޭކާރު ލަވަތައް ހުރުމެވެ. އަދި ހަމަ ނުޖެހޭ ކަންކަމާއި އާންމު ބަހުރުވަ ނޫން ގޮތަށް ޑައިލޮގްތައް ހުރުމެވެ. އެ ހުރިހާ ކަމަކަށް "މާމުއި"ގައި ޖަހާފައިވަނީ ފުލްސް ސްޓޮޕެވެ.
އެތައް ބައެއް ވާހަކަ އެކުވެ، އެއް ވާހަކަ ގެނެސްދީފައިވަނީ ވަރަށް ވެސް މޮޅަށެވެ. ފޫހިވެ ނިދި ޖެހޭނެ ވަގުތެއް ނުދިނެވެ. ދެ މަންޒަރު ދޭތެރެއަށް ވެސް މަޖާ ކޮންމެ ވެސް ކަމެއް ވައްދާލަ އެވެ. އެފަދަ އެކަމަކީ ސައީދެވެ. ފިލްމްގައި ސައީދު ހާއްސަ ފެނިލުންތަކެއް ދިޔަ އެވެ. އެ ފެނިލުންތަކުން މަޖާކަން އިތުރުވެ، ކެރެކްޓާތަކުގެ ވަކިވަކި ވާހަކަތައް އެއް ވާހަކައަކަށް ވެގެންދިޔަ އެވެ.
ސައީދުގެ އިތުރުން ދެން ފެނިގެން ދިޔަ ހާއްސަ ފެނިލުންތައް ވެސް ވަރަށް ފައްކަލެވެ. ޝައްކު ދޮންތަގެ ސާވޭއެއް ތެރެއިން ފޯނު ހިއްލާލި އާރިފާއާއެކު އޯޑިއެންސް ހިތް އުފާކޮށްލި އެވެ. އާރިފާއަކީ ތައާރަފަކަށް ބޭނުމެއްވާނެ ތަރިއެއް ނޫނެވެ. އެއީ ހަމަ އެއްވަނަ އެވެ. ދެން ވެސް ފެނިގެންދިޔައީ ހަމަ އެއްވަނަ އެކެވެ. "ވާރޭގެ ޕާރީ ތެމިތެމި އެހުރީ"އިން އެ ފެނުނީ އިސްމާއިލް ވަޖީހެވެ. ހަޅޭކާއި ސާބަހުގެ އަތްތިލަ އެންމެ ގަދަވީ އިސްމާއިލް ވަޖީހުގެ ސްކްރީން އެ ފެނިލި ކުޑަ ވަގުތުކޮޅު އެވެ. އެތައް ޒަމާާނަކަށްފަހު އިސްމާއިލް ވަޖީހު އެ ހުރީ ރިހި ސްކްރީންގައި ފެންނާށެވެ.
އިސްމާއިލް ވަޖީހުގެ ރަން ޒަމާނުގެ ލަވަތައް ޓްރިބިއުޓެއް ދިނުމަށް ފިލްމްގެ ތެރެއިން ފެނިގެން ދިޔަ ލަވަ ވެސް ފާހަގަނުކޮށް ދޫކޮށްލާ ވަރެއް ނޫނެވެ. އޭރުގެ މަޝްހޫރު ލަވަތަކުން ދައްކާލި އަދިވެސް ހަނދާނުގައި ހުންނަ ވަރުގަދަ ނެށުމުގެ ހަރަކާތްތަކާއެކު ފެނިގެން ދިޔައީ ފުބޫ އާއި ނުޒޫ އެވެ.
އަނެއްކާވެސް ފިލްމަށް ޖެހިލާއިރު ފިލްމް ދެން ހިނގައި ގަންނަނީ ވަރުޖީނާ އާއި ރީތި އިއްސެއާ ހިސާބުންނެވެ. އެ ދެ މީހުންގެ މާޒީ އާއި ބައްދަލުވުމެވެ. ވަރުޖީނާ އާއި އިއްސެގެ ބައްދަލުވާ މަންޒަރަށް ގެނެސްފައިވާ "އިންޑިއަން ޓަޗް"އަކީ ދިވެހި ފިލްމަކަށް އެކަން ގެނެވޭނެ އެންމެ މަޖާ ގޮތެވެ. އާންމުކޮށް ދިވެހި ފިލްމްތައް ހިންދީ ފިލްމްތަކުން ކޮޕީކޮށް މީހުން ފޫހިކޮށްލިޔަސް މި ފިލްމަށް އިންޑިއާގެ ގޮތްގަނޑު ގެނެސްފައިވަނީ ހަމަ ވަރަށް "ހިޓްކޮށެވެ". އެއީ ވަރުޖީނާގެ ޑްރާމާކަން ވެސް ބޮޑީ އެވެ. "މާމުއި"ގެ ވަރުޖީނާގެ ވާހަކަ ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ އެވެ. އެކަމަކު، ވަރުޖީނާ ގޮތަކަށް މިފަހަރު ހޭނެތި އެ ވާާހަކަ ހުއްޓާލާނީ އެވެ.
ދެން އޮތީ ހުދު މުހުތާރެވެ. ފިލްމްގެ ނުބައިބައި ބޮސް އެވެ. ވަރުޖީނާ އާއި ފެށިގެން ދޮންތަ ވެސް އެތައް ކޮށްލަނީ މި މުހުތާރަކާހެދި އެވެ. އޭނާގެ މާމުއި ފުޅިއާ ހެދި އެވެ. އެންމެން އެތައްކޮށްލާ، ފިލްމްގެ ކްލައިމެކްސްއަށް ގެންނަނީ ހުދު މުހުތާރެވެ. ބޮޑު ތޮޓެއްގެ ތެރޭގައި ފެނިގެންދާ ކްލައިމެކްސް މަންޒަރުން ފިލްމްގެ ހުރިހާ ކެރެކްޓާތަކެއް އެއް ތަނަކުން ފެނެ އެވެ. އެތާ ހިނގާ ކަންކަމަކީ ކިޔައިދެވޭ ވަރަށްވުރެ ވެސް މަޖާ، ހީހީ އަވަދިކޮށްލާ މަންޒަރުތަކެކެވެ. އޭގެ ކުރިން މަންމަ ތުއްތު، ސަލްމާންއަށް ޖެހޭ ހާލެއް ވެސް ވަކި ދެރައެއް ނޫނެވެ. ހަމައެހެން އޭރު ސަލްމާންގެ ބެސްޓް ފްރެންޑް ރުޝްދީ ވެސް އޭރު ހުންނަނީ ބޯނެ އެއްޗެއް ބޮއެފަ އެވެ. ރުޝްދީ ބުއިހާ ބޮނޑި، ބަނީ ވެސް ބުޔެވެ. ބަނީއަކީ ދޮންތަގެ ފިރިމީހާ އެވެ. ބަނީ ފެންނަ ކޮންމެ ފަހަރަކު ވެސް އުޅެނީ ކޮންމެ ވެސް ލަނޑެއް ލިބިގެންނެވެ. ޖިމް ތެރޭގައި ލިބެނީ ވަރުގަދަ ބޮނޑިއެކެވެ. ގިނަ މީހުން އެ މަންޒަރު ފެނުމުން އެޅީ މޫނުގައި އަތެވެ.
ދެން "މާމުއި"ގެ ރަހަ ބަލަންވާނީ އޮލިމްޕަހަށް ގޮހެވެ. ދިވެހި ފިލްމްގެ ވައްޓަފާޅިއަށާއި ކޮލެޓީއަށް މިއީ އިންގިލާބެކެވެ. ކުޅަދާނަ އެކްޓްރެސް ރިޝްމީ ބުނެފައިވާ ފަދައިން މިއީ އެންމެ މޮޅު، އެންމެ ތަފާތު ދިވެހި ކޮމެޑީ ފިލްމެވެ. މި ފިލްމަށް މި ދޭ ދައުވަތުގައި ހިފައިގެން މާޔޫސެއް ނުވާނެ އެވެ. ނުކުންނާނީ ހެމުން "ހާދަ މަޖަލޭ ހާދަ މަޖަލޭ" ކިޔަމުންނެވެ.