ދިވެހި ސިނަމާ

މިރޭ އޮލިމްޕަހަށް ކާކު؟

"މީ ޕްްރޮޑަކްޝަން" އިން މިއަހަރު ގެނެސްދޭ ފީޗާ ފިލްމު "ކާކު" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.

މުހައްމަދު އަބޫކަރު (މާއެނބޫ) ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެކުވެރިންތަކެއް ރަށަށް ކުރާ ދަތުރެއްގައި އެ މީހުންނަށް ދިމާވާ ބިރުވެރި ގިނަ ހާދިސާތަކެއް މި ފިލްމުގައި ދައްކުވައިދޭނެ އެވެ.

ކުޅުދުއްފުށީގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތަކުން އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި އިރުފާނާ އިބްރާހިމްގެ އިތުރުން އައިޝަތު ޔާސިރާ އާއި ޝާފިއު މުހައްމަދު ފެންނާނެ އެވެ. އަދި މުހިއްމު ރޯލަކުން ކުރީގެ އެކްޓަރު ހާމިދު އަލީ ވެސް ފެނިލާނެ އެވެ.

ފިލްމާ ގުޅޭގޮތުން ޑައިރެކްޓަރު މާއެނބޫ ބުނީ މިއީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަަކަށްވާނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. އަދި ފިލްމު މިރޭ ޕްރިިމިއާކުރާއިރު، ކުރެވިފައިވާ މަސައްކަތާމެދު ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"ކާކު" ގެ 14 ޝޯ އޮލިމްޕަހުގައި ދައްކަން ވަނީ ނިންމާފަ އެވެ. އަދި ގިނަ ރަށްތަކަށް ވެސް އެ ފިލްމު ގެންދާނެ އެވެ.

މާއެނބޫ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ 2017 ގައި ރިލީޒް ކުރި "ނޭދެން ވަކިވާކަށް" އެވެ.