އޮލިމްޕަސް

އޮލިމްޕަސް ދޫކުރަން ނުފަށާތީ ޑާކްރެއިން ކަންބޮޑުވެއްޖެ

ފިލްމުތައް ދެއްކުމަށް އަދިވެސް އޮލިމްޕަސް ދޫކުރަން ނުފަށާތީ ޑާކްރެއިން އެންޓަޓެއިންމަންޓުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިނިސްޓަރު ޔުމްނާ އަދި އެންސީއޭއަށް ޓެގްކޮށް ޑާކްރެއިން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ފެށިދިޔައިރު އަދިވެސް ފިލްމުތައް އަޅުވާނެ ތާރީހުތައް އިއުލާނު ކުރެވިފައިނުވަނީ އޮލިންޕަސް ދޫކުރަން ނުފަށާތީ ކަމަށެވެ.

މިދިޔަ 2019 ވަަނަ އަހަރުވެސް ފިލްމުތައް ދެއްކުމަށް ގިނަ ދަތިތަކެއް ދިމާވެގެން ދިޔަކަމަށް އެ ސްޓޫޑިއޯއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ޕްރޮޑިއުސަރުން ތާރީހުތައް ނެގުމަށްފަހު ފިލްމު އަޅުވާފައި ނުވުމުން އެ ދުވަސްތަކުގައި އެހެން ޕްރޮޑިއުސަރުންނަށް ފިލްމު ދެއްކުމުގެ ފުރުސަތު ގެއްލިގެން ދިޔަކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އެގޮތަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ފިލްމަކަށް އޮލިމްޕަސް ދޫކުރާނަމަ އެ ދޫކުރާ ތާރީހަކަށް ފިލްމު ދެއްކި ނަމަވެސް އަދި ނުދެއްކިނަމަވެސް އެންސީއޭއިން ފައިސާ ނެގުމަށް ވަނީ އެދިފައެވެ. އެގޮތަށް އަމަލު ކުރަން ފެށުމުން އެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ޑާކްރެއިން ވަނީ ބުނެފައެވެ.

ޑާކްރެއިން ދަނީ މިދިޔަ އަހަރު ބެލުންތެރިންނާ ހަމައަށް ގެނެސްދިން "ގޮށްރާޅު" އަދި "މާމުއި" އަލުން ދެއްކުމަށް ތައްޔާރުވަމުންނެވެ. އެ ދެ ފިލްމު ކުރިން އޮލިމްޕަހުން ނަގާފައިވަނީ ހައުސްފުލް ޝޯތަކެއް ދެއްކުމަށްފަހު ފިލްމަށް ދޫކުރި ތާރީހު ހަމަވުމުންނެވެ.

ނަމަވެސް "ގޮށްރާޅު" އަދި "މާމުއި" މިއަހަރު ދައްކާނެ ތާރީހު މިހާތަނަށް އިއުލާނު ކުރެވިފައިނުވަނީ އެންސީއޭއިން އޮލިމްޕަސް ދޫކުރަން އަދި ނުފަށާތީއެވެ. ޑާކްރެއިން އިން ވަނީ އޮލިމްޕަސް ހަރުދަނާ އުސޫލުތަކުން ހިންގުމަށް ގޮވާލާފައެވެ. އަދި ފިލްމީ ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތަކަށް އެތަން ބޭނުން ކުރުމަށްވެސް ގޮވާލާފައިވެެއެވެ.

އެނގިފައިވާ ގޮތުގައި އެންސީއޭއިން ގެންދަނީ އޮލިމްޕަސް ދޫކުރާނެ ހަރުދަނާ އުސޫލުތަކެއް ހަދަމުންނެވެ. އޮލިންޕަސް ފިލްމުތަކަށް ދޫކުރުން ފަސްވަނީ އެ މަސައްކަތް މުޅިން ނިންމާނުލެވޭތީ އެވެ.

އައު އުސޫލުގައިވާ ގޮތުން ފިލްމަކަށް އޮލިމްޕަސް ބުކް ކުރެވޭނީ ފިލްމުގެ މަސައްކަތް ނިންމުމަށްފަހުއެވެ. އަދި ބުކްކުރާ ދުވަސްތަކުގައި ފިލްމު ދެއްކިނަމަވެސް ނުވަތަ ނުދެއްކި ނަމަވެސް ފައިސާ ދައްކަން ޖެހެއެވެ. އެކަމާއި ގުޅޭގޮތުން އެންސީއޭގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.