ރިވިއު

"ހައްދު"އަށް ތައުރީފު ހައްދެއްގެ ތެރެއިން!

ފިލްމަކަށް އެންމެ ފަސޭހައިން ބައެއްގެ ސަމާލުކަން ހޯދަން ބޭނުންވެއްޖެނަމަ އޭގެ ޑައިރެކްޓަރާއި މައިގަނޑު ތަރިން އަދި އޭގެ ޕްރޮމޯޝަން ނިކަން ވަރުގަދަޔަށް ޖައްސަން ޖެހެ އެވެ. މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ހައްދު" އަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި ސަބަބަކީ އެއީ އެވެ. ނިއުމާ މުހައްމަދާއި އަބްދުލް ފައްތާހު ޕްރޮޑިއުސްކޮށް ފައްތާހު ޑައިރެކްޓްކުރާ ހަބަރު އިއުލާނު ކުރުމާއެކު ފިލްމުގެ ވާހަކަ ހަފަރާތުން ގުގުމާލީ އެވެ. ފިލްމުގެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ޓްރެއިލާތަކުން މީހުންގެ ކެތްތެރިކަން ކޮޅުންލައި ފިލްމަށްދާން ޓިކެޓުވެސް ނެގުވީ އެވެ. ފިލްމު ޕްރިމިއާ ކުރިއިރު ފިލްމު އަޅުވާ ތިން ސިނަމާގެ ފުރަތަމަ ޝޯ އެކަށް ފުލްކޮށްލި އެވެ.

ހައްދު ފެށިގެން އަންނަނީ ރަނގަޅު ތަރުބިއްޔަތެއް ދީ މަންމައަކު އެކަނިމާއެކި ލޯބިން ބަލާބޮޑުކޮށްފައިވާ އަންހެން ދަރިފުޅު ޔުސްރާ (މަރިޔަމް އައްޒަ) މަތީ ތައުލީމަށްފަހު އުފަން ރަށް (ހއ. ކެލާ) އަށް ހިދުމަތްކުރަން އެނބުރި ރަށަށް ދާން ފުރަންދާ މަންޒަރުންނެވެ. ފުރަން ދިޔަ ޓެކްސީ އިންޖީނަށް މައްސަލައެއް ދިމާވެ ހުއްޓުމުން ބޯޓާ ދިމާއަށް މީހުން ގައިގައި ޖެހެމުން، ނެއްޓެމުން ދިޔަ ޔުސްރާ ބޯޓު ހޯދާ ބޯޓަށް ދުވަމުން ގޮސް އަރާ މަންޒަރުންވެސް ޔުސްރާގެ މިޒާޖުކޮންމެވެސް ވަރަކަށް ދެނެގަނެވޭނެ އެވެ. އެއީ ނިކަން އާދައިގެ އަދި އެހާމެ އަނގަގަދަ އަންހެން ކުއްޖެކެވެ. ބޯޓަށް އަރާގޮތަށް މުހައްދުބެ އާ ކުރާ ސުވާލުތަކުންވެސް އެކަން ޔަގީންވެ އެވެ. އެވަގުތަށް ތެޅެމުން ފޮޅެމުން ފުރަން އަންނަ އަލީ (ޝިބާން އަހްމަދު)ވެސް ބޯޓަށް އަރާގޮތަށް އެ ސުވާލުތައް އޮއްސާލަ އެވެ. އެކަމަކު އެއީ ބަސްމަދު މީހެކެވެ.

ފިލްމުގެ މައި ދެ ތަރިން ދިމާވާ ހިސާބަކީ އެއީ އެވެ. އެކުވެރިކަން އުފެދެނީ ބޯޓުމަތިންނެވެ. އެ އެކުވެރިކަން ކުރިލައި ހެދެމުން ގޮސް އެދެމެދުގައި ލޯބި އުފެދެނީ ކެލާގައި އަލީ ހޭދަކުރާ މަދުދުވަސްކޮޅުގެ ތެރޭގަ އެވެ. އަލީ އެރަށަށް ދަނީ އެއަތޮޅު އުތީމަށް މަންމަގެ ނަދުރެއް ފުއްދަން ދިޔަ ދަތުރުމަތީގަ އެވެ. އެ ދަތުރުގައިވެސް ޔުސްރާ ބައިވެރިވެ އެވެ.

ޔުސްރާ އަލީގެ ލޯބީގައި މަގުއޮޅި އަލީގެ ދަލުގައި ޖެހި މަންމަ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އޭނައަށް ކުރި އިތުބާރު ފުނޑުފުނޑުކޮށްލެވެނީ އެވެ. ރަށު މީހަކާ ނޫނީ ނުގުޅެން މަންމަދިން ނަސޭހަތްމަތިން ހަނދާން ނެތެނީ އެވެ. އަލީއާ ޔުސްރާގެ ލޯބީގެ ގުޅުމުގެ ނިމުމުގެ ސިއްކަ ޖަހައި ޔުސްރާގެ ކަންކަށިމަތީގައި ޖަހާފައި އަލީ އެނބުރި މާލެ ދަނީ އެރަށު ބަޔަކު އޭނަ ގައިގައި ތަޅައި "ހޭ އަރުވާލުމުން" އަލީގެ މަންމަ އާރިފާ އެރަށަށް އައިސް ޔުސްރާ އާ ދެމެދު ހިނގާ ޒުވާބެއްގެ އެއްބައި އަޑުއިވުމުންނެވެ. އާރިފާއަކީ ހިންދީ ސީރީޒްތަކުގައި ފެންނަ ނުބައިބައި މައިދައިތަ އިން ކަހަލަ ނުފޫޒު ގަދަ އަމިއްލަދަރި "ވާ ވައްދާލާ" އަންހެނެކެވެ. އަލީ އެނބުރި ދަނީ ރަށްރަށަށް ދަތުރުވަރުގައި ދާ ފިރިހެނުން އެރަށްރަށުގެ ޒުވާން އަންހެނުންނަށް ދޭ ކަމަށް އެކިޔާ ޒާތުގެ ހަދިޔާއެއް ދީފަ އެވެ.

ފިލްމުގައި އެހިސާބަށް އަންނަ އިރު ތިން ވަނަ ލީޑު ތަރި ޒަމްހާ (އައިމިނަތު ރިޝްފާ) އުޅެނީ އާޒިމް (އަހްމަދު ފައިރޫޒް) އާ އިނދެގެންނެވެ. ފަސް ވަރަކަށް އަހަރުގެ އަންހެން ދަރިއަކުވެސް ހުންނަ ލޯބި އާއިލާއެއްގަ އެވެ. މާލޭގެ މުއްސަނދި ބައެކެވެ. އެހެން ނަމަވެސް ފިލްމު ފެށުނުތާ މާގިނަ އިރެއް ނުވެ ކާރު އެކްސިޑެންޓެއްގައި އާޒިމް މަރުވަނީ އެވެ. ފިލްމުގައި އަލީ އާއި ޒަމްހާ ބައްދަލުވަނީ އެހާ ހިސާބުންނެވެ. އެކަމަކު އެއީ ޒަމާންވީ ބެސްޓްފްރެންޑުންނެވެ.

ދުނިޔޭގެ އަލުން އުޅެން ދަސްކޮށްދީ ހިތްވަރުދީ އެކުވެރިކަމުގެ ހިޔަލުގައި ޒަމްހާގެ އަތުގައި ހިފައިގެން އަލީ ނުކުންނައިރު ޔުސްރާގެ އަތުގައި ހިފައިގެން ނުކުންނަނީ ހަމްޒާ (ދޮން އައްޔަ) އެވެ. ހަމްޒާއަކީ ޔުސްރާ އާ އެއް ރަށު މީހެކެވެ. ކުޑައިރުއްސުރެ ދަންނަ ދެ އެކުވެރިންނެވެ. އަލީ އާއި ހަމްޒާއަކީ އެކުވެރިކަމުގެ ނަމޫނާ އެކޭ ހީވާވަރުވެ އެވެ. ބަލިވެ އިންކަން އެނގި ސްކޫލްގައި ޓީޗަރެއްގެ ވަޒީފާގައި ހުރި ޔުސްރާ ވަޒީފާއިން ވެކިވެ ރަށަށް ބަދުނާމުވާއިރު ދެގޮތެއް ނުވެ އެންމެ ގާތުގައި ހުރީ ހަމްޒާ އެވެ.

މުޅި ދުނިޔެ ޔުސްރާއަށް އަނިޔާވެރިވީ އިރުވެސް އެ އަތުން ދޫކޮށްނުލާ ހަމްޒާ ހުރެ އެވެ. އެއީ ހަމްޒާގެ ހިތުގައި ޔުސްރާއަށް އޮތީ އެކުވެރިކަމުގެ ލޯތްބެއްގެ ސަބަބުން ކަމެއް ނޭނގެ އެވެ. ހަމްޒާގެ ހިތުގައި އޮތް އެއްޗެއް އެނގޭނީ ހަމްޒާ އަށެވެ. އެހެން ނަމަވެސް އެއީ ހިތްހެޔޮ ޒުވާނެކެވެ.

މިހާ ހިސާބުން ފިލްމުގައި ވާނުވާ ކިޔައިދިނުން ހުއްޓާލާނަމެވެ. އެފަހުން ވާގޮތް ބަލާލަން އެންމެ ރަނގަޅުވާނީ ހަމަ ފިލްމު ބަލައިގެންނެވެ.

ފިލްމާ ބެހޭގޮތުން އިތުރަށް ބުނާނަމަ ބުނެލާނީ އެއީ ހަމަ ސަޅި ފިލްމެކޭ އެވެ. މަހުދީ އަހްމަދު ސްކްރީން ޕްލޭ ލިޔެފައިވާ ބޭކާރު ހާސަރު ބޮނޑިތައް މަދު އަދި ލަވަތައް ކޮންމެހެންވެސް ބަލަންޖެހޭ ފިލްމެކޭ އެވެ. އެހެން ނޫނީ ފިލްމުގައި ވާނުވާ ނޭނގޭ ބައި ބޮޑުވާނެ އެވެ. ގިނަ ލަވަތަކަކީ ފިލްމުގައި މުހިންމު ބައެކެވެ. ފިލްމުގެ މަންޒަރުތައް ސާފުވެފައި ކޮލިޓީ އެވެ. ޑަބްކުރުމުގެ ބަދަލުގައި ސަރައުންޑް ސައުންޑް (5.1 ސައުންޑް) އިން އަޑު ނަގާފައި ހުރުމުން އަޑު އަހާލަން ފަސޭހަވެފައި އޮމާނެވެ.

ފިލްމްގެ ކޮލިޓީއަށް ދޭނީ އެއްވަނަ އެވެ. ކޮލިޓީގައި ފައްތާހު ބުނި ފަދަ ބެންޗުމާކެއް ވަނީ ގާއިމުކޮށްފަ އެވެ. މަންޒަރުތަކުގެ ވީޑިއޯގްރަފީ އާއި ޑައިރެކްޝަން ކިޔާ ކަމެއް ނެތެވެ. ފައްތާހު ހެން ހަމަ ވަރަށް ސަޅި އެވެ. ފިލްމްގައި އެގޮތުން އެންމެ މޮޅު މަންޒަރެއްގެ ގޮތުގައި ފާހަގަވީ، ހަމްޒާ އަމިއްލައަށް މަރުވާން ކެލާގެ ފުއްޓަރު ފަރާތު މޫދަށް އެރޭ މަންޒަރެވެ. ޔުސްރާ، ހަމްޒާ ސަލާމަތްކުރަން ކުރާ މަސައްކަތުގެ މަންޒަރުތަކުގެ ވީޑިއޯ އާއި ޑައިރެކްޝަން ފެނި، ބުނެވުނީ ހަމަ "ވޯއު" އެވެ. ފައްތާހަށާއި ފިލްމުގެ ކެމެރާ ކުރި ކަނޑި ވިޝާންއަށް ހަމަ ސާބަހެވެ.

ތަރިންގެ ހެދުމާއި މޭކަޕަށް ބަލާނަމަވެސް މިއީ ނަލަ ފިލްމެކެވެ. އެހެން ނަމަވެސް ޕްރޮމޯޓްކުރި ގޮތަށް މިއީ ރެކޯޑް ބްރޭކިން ފިލްމެއް ހެއްޔެވެ؟

ތިން މީހެއްގެ ދެމެދު އެނބުރޭ މި ވާހަކަގައި މައްސަލަތައް ފެށިގެން އަންނަނީ ޔުސްރާ، އޭނާގެ މަންމަ ބުނެދީފައިވާ ހައްދު ނުވަތަ ލިމިޓުން ބޭރުވާ ހިސާބުންނެވެ. މައްސަލަތައް އުފެދިގެން އަންނަން ފަށާއިރު، ފިލްމުގެ ޕްލޮޓުން ލޫޕް ހޯލެއް އަޅުގަނޑަށް ފާހަގަވި އެވެ. ތަފްސީލް ފެންނަން ޖެހޭ ބައެއް މަންޒަރުތައް އިތުރަށް ތަފްސީލް ކޮށްފައެއް ނެތުމެވެ. އެ މަންޒަރަކީ ޝިބާން އަަށް އަނިޔާކޮށް އޭނައަށް ހޭއަރުވާލަނީ ކާކު އަޑީގައި ހުރެގެން ކަމެއް ނޭނގުމެވެ. އައްޒަގެ މަންމަ ރޯލުން ފެނިގެންދާ ފައުޒިއްޔާގެ އަތެއް އޭގައި ވާހެންވެސް ހީވެ އެވެ. ޔުސްރާގެ މަންމަ، އަލީއާ ހިތްހަމަ ނުޖެހިގެން ހަމްޒާ ލައްވާ ކުރުވާ ކަމެއްހެން ހީވާފަދަ މަންޒަރެއް ލަވައެއްގެ ތެރޭގައި ވަރަށް ހަލުވި މަންޒަރުތަކެއްގެ ތެރެއިން ފެނެ އެވެ. އަދި އޭގެ ފަހުން އެއީ އާރިފާ ބަޔަކަށް ފައިސާ ދީގެން ކުރުވާ ކަމެކޭވެސް ހީވެ އެވެ. ފިލްމްގައި މުހިންމު ބައެއް މަންޒަރުތަކެއް ހަލުވި ސްޕީޑްގައި ހުރި ބައެއް ބޭކާރު މަންޒަރުތައް ވެސް ފާހަގަވި އެވެ. އެކަމަކު ފިލްމުން ވަރަށް ގަޔަވާ ކަމެއް ފެށޭކޮޅު އައެވެ. ވަރަށް ފޯރިގަދަ ނަލަ ލަވައެވެ. ގިރިޓީ ލޯބިން މުޅިން ތަފާތުކޮށްލައި، އެ ލަވައަށް ނުޒުހަތު ސުއައިބު ދައްކާލި ނެށުމުގެ ހަރަކާތްތަކަކީ ހަމަ އެވަރެއް ނެތް ހަރަކާތްތަކެކެވެ. އެ ލަވަ ހަމަ ވަރަށް ރީއްޗެވެ. ދެން ފިލްމްގެ އަނެއް ފައްކާ ސަޕްރައިޒްއަކީ އަހުމަދު ފައިރޫޒެވެ. ރިޝްފާގެ ފިރިމީހާގެ ރޯލުން ފައިރޫ މަދު މަންޒަރުތަކުން ފެނުނު ނަމަވެސް އެއީ ހަނދާނުން ފިލުވާން ދަތި މަންޒަރުތަކެކެވެ.

"އިޓްސް އޯލް އެބައުޓް ލިމިޓްސް"އޭ ބުނި ފިލްމް ޕްރޮމޯޓްކުރިއިރު ވަކި ހައްދެއްގައި އުޅުމުން ދިމާވާ މައްސަލަތަކެއް ފިލްމަކުން ނުފެނެ އެވެ. ކޮންމެ ކެރެކްޓާއަކީވެސް ފުރިހަމަ މިނިވަންކަމެއްގެ ތެރޭގައި އުޅޭ ކެރެކްޓާއެކެވެ. ވާހަކައިން ތަފާތު އާ ކަމެއް ނުފެނު ނަމަވެސް ވާހަކައިން މުޖުތަމައުއަށް ވަރަށް ރަނގަޅު މެސެޖްތަކެއް ދޫކޮށްލަ އެވެ. ދީނީ ގިނަ މަންޒަރުތަކެއް ވެސް ފެންނަ މި ފިލްމުން ތައުބާއަކީ ކިހާ މާތް ކަމެއްކަން ދައްކަ އެވެ. އެތައް ކުށްތަކެއް ކުރެވޭ ފަހުން ވެސް ތައުބާވުމުގެ މުހިންމުކަން ފިލްމުން ބުނެދެ އެވެ.

ފިލްމުގައި އައްޒަ އަދި ރިޝްފާގެ އެކްޓިންއަކީ އެ ދެތަރިން މިހާތަނަށް ދެއްކި ބެސްޓު ޕާފޯމަންސެވެ. ރިޝްފާ އެންމެ ފަހުން ފެނިގެން ދިޔަ "ނޭނގި ޔާރު ވަކިވީ"ގައި އޭނަ ދައްކާފަހުރި އެކްޓިންއަށްވުރެ އޭނަގެ އެކްޓިން އެތައް ގުނައެއް ވަނީ ރަނގަޅުކޮށްފަ އެވެ. ރިޝްފާގެ އެކްޓިންއަށް 10 އަކުން މާކްސް ދޭނަމަ ހަތެއް ދޭނަމެވެ. އައްޒައަށް ބަލާއިރު މިހާތަނަށް އައްޒަގެ އެންމެ މޮޅު އެކްޓިން ފެނިގެން ދިޔަ "4426" އަށްވުރެވެސް ރަނގަޅެވެ. އަނގަގަދަ އަދި "ހައިޕާ" މިޒާޖު އަދި މަޑުމައިތިރި މިޒާޖުވެސް އައްޒަ ދައްކާފައިވަނީ ވަރަށް ރަނގަޅަށެވެ. މީހުން ހިތްދަތިކޮށްލައި، ރުއިމުގައި ނިއުމާ މުހައްމަދު ވަރުގެ ތަރިއެއް އަދި ނެތްއިރު، އައްޒަ ހައްދު ފިލްމްގައި ދެއްކި އެކްޓިނުން ހިތަށް އަސަރުކުރި އެވެ. އައްޒައާއެކު ރުއި މީހުން އޯޑިއެންސްގައި ވަރަށް ގިނަ އެވެ. މިއީ އައްޒަގެ ފަރާތުން އަލަށް ފެނުނު ހުނަރެކެވެ. އައްޒަ ކޮށްފައިވާ މަސައްކަތަށް ވެސް ސާބާހެވެ. ތިޔައީ ކުރިމަގު އޮތް ބަތަލާއެކެވެ.

އަލަށް ފިލްމީ ދުނިޔެއަށް ނޭވާލި ޝިބާންގެ އެކްޓިނަށް މާބޮޑު ފާޑުކިޔުމެއް ނެތެވެ. ފުރަތަމަ ފިލްމަކުން އެންމެ އެދެވޭ ހުނަރު ދައްކާ ނުލެވިދާނެ އެވެ. އެކަމަކު އޭނާގެ އެކްޓިން ގޯހޭ ބުނާ ވަރެއް ނޫނެވެ. މޫނު މަތިން އެކްޕްރެޝަން މަދީ އެވެ. ފަހަރުގައި އެއީ އޭނާގެ ފުރަތަމަ ފިލްމަށް ވުމީވެސް އެކަށީގެންވާ ކަމެކެވެ. އެންމެ ރަނގަޅު އެކްޓިން އެއް ނުދެއްކި ނަމަވެސް އޭނާގެ ރީތި ހަށިގަނޑު ބޭނުންކޮށްގެން އެބައި ފޫބައްދަން މަސައްކަތްކޮށްފައިވެ އެވެ. އަދި ޝިބާންގެ ރޯލަކީ އޭނާއާ ވަރަށް ގުޅޭ ރޯލެއްކަން ފާހަގަވި އެވެ.

ފިލްމްގައި މީހަކަށް ތައުރީފްކުރާނަމަ ދޮން އައްޔައަށް ތައުރީފް ކުރާނަމަ އެވެ. އެއީ އޭނާގެ ކުރިން ދައްކާފައިވާ އެކްޓިންނާ ބަލާފައި ހައްދުގައި ދައްކާފައިވާ އެކްޓިން އެތައް ގުނައެެއް ރަނގަޅުކޮށްފައިވާތީ އެވެ. އެކަމުގައި ފައްތާހުގެ ރޯލު ބޮޑު ކަމަށް ބެލެވެ އެވެ. ދޮން އައްޔައަކީ އެކްޓްކުރެވޭނެ ތަރިއެއްކަން ސާބިތުތި ކޮށްދިނީ އަދި ކިރިޔާ އެވެ. އައްޔަގެ ރޯލަކީ ނުބައި ރޯލެއް ކަމަށް ހީވި ނަމަވެސް އޭނާ ފެނިގެންދިޔަ ހިތާމަވެރި މަންޒަރުތަކުގައި ދެއްކި އެކްޓިން ކުރިއާ އަޅާ ކިޔާނަމަ ހަމަ ވަރަށް ރަނގަޅެވެ.

ފިލްމީ ދާއިރާއަށް މިފަހުން ތައާރަފްވެގެން އުޅޭ ގުލިސްތާން (ގުލީ)ގެ އެކްޓިންވެސް ވަރަށް ބޮޑަށް ރަނގަޅުކޮށްފައިވެ އެވެ. ފައުޒިއްޔާއަކީ ދެން އިތުރަށް އެއްޗެއް ކިޔަން ޖެހޭ ވަރުގެ ތަރިއެއް ނޫނެވެ. ކުޑަ ރޯލަކުން ފެނުނު އައިސްތު ވެސް ސިނަމާގައި ތިބި މީހުން ހެއްވާލި އެވެ. ދަރާ ރަޝީދާއި ޝަކީލާއަކީ ވެސް ފުންނާބު އުސް ތަރިންނެވެ. އެކަމަކު ފިލްމްގެ ސަޕޯޓިން އެކްޓަރުންގެ ތެރެއިން "ހީރޯ"އަކީ އާރިފާ އެވެ. އާރިފާ ފެނިލާ ކޮންމެ ވަގުތަކު ސިނަމާ ތެރެއަށް ތަފާތު ރޫހެއް އާދެ އެވެ. އެ ޖައްސާލާ ވައްތަރުތަކުން ހިނިގަނޑު ފަޅައިގެންދެ އެވެ. އާރިފާއަށް ހަމަ އައްސަރި ބަހާ ސާބަހެވެ.

ދެން އެންމެ ގަޔާވި ކެރެކްޓާއަކީ ފައުޒިއްޔާއާ ދިމާކޮށްލުމަކީ އެންމެ ކުރީގައި އުޅުނު މަރިޔަމް ހަލީމް ކެރެކްޓާ އެވެ. މަރިޔަމް ހަލީމްގެ އެކްޓިން ވަރަށް ނެޗްރަލެވެ. ހަމަހީވަނީ އަސްލު ހެނެވެ. އެ ރޯލު އެ ނޫން މީހަކަށް އެހާ ފުރިހަމަކަމާއެކު ދައްކައެއް ނުލެވޭނެ އެވެ. ފިލްމީ ދާއިރާގައި ތިބި ޖަވާހިރުންނަކީ ތިޔައީ އެވެ.

ތަރިން ދެއްކި ހުނަރާއި ފިލްމަށް ކޮށްފައިވާ މަސައްކަތަށް ބަލާނަމަ މިއީ ބެންޗުމާކަކަށް ވެދާނެ އެވެ. އެކަމަކު މިއީ ރިކޯޑް ބްރޭކިން ފިލްމެއްތޯ ބުނަން އެނގޭނީ އަދި ފަހުންނެވެ. ހަމަ ޔަގީނަށް ވެސް ދެ ގަޑިއިރާ 15 ވަރަކަށް މިނެޓުގެ އެ ފިލްމަށް ގޮސްފައި އައިސް ޓިކެޓު ގަންނަން ހޭދަވި 100 ރުފިޔާ ބޭކާރުވި ކަމަށް ބަލައި ދެރަވާކަށް ނުޖެހޭނެ އެވެ.