ރިވިއު

މަލިކާގެ ހިތްގައިމު ކަމަށް އާއިލާގެ ހިޔަނި އެޅިފައި

ފިލްމުގެ ހުރި މޮޅުކަމަކާއި ދެރަވަރުކަމެއްގެ ވާހަކަ ފަށައިގަތުމުގެ ކުރިން މިފަހަކަށް އައިސް އޮލިމްޕަހުން ފާހަގަކުރެވޭ ވަރަށް ސަޅި ކަމެއްގެ ވާހަކަ ކިޔައިދޭނަމެވެ. އެއްގޮތަކަށް ވެސް ދައްކަން މި އުޅެނީ އޮލިމްޕަހުގެ "ކޫލުކަމުގެ" ވާހަކައެއް ނޫނެވެ. އެއަށް ވުރެން ވެސް މާ "ކޫލު" ވާހަކައެކެވެ.

ދިވެހި ފިލްމު ބަލަން މީގެ ފަސް ވަރަކަށް އަހަރު ކުރިން އޮލިމްޕަހަށް ވަދެފައި ފިލްމަކަށް ފުރިހަމަ ސަމާލުކަން ދިނުމަކީ އޯޑިއަންސުން އެވަރަށް ޝައުގުވެރިވި ކަމެއް ނޫނެވެ. އޭގެ ނަތީޖާއަކަށްވެފައި އޮތީ ފިލްމަށް ފުރިހަމަ ސަމާލުކަން ދޭން ހިތު ނިޔަތް ގަނެގެން މި އޮލިމްޕަހަކަށް ވަން މީހާގެ ބޯ ވެސް ފަޅައިގެންދާވަރުވުމެވެ. ދިވެހި ފިލްމެއް ބަލާއިރު އެއަށް ޖޯކުޖަހައި މަލާމާތުގެ އަޑުގަދަކުރާ ބައިގަނޑުތަކާ ހެދި ފިލްމެއްގެ ހަގީގީ އުފާވެރިކަމާއި ފޯރި އެއްވެސް ބެލުންތެރިޔަކަށް އޭގެ އެންމެ ފުންމިނުން އޮލިމްޕަހުގައި ލިބުނެކޭ ބުނާކަށް ނުވާނެ އެވެ.

ފިނިކޮށްލާފައި އޮތް އޮލިމްޕަހުގެ ކޫލުކަމަކީ ވާހަކަ އަކީ މިއީ އެވެ. މިހާރު އެ ސަކަރާތެއް ނުވަތަ މާލާމާތެއްގެ އަޑު އޮލިމްޕަހުގައި އެވަރަކަށް ގަދައެއް ނުވެ އެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މީގައި އޮތީ ދެގޮތެކެވެ. އެއްގޮތަކީ އަވަނެއްގެ ދަރަޖަ ދެވުނު އޮލިމްޕަސް ފިނިކުރުމުން ބެލުންތެރިންގެ ރުޅިގަނޑު މަޑުވެ އެމީހުން ވެސް ފިނިވީ އެވެ. ނުވަތަ ދިވެހިން އުފައްދާ ފިލްމުތަކުގެ ފެންވަރު ދެ ތިން ފަޑިއެއް މައްޗަށް ޖެހިލައި ބެލުންތެރިންގެ ޝައުގުވެރިކަމާއި ސަމާލުކަމާ ހަމަ ރަނގަޅަށް ވެސް ކުޅެން ފެށީ އެވެ. އަޅުގަނޑު ގަބޫލުކުރާހިތްވަނީ ފަހުން މި ދެންނެވި ގޮތެވެ.

ދެން "މަލިކާ" ގެ ވާހަކަ އަށް ދަމާ ހިނގާށެވެ.

މިއީ ކުރީގެ މަޝްހޫރު ޕްރޮޑިއުސަރެއް ކަމުގައިވާ މައްލާ ނާސިރު އާއި މަހުރަބު އިއްބެއެއްގެ ގޮތުގައި އަހަރެމެން އެންމެން ވެސް ދަންނަ، ޓީވީ ޝަހުސިއްޔަތު، އިބްރާހިމް ރަޝީދު ޕްރޮޑިއުސްކޮށް، ފިލްމީ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވީ އަލީ މުސްތަފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމަށް ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ އިތުރު ތައާރަފަކަށް ބޭނުންނުވާ ވާހަކަ ލިޔުންތެރިޔާ، ބިންމާ އިބްރާހިމް ވަހީދެވެ.

މޫމިން ފުއާދުގެ ސިނެމެޓޯގްރެފީއާ އެކު ގިނަ ތަރިންތަކެއް މުހިންމު ރޯލުތަކަކުން ފެނިގެންދިޔަ މި ފިލްމަކީ މެލޯޑްރާމާއެކެވެ. ނުވަތަ ޕްރޮމޯޝަންތަކުގައި އޭގެ ޕްރޮޑިއުސަރުން ބުނެފައިވާ ފަދަ، އާއިލީ އަސަރުގަދަ ފިލްމެކެވެ. ފިލްމުގެ އިޝްތިހާރުތަކުގައި އެއްވެސް އޮޅުވާލުމެއް ނެތެވެ. މިއީ ނިކަން ތެދުވެރި، ސާފު ސީދާ މަސައްކަތެކެވެ.

މެއިން ކާސްޓް އަދި ޕްރޮޑަކްޝަން ޓީމު:

  • އިސްމާއިލް ޒާހިރު - އަލީ ނަސީމު
  • ނުޒުހަތު ޝުއައިބު - މަލިކާ
  • އަހުމަދު އާސިމް - އިސްމާއިލް
  • ދޮން އައްޔަ - ހަސަން
  • ޝާއްކޯ އައްމަޑޭ - ހުސެން
  • ފާތިމަތު އާޒިފާ - ޖީޒާ
  • ނީނާ ސަލީމް - ބަދޫރާ
  • ސުޖީތާ އަބްދުﷲ - ފައިރޫޒާ
  • ޝަކީލާ
  • މުހައްމަދު ޖުމައްޔިލް
  • ޑައިރެކްޓަރު: އަލީ ސެމީ މުސްތަފާ
  • ޕްރޮޑިއުސަރުން: މައްލާ ނާސިރު އާއި އިބްރާހިމް ރަޝީދު
  • ޑައިރެކްޓާ އޮފް ފޮޓޯގްރެފީ: މޫމިން ފުއާދު
  • ސްކްރީންޕްލޭ: ބިންމާ އިބްރާހިމް ވަހީދު
  • މިއުޒިކް އަދި ލަވަ: ފޯޑް

މި ފިލްމު ބެލުންތެރިންނާ ހަމަ އަށް އައިސްފައި މި ވަނީ އޭގެ ޕްލޮޓާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދެކެވި ތަފާތު ތުހުމަތުތަކެއް ކުރެވުމަށް ފަހު އެވެ. އަނެއްކޮޅުން މިއީ ފިލްމީ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހޭ ތަރުތީބާއި އަހުލާގާއި ތަހުޒީބުގެ އެތައް މިސާލެއް ވެސް އޭގެ ޕްރޮމޯޝަނުގައި ދައްކުވައިދިން ފިލްމެކެވެ. މި ފިލްމެއްގެ ވާހަކަ ފުރަތަމަ ފަހަރަށް ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ ވެސް އޭގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، ސްކްރީނިން ތާރީޚުތައް ވެސް އޮލިމްޕަހުން ނެގުމަށް ފަހު އެވެ. މިއީ އާންމުކޮށް ދިވެހި ސިނަމާގައި ނުވާ ކަމެއްކަމަށްވުމުން އެކަން ފާހަގަކުރަން ޖެހެ އެވެ.

އެކަމަކު ވެސް މިވަރުގެ ބޮޑު ތާއްޔާރީއަކާ އެކު ގެނެސްދިން ނަމަވެސް ދިވެހިންނަކީ ދިވެހިންނޭ ބުނާ އުސޫލުން ދިވެހިން ބުނީ މިއީ އެހެން ފިލްމެއްގެ ޕްލޮޓް އިރާލައިގެން ހަދާފައިވާ ފިލްމެކޭ އެވެ. ބޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ބާގްބާން" ގެ ކޮޕީއެކޭ ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެމުން ބިންމާ ބުނެފައި ވަނީ "އަނބުރަހަ ދޭ ކޮންމެ އެއްޗެއް އަދި އަނބުއަސާރައަށް ނުވެދާނެ" ކަމަށެވެ. ބިންމާގެ މި އިބްރަތްތެރި ވާހަކަކޮޅުން "ބާގްބާން" ގެ ވާހަކަ ބާއްވާލާފައި "މަލިކާ" ގެ ޕްލޮޓަށް ޖެހިލަމާ ހިނގާށެވެ.

ފިލްމުގައި އަލީ ނަސީމުއަކީ ފުދޭވަރަކަށް ވުރެން ތަނަވަސް ދިރިއުޅުމެއް މިންވަރުކުރައްވާފައިވާ ނަސީބުވެރިއެކެވެ. ނުވަތަ ތިން ފިރިހެން ދަރިންނާއި އަންހެން ދަރިއަކު ލިބިފައިވާ ބަދުނަސީބު ބައްޕައެކެވެ. އޭނާގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގަށް ހުންނަ މަލިކާ މަތީ ތައުލީމަށް ޝައުގުވެރިވާ ހިސާބުން ނަސީމު އެކަމަށް ހުރަސްއެޅުން ވެގެންދަނީ ކުރިއަށް އޮތް ދެ ގަޑިއިރަށް ދިގުދެމިގެންދާ ފިލްމު އަހަރެމެންގެ ލޯ ކުރިމަތީގައި ނިއުޅުވި، އަލީ ނަސީމުގެ އާއިލާ މަޑުމަޑުން ރޫޅިގަތުމަށް މެދުވެރިވާ ފުރަތަމަ ޓްވިސްޓަށެވެ.

ދެން ފެނިގެން ދަނީ ނިކަން އުފާވެރި މި އާއިލާ ރޫޅި، އަލުން އޭގެ އަސްލަށް ވާސިލުވުމަށް ކުރާ ކަޑުގަދަ، ތަޖުރިބާ ގިނަ ދިގު ދަތުރެކެވެ. މޫމިން ފުއާދުގެ ހިތްގައިމު އަދި އޭނާގެ ޓްރޭޑްމާކު، ކްލޯޒްއަޕް ޝޮޓްސްތައް އާދަޔާހިލާފަށް ގިނަ އިންޓްރޯ ސީކުއެންސްއަކީ މިކަހަލަ ފިލްމަކަށް އަޅުގަނޑު އުއްމީދުކުރި ވަރަށް ވުރެން ފެންވަރު ރަނގަޅު ފެށުމެކެވެ. ވަކިން ހާއްސަކޮށް ބިންމާގެ ގަލަމުން ކުރަހާފައިވާ މަންޒަރުތަކަށް ސެމީ އާއި މޫމިން ފުއާދުގެ ހުނަރު އެއްކޮށްލުމުން ދެން އުފެދިގެން ރިހި އިސްކިރީނަށް ބަންޑުންކޮށްލި މަންޒަރުތައް މި ސީކުއެންސްގައި ވަރަށް ވެސް ނަލަ އެވެ.

އަހަރެމެންނަށް އެންމެ ފުރަތަމަ ދައްކުވައި ދެނީ އެއްބައިވަންތަކަމާއި އާއިލީ ގަދަފަދަ ލޯބިން ބަނދެވި އެކަތިގަނޑަކަށްވެފައިވާ ބައެއްގެ ވަރަށް އުފާވެރި ވަގުތުތަކަކާއި ހިނދުކޮޅުތަކެއް ފެންނަ ފޮޓޯ އާއި އިބްރަތްތެރި ނެރޭޝަނެކެވެ. އެކަމަކު ދެން އެއްލައިލާ ގަނޑާއެކު ސުވާލުތަކެއް އުފައްދަ އެވެ.

އާއިލާގެ ހުރިހާ މެމްބަރުން ނުވަތަ ދަރިން އެކުގައި އެއް ބައެއްގެ ގޮތުގައި ފޮޓޯއިން ފެނުނު ކަމުގައިވިޔަސް ދެން އަހަރެމެންނަށް ފެނިގެންދަނީ މަލިކާ އާއި އޭނާގެ ބައްޕައާ ދެމެދު އޮންނަ ގާތްގުޅުމާއި އިހްތިރާމާއި ލޯތްބެވެ. ހަމައެއާ އެކު ނަސީމުއާއި އޭނާގެ އަނބިމީހާއާ ދެމެދު މުސްކުޅިނުވެ އޮތް ލޯބީގެ ގަދަފަދަ ގުޅުމުގެ ކުލަތައް ވެސް ދައްކުވައިދެއެވެ. މި މަންޒަރުތައް މިގޮތަށް ގެނެސްދިނުމުން ދޭހަކޮށްދެނީ އާއިލާގައި ދެން ތިބި އެހެން ދަރިންގެ ޚަބަރެއް ދުވަހަކު ނުވިޔަސް ނަސީމަށް އެކަމުގެ އިހްސާސެއް ނުވާ ކަމެވެ. ދިރިއުޅުމުގައި އުނދަގުލެއް ނެތް ކަމެވެ. މަލިކާ އާއި އަނބިމީހާގެ ހެޔޮލަފާ ދިރިއުޅުމާއި އޭގެ ފުރިހަމަކަމުން ނަސީމުގެ ހަޔާތް ފުރިފައިވާ ކަމެވެ.

ފިލްމުގައި މި ސީކްއެންސް ގެނެސްދީފައިވާ ގޮތް ވަރަށް ވެސް ހިތްގައިމެވެ. މިއީ ސްކްރީންރައިޓަރާއި އޭގެ ޑައިރެކްޝަނަށް އަދި ސިނެމެޓޯގްރެފީ އަށް ޝުކުރު ހާއްސަވާ ހިސާބެކެވެ.

ނަސީމުގެ އުފާވެރި މި ދުނިޔެ ފަޅަފަޅައިގެން ދަނީ އޭނާ ކުރިއަށް ނެރޭ "މުސްކުޅި" ހިޔާލަކުންނެވެ. ނުވަތަ ހަޔާތުގައި ލިބުނު ހަމައެކަނި އަންހެން ދަރި އަށް އޭނާގެ ހިތުގައި އޮތް ލޯތްބަކާއި އިހްތިރާމެއްގެ ބޮޑުކަމުންނެވެ. މަތީ ތައުލީމު ހާސިލުކުރުމަށް މަލިކާ ޝައުގުވެރިކަން ފާޅުކުރުން ނަސީމު އެކަމަށް ދެކޮޅުހަދަ އެވެ. ކިޔެވުމުގެ މުހިންމުކަން އަންހެން ދަރިއަކަށް މުހިންމު ނޫން ކަމަށް ކަނޑައަޅާ ހިސާބުން އަމިއްލަ އަށް އެހެން ވަޒީފާއެއް ހޯދައިގެން މަލިކާ އޭނާގެ ބައްޕަ ދޫކޮށްލާފައި ފުރައިގެން ދަނީ އެވެ.

މިހައި ހިސާބުން ނަސީމުގެ އުފާވެރި ހަޔާތުން އެއް ބޮކި ނިވުނީ އެވެ. އޭނާގެ ރިހުން ގަދަވެގެން ދަނީ އެކްސިޑެންޓެއްގައި އަނބިމީހާ މަރުވާ ހިސާބުންނެވެ. މި ހިސާބަށް ފިލްމު އަންނައިރު މަލިކާ ފިޔަވައި ނަސީމުގެ އެހެން ދަރިންނާއި އެމީހުންގެ އަނބިންގެ ވިސްނުމާއި އުޅުން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެ އެވެ.

ފިލްމުގެ މިހައި ހިސާބުން އެއާ މެދު ގޮތެއް ނިންމަނީ ނަމަ މިއީ ފަހުގެ ތާރީޚެއްގައި ދިވެހި ސިނަމާއިން ފެނުނު އެންމެ ހިތްގައިމު މެލޮޑްރާމާއެވެ. ނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި "މަލިކާ" އަކީ އޭގެ ޕްލޮޓް އެންމެ ފުރިހަމަ އަށް ފައްކާނުކުރެވި އޮތް ފިލްމެކެވެ. އެހެންވީމަ އަދިވެސް އޭގެ ޕްލޮޓަށް ބަލައިލަމާ ހިނގާށެވެ.

ފިލްމު އަދި ނުބަލާ ނަމަ މިހިސާބުން ތިރިއަށް ނުކިޔާތި!

ފިލްމުގެ ޕްލޮޓާއި އޭގެ ކެރެކްޓާތައް ފުރިހަމަކުރަން ކޮށްފައިވާ މަސައްކަތް ފިޔަވައި އެހެން ޑިޕާޓްމަންޓްތައް މި ފިލްމުގައި "އެވްރެޖު ދިވެހި ފިލްމަކަށް" ވުރެން ރަނގަޅެވެ. އެ ވާހަކަ އަށް އަދި އަހަރެމެން ފަހުން ދާނަމެވެ. ސަބަބަކީ ފިލްމުގެ ޕްލޮޓުގައި ފުރަތަމަ އެކްޓް ކިތަންމެ ފޮނިކޮށް ގެނެސްދީފައިވީ ނަމަވެސް ފަހަތަށް ދިޔަ ވަރަކަށް އެ ފޯރި އެންމެ ފުރިހަމަ އަށް ގަދަކުރެވިފައި ނެތުމެވެ. "މަލިކާ" ގެ ޕްލޮޓަކީ ވަރަށް ވަރުގަދަކުރެވިދާނެ އުއްމީދެއް އޭގައި އޮތް ޕްލޮޓެކެވެ.

އަނބިމީހާ އާއި އަންހެން ދަރިފުޅުގެ އުފާވެރިކަމާއި އަޅާލުމުން ނަސީމު މަހްރޫމުވުމުން ދެން ކައްކަން ފަށަނީ އޭނާގެ ވަށައިގެންވީ އެހެން ކެރެކްޓާސްތަކެވެ. އެއީ އޭނާގެ ތިން ފިރިހެން ދަރިންނާއި އެމީހުންގެ އަނބިންނެވެ. މި ކެރެކްޓާސްތައް އޭގެ ގޮތުގައި ފިލްމުގެ ޕްލޮޓަށް ވަރަށް ވެސް މުހިންމުވެފައި ޝައުގުވެރިކުރުވަނިވި އެވެ. މި ތިން ފިރިހެން ދަރިންނަކީ ބައްޕަ އަށް ވުރެން ބައްޕަގެ މުދާވެރިކަމަށް ހިތްޖެހިފައިވާ ތިން ދަރިންނެވެ.

ފިލްމު ރޫޅެމުން ދިޔައިރު އަޅުގަނޑަށް އުއްމީދުކުރެވުނީ މި ކެރެކްޓާސްތަކުން މި އަށް ވުރެ ގިނަ މައްސަލަތަކެއް ފާހަގަކުރެވި "މަލިކާ" ގެ އާއިލާގެ ވާހަކަ މިއަށް ވުރެން ކޮމްޕްލިކޭޓެޑް ވާހަކަ އަށް ބަދަލުވެގެންދާނެ ކަމަށެވެ. އެކަމަކު ފިލްމު ނިމުމަކަށް އައިއިރު ވެސް ބައްޕަ އަށް އަޅާނުލުން ނުވަތަ ބައްޕަ ދެކެ މަލިކާ ލޯބިވާ މިންވަރަށް މި ތިން ދަރިން އެ ބައްޕަ ދެކެ ލޯބިނުވުން ފިޔަވައި މާ ބޮޑު ކަމެއް ފިލްމަކު ހަގީގަތުގައި ނެތެވެ.

ނަސީމުގެ ތިން ފިރިހެން ދަރިންނާއި އޭގެ ތެރެއިން ދެ މީހަކާ ކައިވެނިކޮށްގެން އުޅޭ ޖީޒާ އާއި ފައިރޫޒާގެ ކެރެކްޓާ އަކީ ހަގީގަތުގައި "މަލިކާ" މިއަށް ވުރެ ވަރުގަދަ ނުވަތަ ޝައުގުވެރިވަނިވި ފިލްމަކަށް ހެދުމަށް މިހާރަށް ވުރެ ބޮޑު ސަޕޯޓެއް ދެވިދާނެ ކެރެކްޓާސްތަކެކެވެ. ޕްލޮޓެއްގައި މިފަދަ ސަޕޯޓިން ކެރެކްޓާސްތަކަކީ އެ ފިލްމެއްގެ ދުވެލީގައި ވަރަށް މުހިންމު ހިއްސާއެއް ކުޅެދޭ ކެރެކްޓާސްތަކެެވެ.

ބިންމާގެ މި ސަޕޯޓިން ކެރެކްޓާސްތައް ފިލްމުގައި ފުރިހަމަ އަށް ތަރައްގީވެފައެއް ނެތެވެ. މިސާލަކަށް، އާސިމް ކުޅެފައިވާ އިސްމާއިލްގެ ކެރެކްޓާއަކީ ފެންނަ ފެނުމަށް ނުރައްކާތެރި ބަޔަކާ ގުޅުން ބޮޑު ޒުވާނެކެވެ. ފިލްމުގެ ހަވާސާގައި އޭނާ ކުރިއަށް ގެންދާ ފައިސާގެ މުއާމަލާތުގެ ހިޔަނި "މަލިކާ" ގެ އާއިލާ އަށް އެޅުމުގެ ބަދަލުގައި އޭގެ ސަބަބުން މި އާއިލާ އަށް ހަގީގީ ނުރައްކަލެއް ކުރިމަތިކުރުވާ ނަމަ މި ސަޕޯޓިން ކެރެކްޓާސްތަކުގެ ހަގީގީ ބޭނުން މާ ބޮޑަށް ފެންނާނެ އެވެ.

ހަމައެގޮތަށް، އާޒިފާ ކުޅެފައިވާ ކެރެކްޓާ، ޖީޒާގެ ކެރެކްޓާ އާއި އެހެން ސަޕޯޓިން ކެރެކްޓާސްތަކުގައި ވެސް އަސްލު ފޯރިއެއް ނުހިފަ އެވެ. ފޯރި ހިފަން އުޅޭހެން ހީވިޔަސް އުއްމީދުކުރާ ހިސާބަކަށް މި ކެރެކްޓާސްތަކާ އެކު ފިލްމުގައި ނުދެވެ އެވެ. އެހެންވީމަ ފިލްމުގައި ޖުމްލަގޮތެއްގައި ދައްކުވައި ދެނީ ބަލި އެނދުގައި އޮންނަ ބައްޕަ އަށް ދަރިންތަކެއް އަޅާނުލުމުން އެ ބައްޕަގެ ދިފާއުގައި މަލިކާ ފަކީރު ގުރުބާންވާ ގޮތެވެ.

މަލިކާގެ ސަޕޯޓިން ކެރެކްޓާސްތައް ބޮޑަށް ބޭނުންކޮށްފައި ވަނީ ބައްޕަ އަށް ކާން ނުދޭނެ ގޮތްތަކެއް ހެދުމަށާއި ގޭގައި ކައްކާ ކާ އެއްޗެހި ބައްޕަ އަށް ނުދީ ހުސްކޮށްލުމަށެވެ. ކެއްކުމާއި ކެއުމާއި ދެބައޮޑުވުމަށް ވުރެން ޝައުގުވެރިވަނިވި އެހެން މައްސަލަތަކެއް ވެސް މި ކެރެކްޓާސްތަކަށް ލިބިދީފައިވީ ނަމަ ފިލްމެއްގެ ގޮތުގައި "މަލިކާ" އިތުރަށް ފުރިހަމަވީސް އެވެ.

ނަމަވެސް ފިލްމުގެ ވަރަށް ބޮޑު ބައެއް ދުއްވާލާފައި ވަނީ ހާލުގައި ޖެހިފައި އޮތް ބައްޕަ އަށް ކާން ދޭނެ ގޮތަކާއި ބަނޑަށް މަރާލާނެ ގޮތެއް ހޯދުމުގަ އެވެ. މި މަންޒަރުތައް މާ ގިނައިން ބޭނުންކުރެވި، ފިލްމުގެ މެއިން ތީމް ލަވަ ވެސް މި މަންޒަރުތަކުގައި ބޮލަށް އުނދަގޫވާ މިންވަރަކަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އެކަމަކު ހަގީގަތުގައި އޭގެ ތީމް ލަވަ ވެސް ހީބިހިނަގައިގެންދާހާ ރީއްޗެވެ. ބޮލަށް އުނދަގޫވަނީ ބޭނުންކޮށްފައިވާ ގޮތުންނެވެ.

އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކްޓަރުން

މި ފިލްމަކީ ދިވެހި ސިނަމާއިން އާންމުކޮށް އެއް މޫނުތަކެއް ފެންނާތީ ކުރާ ޝަކުވާ އަށް ނިމުން ގެނެސްދިން ފިލްމެކެވެ. މިހާރު އާންމުކޮށް ފެންނަ މޫނަކަށް މީގައި އުޅެނީ ޖުމައްޔިލް އެވެ. ދެން ތިބި ގިނަ ތަރިންނަކީ ފިލްމުތަކުން މިފަދަ ރޯލުތަކެއް އެހާ އާންމުކޮށް ލިބިފައިވާ ފަރާތްތަކެއް ނޫންކަން ފާހަގަކޮށްލެވެ އެވެ.

ފިލްމުގެ މެއިން ކާސްޓަށް ބަލާއިރު އެންމެ ކަމުދިޔަ ޕާފޯމަންސަކީ ވަރަށް ކުޑަ ރޯލަކުން ފެނިގެންދިޔަ އާޒިފާ އެވެ. ނިމިގެން ދިޔަ ގައުމީ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ލިބުމުން އަމާޒުވި ފާޑުކިޔުންތަކަށް އޭނާ މި ވަނީ ނިކަން ރަނގަޅަށް ރައްދު ދީފަ އެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި އާޒިފާ އަކީ އޭނާ އެވޯޑް ހާސިލުކުރި "ލޫދިފާ" ގެ ޑައިރެކްޓަރު މޫމިން ހިމެނޭ ޓީމަކާ އެކު މަސައްކަތްކުރުމުން ހުނަރުވެރިކަން މާ ބޮޑަށް ފާޅުވާ ބަތަލާއެކެވެ.

ޓައިޓްލް ރޯލު ކުޅެފައިވާ ނުޒުހަތު އަކީ ވެސް އާ މޫނަކަށް ބަލާއިރު ހީކުރިވަރަށް ވުރެން ރަނގަޅު އެކްޓިންއެއް ފިލްމުގައި ދައްކުވައިދިން އެކްޓްރެސްއެކެވެ. ފާހަގަކޮށްލަން ބޭނުންވާ އަނެއް ޕާފޯމަންސަކީ ކުދިކުދި ރޯލުތަކުން ފެންނަމުން އަންނަ ޝާއްކޮ އެވެ. މި ފިލްމަށް ބަލަނީ ނަމަ އަޅުގަނޑަށް ފާހަގަވި ގޮތުގައި އެންމެ ވަރުގަދަ މޭލް ޕާފޯމަންސެއް ދީފައިވަނީ މި ޒުވާން އެކްޓަރެވެ.

މަޝްހޫރު ބަތަލު ޖުމައްޔިލްގެ މައްސަލައަކީ ހުންނަ ހިސާބުގައި އޭނާ ހުރުމެވެ. މި ފިލްމުގެ ކުރިން އޭނާ ފެނިގެން ދިޔަ "4426" ގައި ޖުމައްޔިލްގެ އެކްޓިން ޕާފޯމަންސަކަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނެތެވެ. މި ފިލްމުން ވެސް އެކަން ފާހަގައެއް ނުކުރެވުނެވެ.

އެހެން ނަމަވެސް މި ފިލްމުގެ މެއިން ކާސްޓަކީ ފިލްމުގެ ޑައިރެކްޓަރަށް ލިބުނު ބޮޑު ނަސީބެއްކަން ޔަގީނެވެ. އެކްޓަރުންގެ މި ހުނަރުވެރިކަމުގެ އިތުރުން އެމީހުންގެ ކެރެކްޓާސްތަކަށް ފިލްމުގައި ދިރުން ގެނެސްފައިވާއިރު ޕްރޮޑަކްޝަން ޓީމުން އާންމުދިރިއުޅުމުގެ ވައްޓަފާޅި އަށް ސަމާލުކަން ދީފައިވާ މިންވަރު ވަރަށް ވެސް ކަމުދިޔަ އެވެ. ވަކިން ހާއްސަކޮށް ވަގުތާއި ހާލަތާ ގުޅޭ ގޮތަށް ހެދުންއެޅުން ކުރިއަށް ގެންގޮސްފައިވާ ގޮތް ފާހަގަކޮށްލެވުނެވެ. އެކަމަކު ދެރައީ މި ކެރެކްޓާސްތައް ފުރިހަމަވާން ޖެހޭ މިންވަރަށް ފުރިހަމަނުވެ ތިބިކަމެވެ.

މިއީ އަސަރުގަދަ އާއިލީ ފިލްމެއް!

އާއިލީ ފިލްމަކަށްވިޔަސް މިއީ އާއިލާގެ އެންމެން އެކުގައި ތިބެގެން ބަލަން ކަމުގޮސްދާނެ ފިލްމެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ. މި ފިލްމު އަޅުގަނޑަށް ބޮޑަށް ސިފަވީ ފަހުގެ ޖީލަށް ނުވަތަ މަގުން ކައްސާލާފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ފިލްމެއްގެ ގޮތުގަ އެވެ. މީގައި އޮތީ އާއިލާއެއްގެ ވާހަކައެކެވެ. ނަމަވެސް ހަގީގަތުގައި މީގެ ޓާގެޓް އޯޑިއެންސަކީ ޒުވާނުންނެވެ. ނުވަތަ ދަރިންނެވެ.

މި ފިލްމުގެ ޓާގެޓް އޯޑިއަންސަށް މި އުފެއްދުން ކަމުދިޔަޔަސް މިއީ ކާ މޭޒުމަތިން ފެށިގެން ގޮސް ކާ މޭޒުމަތިން ނިންމާލާފައި އޮތް ފިލްމެކެވެ. އެ ކާ މޭޒުމަތީގައި ތަފާތު މާ ގިނަ ރަހަތަކެއް ވެސް ނެތީ އެވެ. ނުވަތަ ހުރި ރަހަތަކެއް ވެސް އޭގެ ފުރިހަމަ ގޮތުގައި ބެލުންތެރިންނާ ހަމަ އަށް ގެނެސްދެވިފައެއް ނުވެ އެވެ.

ނަމަވެސް ދިވެހި ފިލްމު ބަލާ "އޯޑިއެންސަކަށް" މި ފިލްމު ވަރަށް ވެސް ސަޅިވެދާނެ އެވެ. އޭގައި ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ މައިންބަފައިން އަބަދު އެމީހުންގެ ދަރިންނަށް ނަގައިދޭން ބޭނުންވާ ފިލާވަޅުތައް ފިލްމުގައި ނަގައިދޭތީ އެވެ. އަނެއް ސަބަބަކީ ސަބަބަކީ ވެސް އެއީ އެވެ.

އަނެއްކޮޅުން މިއީ ދިވެހި ފިލްމަކަށްވީތީ ނުބަލައި ދޫކޮށްލާ ވަރަށް ވުރެން ރަނގަޅު ފިލްމެކެވެ. ވަކިން ހާއްސަކޮށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދިވެހި ސިނަމާ ކުރިއަށް ޖެހެމުންދާ މިންވަރު ތަޖުރިބާކޮށްލުމަށް ބޭނުން ނަމަ މިއީ ބަލަން ރަނގަޅު ފިލްމެކެވެ. ހަގީގަތަކީ ފިލްމު ނިންމާލީ ބެލުންތެރިންގެ ތަރުހީބުގެ "ތާޅަފިއްޔަކުން" ކަމެވެ. އެހެންވީމަ އަދި މިކަހަލަ ރިވިއުއަކަށް ކޮންމެހެން އިތުބާރުކުރާކަށް ވެސް ނުޖެހެ އެވެ.