ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި އޭނާ ޖަވާބު ދާރީވުމަށް 15 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ފާސްކޮށްފި އެވެ.
ގާނޫނުން ރިޒާގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަށް އަދާ ކުރަމުން ނުދާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އޮތީ އެ މައްސަލައިގައި ރިޒާ އަށާއި މެންބަރުންނަށް ވާހަކަދައްކަވާނެ ވަގުތު ކަނޑައެޅުމުގެ މައްސަލައެވެ. އެ މައްސަލާގައި ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު މަރުޒޫގު ހުށަހެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސާލާގައި ކުރިޔަށްދާ އުސޫލުން، ރިޒާއަށް ވެސް ޖަވާބު ދާރީވުމަށް 30 މިނެޓުގެ ވަގުތެއްދީ ބާކީ އޮތް ދޮޅު ގަޑިއިރު މެންބަރުންނަށް ބަހުސް ކުރުމަށް ދިނުމަށެވެ. އެކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގަތް އެހެން މެންބަރުންގެ ތާއީދު ވެސް ލިބިވަޑައިގަތެވެ.
ނަމަވެސް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވީ މީގެ ކުރިން ވެސް އެ މައްސަލާގައި އަމަލު ކުރާ ގޮތަށް ޖަވާބު ދާރީވުމަށް 15 މިނެޓުގެ ވަގުތެއްދީ ބާކީ އޮތް ވަގުތު ބަހުސަށް ހުސް ކުރުމަށެވެ. މީގެ ކުރިން އަމަލު ކުރި ގޮތް ކޮމިޓީގެ މުގައްރިރު އަލީ އާރިފް ވަނީ މެންބަރުންގެ މައުލޫމާތަށްޓަކައި ވިދާޅުވެދެއްވައިފަ އެވެ. އެއީ 2013 ވަނަ އަހަރު ޖޭއެސްސީ އިން ގާސިމް އިބްރާހިމް ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި އަމަލު ކުރެއްވި ގޮތެވެ.
"އެ މައްސަލާގައި ރިޒާ މާ ބައިވަރު ވާހަކަތަކެއް ދައްކާނެހެނެއް ހީނުވޭ، އޭނާ 30 މިނެޓު ވާހަކަ ނުދައްކައިފި ނަމަ އެ ވަގުތު މެންބަރުންނަށް އަނބުރާ ލިބޭނެ ގޮތެއް ނޯންނާނެ، އެހެންވީއާ އެއީ ވެސް އަޅުގަނޑުމެން ވާހަކަދައްކާ ސުވާލުތައް އަހަން ގެއްލޭ ވަގުތު، އަޅުގަނޑު ހުށަހަޅަނީ ރިޒާއަށް 15 މިނެޓު ދިނުމަށް ފަހު ބާކީ ވަގުތު މެންބަރުންނަށް ދޭން،" ފަލާހު ވިދާޅުވި އެވެ.
ފަލާހު އެ ހުށަހެޅުން ހުށަހެޅުމުން މެންބަރުން ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެއާއެކު މަރުޒޫގު ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ. އަދި ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުން އެގޮތަށް ފާސްވި އެވެ.