ދިވެހި ޕްރެމިއާ ލީގް

ދަގަނޑޭ ޓީސީ ލީޑުގައި ދަމަހައްޓައި ދީފި

ގްރީން ސްޓްރީޓާ ދެކޮޅަށް އަލީ އަޝްފާގް ‘ދަގަނޑޭ’ ކާމިޔާބު ކުރި ލަނޑުން، އެއް ވަނައިގައި ޓީސީން ހިފަހައްޓަމުން އަންނަ ލީޑުގައި، އެ ޓީމު ދަމަހައްޓައި ދީފީ އެވެ. ޓީސީ މެޗު ކާމިޔާބު ކުރީ 1-0 އިންނެވެ.

ފުރަތަމަ ބުރުގައި ގްރީން އިން ވަނީ ޓީސީ ބަލިކޮށްފަ އެވެ. މިރޭގެ މެޗުގެވެސް ފުރަތަމަ ހާފުގައި ގްރީންއިން ވަނީ ޓީސީ ހިފަހައްޓާލާފަ އެވެ. ގްރީންގެ ކޯޗް އަލީ ސުޒޭން ބުނީ، މެޗު އެއްވަރު ވިޔަސް ޓީސީއަށް ޕްރެޝަރު ވާނެ ކަމަށެވެ. އެހެންވެ ތަފާތަކަށްވީ ޕްރެޝަރުގައިވެސް ޓީސީގެ ކުޅުންތެރިން މޮޅުވާން ބޭނުން ވެގެން ކުޅުން ކަމަށެވެ. ޢޭނާ ބުނީ ފުރަތަމަ ބުރުގެ މެޗާ ހިލާފަށް ޓީސީ ފެނުނީ މާ އޯގަނައިޒްޑްކޮށް ކަމަށޭވެ. އަދި މެޗުން މޮޅުވުން އެ ޓީމަށް ހައްގުކަމަށް ސުޒޭން ބުންޏެވެ.

މެޗުގެ ލަނޑު ޖެހުމުގެ ކުރިން، ޓީސީގެ ހަމަލާތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ، ގްރީންގެ ކީޕަރު އިބްރާހިމް ލަބާން ‘ލަބޯ’ އެވެ. އޭނާ ވަނީ ގިނަ ބޯޅަތަކެއް ހުއްޓުވާފަ އެވެ.

މެޗުގެ 59 ވަނަ މިނެޓްގައި އަޝްފާގް ލަނޑު ޖެހުމަށް ޓީސީން އުފެއްދި ހަމަލާ ދިފާއު ކުރުމަށް ލަބާން ބުރަ މަސައްކަތެއް ކުރި އެވެ. އޭނާގެ ކޮންޓްރޯލުގެ ދަށަށް ބޯޅަ ނުގެނެވުނަސް އޭނާ ވަނީ ވަރަށް ރަނގަޅަށް ބޯޅައަށް ހުރަސް އަޅައިފަ އެވެ. ޓީސީގެ ހަމަލާ ދިފާއު ކުރުމުގައި ގްރީން އަށް ކާމިޔާބު ނުހޯދުނީ، ލަބާންއަށް ސަޕޯޓް ދިނުމުގައި ގްރީންގެ ޑިފެންސުން ކުރަން ޖެހޭ މަސައްކަތް ނުކުރެވުމުންނެވެ.

މި މޮޅާއެކު ޓީސީ ވަނީ އެއް ވަނައިގައި، އަށް ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އަލުން ފަސް ޕޮއިންޓަށް ލީޑުގެ ފަރަގު ކުޑަ ކުރެވޭނެ އެވެ.