އިދިކޮޅު ބޮޑު ކޯލިޝަނަކާއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރު ފެށުމަަށް މިވަނީ ގާތްގަނޑަކަށް ހަފްތާއަކަށްވެފަ އެވެ. މިމަހުގެ 17 ވަނަ ދުވަހު ހުވާ ކުރެއްވުމަށް އިބޫ ތައްޔާރުވެފައިވާއިރު، ރައްޔިތުން ތިބީ އާ ސަރުކާރާ މެދު ފޮނި އުންމީދުތަކެއްގަ އެވެ. އާ ސަރުކާރުން ގެނެސްދޭނެ ފަސޭހަތަކަށް އެ މީހުން ތިބީ ކެތްމަދުވެ، އިންތިޒާރު ކޮޅުންލައިފަ އެވެ.
އާ ސަރުކާރަކަށް މަރުހަބާ ކިޔުމަށް މުޅި ގައުމު ތައްޔާރުވެފައިވާ އިރު، އިބޫގެ ސަރުކާރު ބައްޓަންވެގެންދާނެ ގޮތާމެދު އަދިވެސް އޮތީ ސުވާލުތަކެކެވެ. ސަރުކާރު ބަދަލުވުމުގެ މަރުހަލާ ހަލުވި ކަމާއެކު ކުރިއަށްދާއިރު، އާ ސަރުކާރު ރުކުރުވާލާނެ ގޮތެއް މިހާތަނަށް އާންމުންނަށް އޮތީ ތިލަނުވެ، ނޭންގުމެއްގެ ތެރޭގަ އެވެ. ނަމަވެސް އިއްޔެ ވަނީ ނުރަސްމީ ގޮތެއްގައި އިބޫގެ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ތިލަވެފަ އެވެ.
ކޯލިޝަން ސަރުކާރު އެކުލަވާލުމުގައި އަމަލީ ގޮތުން އުޅުއްވާ އޮފިޝަލަކު އިއްޔެ "އަވަސް"އަށް ތިލަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި އިބޫ ވެރިކަމަށް ނިކުންނަވާނީ ޖުމްލަ 22 މިނިސްޓަރުންގެ ބިޔަ ކެބިނެޓަކާ އެކު އެވެ. އެއީ އަދި ދައުލަތުގެ ބަންޑާރަ ނައިބު ނުހިމަނަ އެވެ. ބަންޑާރަ ނައިބަކީ ވެސް ކެބިނެޓްގެ މަގާމަކަށް ވާތީ ޔަގީނުންވެސް ވުޒާރާތަކުގެ އަދަދު 23 އަށް ނާރާނެ ގޮތެއް ނެތެވެ. މިއީ އެއްބަޔަކަށް ސަޕްރައިޒްއެކެވެ. ބައެއް މީހުން ފުރަތަމަ ވެސް ސުވާލު ކުރީ އެންމެ ހަތަރު ލައްކަ މީހުންގެ އާބާދީއެއް ބަލަހައްޓަން މިވަރުގެ ގިނަ ފާޓުފުޅާ ވުޒާރާތަކެއް ބޭނުންވޭ ހެއްޔެވެ؟ މިހާރުވެސް ސިޔާސީ މަގާމުތައް ގިނަވެ، ހެޔޮވެރިކަމެއް ނުކުރެވޭ ކަމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި ބޮޑެވެ. ސަރުކާރު މަތިބަރުވެ ރައްޔިތުންގެ ކަންކަމުގައި ފަހަތުފަޔަށް ބުރަވުމަކީ، ނިމުމެއް ނެތް ޝަކުވާއެކެވެ.
އިބޫގެ ސަރުކާރުގައި 22 މިނިސްޓަރުންގެ ކެބިނެޓެއް އެކުލަވާލަނީ އިދިކޮޅު ކޯލިޝަންގެ މައި ހަތަރު ލީޑަރުންގެ ޕާޓީތަކަށް ބައި އަޅައިގެން އެބޭފުޅުންގެ މެދުގައި ހަދާފައިވާ "ޑީލް"ގެ ތެރެއިންނެވެ. ސަރުކާރުގެ ކޭކު ފަޅާފައިވާ ގޮތަށް ބަލާއިރު ކެބިނެޓްގެ 40 ޕަސެންޓް ހިބަކޮށް ދީފައި ވަނީ އެމްޑީޕީއަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭއިރު ޖުމްހޫރީ ޕާޓީއަށް އޮތީ 25 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓް އެވެ. މިއީ ޕާޓީތަކުގެ މެދުގައި ސަރުކާރުގެ ކޭކު ފަޅާފައިވާ ގޮތެވެ.
މިހާރު، ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ތިއްބަވަނީ 15 މިނިސްޓަރުންނެވެ. ޖުމްލަ 22 މިނިސްޓަރުން ހިމެނޭ ގޮތަށް އިބޫގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލާން ނިންމާފައިވަނީ ރައްޔިތުންނަށް އެންމެ ފުރިހަމަޔަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް ވެދާނެ އެވެ. މި ބިޔަ ކެބިނެޓާ އެކު ރައްޔިތުން އެދޭ ހިދުމަތްތައް އިބޫގެ ސަރުކާރަށް ފޯރުކޮށްދެވޭނެ ހެއްޔެވެ؟ އެކަމުން އޮތީ ފައިދާ ހެއްޔެވެ؟ މި ބޮޑު ކެބިނެޓެއް ގޮވައިގެން ނިކުންނަ ސަރުކާރުން ފެންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟
ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބައެއް މިނިސްޓްރީތަކުގެ ދަށުގައި ހުރި ޑިޕާޓްމެންޓްތައް ވެސް ވަކި ވަކި މިނިސްޓްރީތަކެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ޒުވާނުންގެ ވަކި މިނިސްޓަރެއް ހުންނަވާއިރު، ކުޅިވަރު މިނިސްޓަރެއް ވެސް ހުންނަވާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި މިހާރު އޮތް ހެރިޓޭޖް ވަކި މިނިސްޓްރީއަކަށް ހަދާނެ އެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ ވެސް ވަކި މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށްވެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުރި ސިވިލް އޭވިއޭޝަން ފަދަ ޑިޕާޓްމެންޓްތައް ވެސް ވަކިވަކި މިނިސްޓްރީތަކުގެ ގޮތުގައި ކަނޑައަޅަން ކޯލިޝަނުން އޮތީއެއްބަސްވެފަ އެވެ.
އިބޫ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ގިނައިން ދައްކަވަމުން ގެންދިޔަ އެއް ވާހަކަ އަކީ އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ރައްޔިތުންގެ ސަރުކާރަކަށެވެ. އެމަނިކުފާނުގެ ސަރުކާރު ބިނާ ކުރާނީ ރައްޔިތުންގެ ހިޔާލާއެކު ކަމަށެވެ. އެހެން ކަމުން 22 މިނިސްޓަރުން ކެބިނެޓަކުން މި ސަރުކާރުން ރައްޔިތުންގެ އެދޭ ބަދަލުތައް ގެނެސްދެވިދާނެ ހެއްޔެވެ؟ ރައްޔިތުންގެ ހިޔާލާއެއްގޮތަށް ކަންކަން ކުރެވިދާނެ ހެއްޔެވެ؟ ރައްޔިތުންގެ އަޑު އެހޭނެ ހެއްޔެވެ؟ އެކަމާ މެދު އާންމުންގެ މެދުގައި ވެސް ބަހުސް އެބަ އޮތެވެ. ސިޔާސީ މަގާމުތައް ގިނަވުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. މަތިބަރު ސަރުކާރެއް އުފެދި އެކަން އެންމެ ފަހުން ހާޖާނަކަށް ވުމުގެ ފުރުސަތު ވެސް ހަމަ އޮތީ އެވެ.
އިބޫގެ ސަރުކާރު އެކުލަވާލާ ގޮތް އާންމުވުމާ އެކު ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި އިތުރު މިނިސްޓްރީތައް އުފައްދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވުން އިންތިހާއަށް މާބޮޑުވެގެންދާނެ އެވެ. ގިނަ މިނިސްޓްރީތަކެއް އެކުލަވާލި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރި ނުވާނަމަ އެކަމުންވާނެ ފައިދާއެއް ނޯންނާނެ ކަމަށް އެ ހިޔާލުގައި ތިބި މީހުން ދެކެ އެވެ. ބިޔަ ކެބިނެޓެއްގެ ސަބަބުން، ދައުލަތުން ބަޖެޓުން ސިޔާސީ މަގާމުތަކަށް ކުރަން ޖެހޭ ހޭދަ އިތުރުވެ ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހޭދަނުކުރެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނާ އަޑުތައް އަދި މާ ގަދަ އެވެ.
"ގިނަ މިނިސްޓަރުންތަކެއް އިތުރުކޮށް އާމިނިސްޓްރީތަކެއް އުފައްދައިގެން ފައިދާއެއްވާނެ ކަމަކަށް ނުދެކެން، އެއީ މިކަމުގެ ސަބަބުން ވައްކަމާއި ކޮރަޕްޝަނަށް މަގުފައިވެގެންދާނެތީ، ރައްޔިތުންގެ ފައިސާއަށް ބަލަން ޖެހޭ، ގިނަ މިނިސްޓްރީތަކެއްގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުން ބޮޑުވެގެންދާނެ،" އަލަށް ވޯޓްލީ ޒުވާނެއްގެ ހިޔާލު ސޯޝަލް މީޑިއާގައި ބަންޑުން ކުރި އެވެ.
އާ މިނިސްޓްރީ ތަކުގެ ސަބަބުން ހަރަދުވެސް އިތުރުވެގެންދާނެ އެވެ. މިނިސްޓަރުން އިތުރު ކުރުމަކީ ބޭކާރު ހަރަދުތަކެއް އިތުރުވެގެންދާނެ ކަމެއް ކަމަށް ބުނަން ޖާގަ އެބަ އޮތެވެ. އެއީ ކޮންމެ އާ މިނިސްޓްރީއަކަށް އެތައް ބައިވަރު ސިޔާސީ މަގާމުތަކެއް ވެސް ތަރުތީބުވެގެން އަންނާނެތީ އެވެ. އިދާރީ ހަރަދުތައް ވެސް ބޮޑުވުމުގެ ފުރުސަތު އޮތީ އެވެ. ސަބަބަކަށް ވަނީ ކޮންމެ މިނިސްޓްރީއަކަށް އޮފީހެއް ހަދަން ޖެހުމާއި އޮނިގަނޑެއް ތައްޔާރުކޮށް އިދާރީ މުވައްޒަފުންތަކެއް ތަނަށް ނަގަން ޖެހޭތީ އެވެ. ނަމަވެސް އެކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެކަމީ ލިބޭ "ޕްލަސް" ޕޮއިންޓެއް ކަމަށް ބުނާ މީހުން އެބަ ތިއްބެވެ. އެކަމަކު އެ ވަޒީފާތަކަކީ މިހާރެކޭ އެއްގޮތަށް ޕާޓީގެ އެކްޓިވިސްޓުންނަށް ބަހާލެވޭ އެއްޗަކަށް ވެއްޖެ ނަމަ، އެއީ ހަގީގަތުގައި ބޭކާރު ހަރަދެކެވެ.
މި ހުރިހާ ކަމެއް މި ފެށެނީ ކޯލިޝަންގެ ސަރުކާރުގެ ހުރިހާ ޕާޓީތަކެއް ރުއްސަން ޖެހޭތީ އެވެ. އިބޫގެ ސަރުކާރުގެ ބިންގަލަކީ، ބޮޑު ކޯލިޝަނެއް ކަމަށްވާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޯލިޝަންގެ ހުރިހާ ޕާޓީތަކެއް ހިތްހަމަ ޖައްސައިގެން ވެރިކަން ދެމެހެއްޓުމެވެ. އިބޫއަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީވެސް ކެބިނެޓް އެކުލަވާލުމެވެ. މިނިސްޓްރީތައް އިތުރުވީވެސް ސަރުކާރުން ކޯލިޝަންގެ ޕާޓީތަކަށް ބައި އަޅަން ޖެހުމުގެ ސަބަބުން، އެ މީހުން ހިތްހަމަ ޖެއްސުމަށެވެ. ނަމަވެސް ހިޔާލުތަފާތު ޕާޓީތަކުގެ މައްޗަށް އެކުލެވޭ ކޯލިޝަން ކެބިނެޓަކުން އެއްގަލަކަށް އަރައިގެން ސަރުކާރު ހިންގަން ޖެހުމަކީ އިބޫއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
"ލީޑަރުންތައް ޑީލްއެއްގެ ދަށުން ކެބިނެޓް ބަހާލިޔަސް މިކަމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވާނީ އިބޫއަށް، އެއީ ތަފާތު ހިޔާލުގެ ކެބިނެޓެއް އެކުލެވިގެން އަންނާނީ، އެހެން ކަމުން އެއްގަލަކަށް އަރުވައިގެން 22 މިނިސްޓަރުން އެއްބަސް ކުރުވުމަކީ ވަރަށްވެސް ބޮޑު ޗެލެންޖަކަށް ވެގެންދާނީ،" އިބޫއަށް ތާއީދު ކުރާ ބޭފުޅަކު ބުންޏެވެ.
ކޮންމެ ކަމަކަށްވެސް ފާޑު ކިޔުން އަމާޒުވާނެ އެވެ. ނަމަވެސް އެފާޑިއުންތަކާއެކުވެސް މި ސަރުކާރު ކުރިއަށް ގެންދިއުމަށް އިބޫ ހުންނެވީ ހިތްވަރު ކުރައްވަން ތައްޔާރަށެވެ، އާ ސަރުކާރުން 22 މިނިސްޓަރުންގެ ކެބިނެޓް ހަތަރު ޕާޓީއަށް ބަހާލައިގެން އެކުލަވާލާ ސަރުކާރަކުން އޮތީ ފަސޭހަކަމަށް ވެސް ބުނާ މީހުން އެބަ ތިއްބެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކަންކަން އާ ސަރުކާރުން ފުއްދާ ދިނުމުގައި ލުއި ފަސޭހަ ގޮތްތަކެއް އެކުލަވާލެވޭނެ އެވެ. ބޭނުންވަނީ ރަނގަޅު އޮނިގަނޑެކެވެ. މިނިސްޓްރީތައް އިތުރު ވިޔަސް، ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ކޯޑިނޭޓަރުންތައް މަދުކުރެވިދާނެ އެވެ. ގިނަ މިނިސްޓްރީތަކާ އެކު ހަރަދު ބޮޑުނުވެ ހިފެހެއްޓޭނެ ގޮތަކީ އެއީ ކަމަށް އެ މީހުން ދެކެ އެވެ.
"ގިނަ މިނިސްޓްރީތަކެއް އުފެއްދުމިުގެ ސަބަބުން ފައިދާތަކެއް ވެސް އެބަ ހުރި. އެކަމުގެ ސަބަބުން ބައެއް ނިންމުންތައް ނިންމުމުގައި ފަސޭހަވެގެންދާނެ، އަދި ވަކިން ހާއްސަކޮށް ހަތަރު ޕާޓީގެ ކެބިނެޓެއް އޮތުމުން ތަފާތު ހިޔާލުތަކާއެކު ސަރުކާރު ހިންގޭނެ، އެއީ މި ސަރުކާރަށް ލިބިގެންދާނެ އެންމެ ބޮޑު ދުޅަހެޔޮ ކަމަކީ،" ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
އާ ސަރުކާރުގެ ކަންކަން ހަތަރު ލީޑަރުންގެ "ޑީލް"ގެ ދަށުން ކުރިއަށް ގެންދާއިރު، އެ ޑީލްތައް އަދިވެސް ހާމަކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން އާންމުން ގޮވާލަނީ އެ ކަންކަން ހާމަކުރުމަށެވެ. ހަތަރު ޕާޓީ އެކުލެވޭ ކެބިނެޓަކާއެކު 22 މިނިސްޓަރުން އިބޫގެ ސަރުކާރުގެ ނައުގައި ދަތުރު ކުރާނެ އެވެ. ހިޔާލުތަފާތު ފަޅުވެރިންނާއެކު ރައްޔިތުން އެދޭ ބަދަލު އާ ސަރުކާރުން ގެނެސްދެވޭނެ މަންޒަރު ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފަ އެވެ. އެކަމަކު ސުވާލަކީ ރައްޔިތުންގެ ބޮޑެތި މައްސަލަތައް ހައްލުކުރަން މިހާ މަތިބަރު ސަރުކާރަކަށް ހިނގައިގަނެވޭނެ ހެއްޔެވެ؟