ފޮރިން މިނިސްޓްރީގެ ވެރިއަކު އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅުއެޅުމަށް ފޮރިން މިނިސްޓްރީގެ ބައެއް މުވައްޒަފުން މިއަދު ގޮވާލައިފި އެވެ.
މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު ފޮރިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ޓްވިޓާގައި ބުނީ، ވެރިމީހާގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ދިފާއުގައި މިނިސްޓްރީއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަތައް ބަލަން އޮންނަ މިނިސްޓްރީގެ އިންޓާނަލް ކޮމިޓީއަށް އެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ، މައްސަލަ އޮއްބާލީ ކަމަށް ވެސް އެ މިނިސްޓްރީގެ މުވައްޒަފަކު ޓްވީޓްކުރި އެވެ. މީގެ އިތުރުން އަންހެން ކުއްޖާގެ ދިފާއުގައި ވާހަކަ ދެއްކި މުވައްޒަފުންނާ މެދުވެސް، ތުހުމަތު ކުރީ އެހެން މަގުސަދެއް ހާސިލް ކުރަން ވާހަކަ ފަތުރާބައެއްގެ ގޮތުގައި ކަމަށް ވެސް އޭނާގެ ޓްވީޓްގައި ބުނެފައިވެ އެވެ.
"ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވީ މީހުންނަށް މި ނިޒާމުން އިންސާފެއް ނުލިބި އެ މީހުން ދަތިކަންތައްތަކުގެ ތެރޭގައި އުޅެން ޖެހިފައި ވަނީ. މި މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރުމަށް ތުހުމަތުވާ އިސްވެރިއަކު އިސްތިއުފާދޭން ޖެހޭ،" މިނިސްޓްރީގެ މުވައްޒަފަކު ޓްވީޓްކުރި އެވެ.
ކުރީގެ ފޮރިން މިިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީގެ މުވައްޒަފަކަށް އެތަނުގެ އިސްވެރިއަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރާއިރު އެ މައްސަލަ ދެފުށްފެންނަ ގޮތަކަށް ބަލައި އޭގެ ތެދު، ދޮގު ހޯދަން ޖެހޭ ކަމަށެވެ. އަދި އެ ތުހުމަތަކަކީ ތެދަކަށްވާ ނަމަ، އެކަން ކުރި ފަރާތަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެކަމުގެ ޝިކާރައަކަށް ވީ މުވައްޒަފަށް ފުރިހަމަ ރައްކާތެރިކަން ދޭން ޖެހޭ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ އެޑިޝަނަލް ސެކްރެޓަރީ ޗެފްރީ ސާލިމް ވަހީދު އެ ތުހުމަތުތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސީނިއާ ޑިޕްލޮމެޓެއްގެ ހައިސިއްޔަތުން އޭނާއަށް ކަމެއް ނުކޮށްދެވިދާނެ ކަމަށާއި ނަމަވެސް އޭނާ އަމިއްލަ ހައސިއްޔަތުން އެ މުވައްޒަފުގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ.