ހަބަރު

އިސް ވެރިއަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް އެބަ ބަލަން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގެ އިސް މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންދާކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފޮޮރިން މިނިސްޓްރީއިން އެގޮތަށް ބުނީ އެ މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ މީޑިޔާގައި މިއަދު ހަބަރުތައް އާންމުވުމާ ގުޅިގެން އެވެ.

ފޮރިން މިނިސްޓްރީއިން ނެރެނު ބަޔާނުގައި ބުނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން އެ މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް މިއަދު ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، އެ ކޮމިޓީއިން އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައަށް އެއްވެސްޖާގައެއް ނުދޭނެ ކަމަށެވެ. މިިނިސްޓްރީއިން ބުނީ އެ ތަނުގެ އެންމެހާ މުވައްޒަފުން ޖިންސީ ފުރައްސާރައިން ރައްކާތެރިކުރުމުގެ ގޮތުން، މިނިސްޓްރީގައި ގާއިމްކޮށްފައިވާ އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ އުސޫލު ހަރުދަނާ ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައަކީ މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެކެވެ. އެ މައްސަލަ ފެންމަތިވުމާ އެކު ފޮރިން މިނިސްޓްރީގެ ބައެއް މުވައްޒަފުން ޓްވިޓާގައި ބުނީ، ވެރިމީހާގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ދިފާއުގައި މިނިސްޓްރީއިން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އަދި މައްސަލަތައް ބަލަން އޮންނަ މިނިސްޓްރީގެ އިންޓާނަލް ކޮމިޓީއަށް އެ މައްސަލަ މީގެ ކުރިން ހުށަހެޅި ނަމަވެސް އެ މައްސަލައިގައި ހެކި ނެތް ކަމަށް ބުނެ، މައްސަލަ އޮއްބާލީ ކަމަށް ވެސް އެ މިނިސްޓްރީގެ މުވައްޒަފަކު ޓްވީޓްކުރި އެވެ. މީގެ އިތުރުން އަންހެން ކުއްޖާގެ ދިފާއުގައި ވާހަކަ ދެއްކި މުވައްޒަފުންނާ މެދުވެސް، ތުހުމަތު ކުރީ އެހެން މަގުސަދެއް ހާސިލް ކުރަން ވާހަކަ ފަތުރާބައެއްގެ ގޮތުގައި ކަމަށް ވެސް އޭނާގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އެމައްސަލައާއި ގުޅިގެން ކުރީގެ ފޮރިން މިިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.