ހަބަރު

ހިޔަލީ ރަޝީދު އެމްޑީޕީއަށް ސޮއިކޮށްފި

ޕީޕީއެމްގެ ރަޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ރަޝީދު (ހިޔަލީ ރަޝީދު) އެމްޑީޕީއާއި ގުޅިވަޑައިގެންފި އެވެ.

ރައީސް އަބުދުﷲ ޔާމީންގެ ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ހިޔަލީ ރަޝީދު ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރެއްގައިވެސް ފުރިހަމަ ކުރައްވާފައެވެ. ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ނަމަވެސް ރިޔާސީ އިންތިހާބުގެ ދުވަސްވަަރު ރަޝީދު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއިދު ކުރައްވާ ކެމްޕެއިން ކުރައްވާފަ އެވެ.

މިއަދު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކެފޭގައި އޮތް މެންދުރުގެ ފަރިއްކޮޅަކަށްފަހު، ހިޔަލީ ވަނީ އެމްޑީޕީއަށް ސޮއި ކުރައްވާ، އެ ފޯމް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަރުވާފައެވެ. އެ ފަރިއްކޮޅުގައި އެމްޑީޕީގެ އިސްވެރިންނާއި، ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ހިޔަލީ ވަނީ މި ސަރުކާރުގައި އެލައިޑް އިންޝޫރޭންސްގެ ޗެއާމަންގެ މަގާމުވެސް އަދާކުރައްވާފަ އެވެ.