ރީކޯ މޫސާ މަނިކު

މޫސައަށް އިބޫ އޯކޭ، ނަޝީދާއި މައުމޫންއަށް ހޯހޯ!

ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު ހުންނެވި ޕާޓީއެއްގައި މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މިހެން ވިދާޅުވީ "އަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުގަ އެވެ. މޫސަ އެހެން ވިދާޅުވީ އޭނާ މިހާރު ހުންނެވި ޕީޕީއެމްއިން އަލުން ރައީސް މައުމޫންއަށް ލިބެން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތީ އެވެ.

"އަޅުގަނޑަށް ޕާޓީއެއް ތެރޭގައި ރައީސް މައުމޫންއާއެކު ނޫޅެވޭނެ، އެއީ ދެން އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން،" މޫސަ ވިދާޅުވި އެވެ.

ސިޔާސީ މަސައްކަތް ރައީސް މައުމޫންއާއެކު ނުކުރެއްވި ނަމަވެސް އޭނާގެ ހިތުގައި މިހާރު އެމަނިކުފާނާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވެސް ޖަލުގެ އަނިޔާވެރިކަން ތަޖުރިބާކޮށްފި ކަމަށާއި ގަބޫލު ކުރައްވާ ގޮތުން ހުންނަވާނީ ތައުބާވެފަ ކަމަށް މޫސަ ވިދާޅުވި އެވެ. އެހެންވެ ދެން އިތުރަށް ރައީސް މައުމޫންއަށް އެއްޗެއް ނުކިޔާނެ ކަމަށެވެ.

މޫސަ ވިދާޅުވި ގޮތުގައި ރައީސް މައުމޫންއެކޭ އެއްފަދައިން ރައީސް ނަޝީދާއެކު ވެސް އޭނާ ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. ރައީސް ނަޝީދާމެދު ވެސް ޒާތީ މައްސަލައެއް ނެތް ކަމަަށާއި ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތައް ބަލައިނުގަނެވޭ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ އާއި ރައީސް ނަޝީދަކީ އެމްޑީޕީގެ ލީޑަޝިޕްގައި ވަރަށް އެކީގައި އިސްކޮށް އުޅުއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ފަހުން ހިޔާލު ތަފާތުވެ މިހާރު އެއީ ސިޔާސީ ދެ ވާދަވެރިންނެވެ.

މޫސަ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތެރެއިން މީހުން ނުކުނަން ޖެހުނީ "ތިމާ އަމިއްލައަށް އައިއޭމް ދަ މޭން" އެ ވިސްނުން ރައީސް ނަޝީދުގައި ހުންނަވާތީ އެވެ. މިހާރު ވެސް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ސަރުކާރެއް އުފެއްދުމަށް އެހީވުމުގެ ބަދަލުގައި އިބޫއަކީ އެމަނިކުފާނުގެ "ބޯއީއެއް" ކަމަށް ދައްކަން މަސައްކަތް ކުރާ ކަމަށް މޫސަ ވިދާޅުވި އެވެ.

"މިއަދު ނަޝީދު ކުރައްވަން ޖެހޭ ކަންތައްތައްތޯ އެ ކުރައްވަނީ، ތަންތަނަށް ވަޑައިގެން އަތް ހޫރުވާ، ދެ ވެރިން އުޅޭ ގޮތަށް މިއުޅެނީ، އެކަމަކު ހޮވިވަޑައިގެންފަ ހުރީ އިބްރާހިމް މުހައްމަދު ސޯލިހު، މަސައްކަތް އެ ކުރައްވަނީ ސަރުކާރެއް ގާއިމް ކުރަން، އިހަށް ރައީސް ނަޝީދު މަޑުކޮށްލަންވީ ނޫންތޯ ސަރުކާރެއް ގާއިމުވެ ހަމައަކަށް އެޅެންދެން،"

އަޅުގަނޑަށް ޕާޓީއެއް ތެރޭގައި ރައީސް މައުމޫންއާއެކު ނޫޅެވޭނެ، އެއީ ދެން އަޅުގަނޑު ކުރަން ބޭނުންވާ ކަމެއް ނޫން
މޫސާ މަނިކު -- މަޖިލީހުގެ ނައިބު ރައީސް

ފިލްމީ ދާއިރާއިން ބޮޑު މަޝްހޫރު ކަމެއް ހޯދައިގެން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި މޫސަ ވިދާޅުވި ގޮތުގައި އިބޫއަކީ އޭނާގެ ގާތް އެކުވެރިޔެކެވެ. އުފެދިގެން އަންނަ އެމަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރައްވަނަންތޯ މޫސައާ ސުވާލު ކުރެއްވުން ސީދާ ޖަވާބެއް ނުދައްވަ އެވެ. ނަމަވެސް އިބޫގެ ސަރުކާރަށް ވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅެއް ނުވެ އެވެ.

"އެކަހަލަ ކަމެއް އަޅުގަނޑު ކުރާން އުޅެންޏާ އަންގާލަން،" އެ ސުވާލަށް މޫސަ ދެއްވީ މި ޖަވާބެވެ.

މޫސަ ވިދާޅުވިީ ކޯލިޝަންގެ ތެރެއިން، ހާއްސަކޮށް ރައީސް ނަޝީދުގެ ފަރާތުން ބޮޑެތި އުނދަގޫތައް އިބޫގެ ވެރިކަމަށް ކުރިމަތިވާނެ ކަމަށާއި ނަމަވެސް އިބޫއަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށެވެ. މިހާރު ރާއްޖޭގައި ހުންނެވި އެންމެ މަޝްހޫރު ބޭފުޅަކީ ވެސް އިބޫ ކަމަށް މޫސަ ވިދާޅުވި އެވެ.

"އިބޫ ވަރަށް މޮޅުވާނެ، އަޅުގަނޑަށް އިބޫ އެނގޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެންނެވުނީ އެމަނިކުފާނުގެ މަސައްކަތަކުން ނޫން ކަމަށާއި އެކަން އެގޮތަށް ހާސިލްވީ އިބޫގެ ހިތްވަރުންނެވެ.