ރީކޯ މޫސާ މަނިކު

މޫސަގެ ސިޔާސީ މުސްތަގުބަލާ މެދު ކަންބޮޑުވެފައި

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު، އޭނާގެ ދާއިރާ އުވާލާފައިވާތީ، ސިޔާސީ ހަޔާތާއިމެދު ކަންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ހުޅުހެންވޭރު ދާއިރާއަށް މޫސަ ކެމްޕެއިން ނުކުރައްވާ ކަމަށް ވިދާޅުވެ، "އަވަސް ހުކުރު"ގައި ނޫސްވެރިޔާ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މޫސަ ވިދާޅުވީ، ކެމްޕެއިން ނުކުރަނީ އޭނާގެ ދާއިރާ އުވާލާފައިވާތީ ކަމަށެވެ.

"ނުކުރާނެ އެންނު ދާއިރާ އުވާލައިފި، އަޅުގަނޑު މިހާރު މިހުރީ ވަރަށް ކަންތައް ބޮޑުވެފަ، އަޅުގަނޑުމީ އެދާއިރާއަށް އުފަން ފުރަތަމަ މެންބަރު، އިއްޔެ އީސީ އިން ނިންމުންތައް ނިންމައި ނެރެނުއިރު ދާއިރާވެސް ނެތީ، އަޅުގަނޑު ހުޅުހެންވޭރު ދާއިރާއަށް ދެފަހަރު ހޮވުނީ، އަޅުގަނޑަކީ ހެންވޭރު މީހެއް އަޅުގަނޑު ދަންނަމީހުންނާއި ރައްޓެހިން ވަރަށް އޮންނާނެ، އަދިވެސް އެވޯޓް އަޅުގަނޑަށް ލިބޭނެ، ނަމަވެސް ދާއިރާ މިހާރު އިން ހިސާބެއް ނޭންގެ، އެޖެހޭނީ އަލުން ބަލަން." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ލާނެ ވަކި ދާއިރާއަކާމެދު ނުވިސްނާ ކަމަށާއި މަޖިލީހަށް ކުރިމަތިލުމާމެދުވެސް އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދި ވިދާޅުވީ، އިބޫގެ ސަރުކާރުން ވަޒީފާއެއް އަދި ހުށަހަޅައިފިނުވާ ކަމަށާއި ނަމަވެސް ހުށަހަޅައިފިނަމަ އެކަމާމެދު ގޮތެއް ނިންމައި ހާމަކުރައްވާނެ ކަމަށެވެ.

މޫސަގެ ދާއިރާ އަކީ ހުޅުހެންވޭރެވެ. އިލެކްޝަން ކޮމިޝަން، އީސީ އިން ވަނީ އަންނަ ދައުރުގައި ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހުޅުމާލެ ވަކިކޮށް އެދާއިރާ ވަނީ ހުޅުމާލެ ދާއިރާގެ ނަމަށް ބަދަލު ކޮށްފަ އެވެ. މީގެ އިތުރުން މަޖިލީހަށް ދެ ދާއިރާއެއް އިތުރު ކުރަންވެސް އީސީ އިން ވަނީ ނިންމާފަ އެވެ. މުޅިން އަލަށް އިތުރުކޮށްފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޯޅި މެދު ދާއިރާ އެވެ. އެދެދާއިރާއާއެކު މަޖިލީހުގެ ޖުމްލަ 87 ދާއިރާ ހިިމެނޭނެ އެވެ. އީސީއިން ނިންމާފައި ވަނީ މާޗްމަހުގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ.