ރީކޯ މޫސާ މަނިކު

އެމްޑީޕީގެ އެއްވެސް މަގާމަކަށް ވާދަކުރަން މޫސައަށް ފުރުސަތެއް ނުދިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެއްވެސް މަގާމަކަށް ވާދަކުރުމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކަށް ފުރުސަތު ނުދޭން ނިންމައިފި އެވެ.

މޫސަ މަސައްކަތް ކުރެއްވީ އެމްޑީޕީގެ މާލެ ސިޓީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށެވެ. މި މަގާމަށް ކުރިމަތިލެއްވުމަށް މޫސަ ފޯމު ހުށަހެޅުއްވުމުން އޭނާއަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެއްވޭނެ ކަމަށް ވަނީ އެމްޑީޕީން ވަނީ މޫސައަށް ޖަވާބު ދީފަ އެވެ.

އެމްޑީޕީން މޫސައަށް ދިން ޖަވާބުގައިވާ ގޮތުން އޭނާއަށް ފުރުސަތު ނުދިނީ ޑިސެމްބަރު 22، 2014 ގައި އޭނާ އެމްޑީޕީން ވަކިކުރިއިރު ނިންމާފައިވާ ނިންމުމެއްގެ ސަބަބުންނެވެ. އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީން އޭރު ނިންމާފައިވަނީ މޫސަ، އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ކުރިއަށް ހިނގާ ފަސް އަހަރު ދުވަހަށް އެ ޕާޓީގެ އެއްވެސް މަގާމަކަށް ވާދަކުރުމަށް ފުރުސަތު ނުދިނުމަށެވެ.

އެމްޑީޕީން މޫސަ ވަކިކޮށްފައި ވަނިކޮށް އޭނާ އެ ޕާޓީއާ އަލުން ގުޅިވަޑައިގަތީ ނޮވެމްބަރު 9، 2022 ގައެވެ. އެހެންވެ މޫސަ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފަހުން އަދި ފަސް އަހަރު ނުވާތީ އޭނާގެ ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށް އެމްޑީޕީން ވަނީ މޫސައަށް އަންގާފަ އެވެ.

އެމްޑީޕީން 2014 ވަނަ އަހަރު މޫސާ ވަކިކުރީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ވިޕްލައިނާ ހިލާފަށް މޫސަ ވޯޓު ދެއްވި މައްސަލައިގައެވެ.

އެމްޑީޕީގެ ރައީސްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ހުންނެވިއިރު އެމްޑީޕީގެ އެއްވެސް މަގާމަކަށް ވާދަކުރަން މޫސައަށް ފުރުސަތު ނުދޭން ނިންމާފައި އޮތް އޮތުން އެމްޑީޕީގެ މިހާރުގެ ލީޑަޝިޕުން ދެމެހެއްޓިއިރު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭންގައި މޫސަ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.