ރީކޯ މޫސާ މަނިކު

މައްސަލަ ބަލަން ހުރަސްއަޅާނަމަ އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކާ

މައްސަލަ ތަހުގީގު ކުރަން މަޖިލީހުން ހުރަސް އަޅާނަމަ ޑިމޮކްރަސީ އާއި ހައްގުތަކުގެ ވާހަކަ ދެއްކުން ހުއްޓާލަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު މޫސާ މަނިކު، އެމްޑީޕީއަށް ގޮވާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.

އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުންތައި ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވި އެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ހަމަނުޖެހުމުގެ އެ މައްސަލަ އިންސާފުވެރިކަމާއެކު ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އިމްރާނަށް ރައްދެއް ދެއްވާފަ އެވެ.

އިމްރާން ލީޑް ކުރައްވައި އާދަލަތު ޕާޓީއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް އެ ޕާޓީއަށް ނުލިބޭ ކަމަށާ އެހެން ކަމުން މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް ވެންނެވުމުގެ ވިސްނުން ގެންގުޅުއްވައިގެން ނުވާނެ ކަމަށް ހަސަން ވަނީ ވިދާޅުވެފަ އެވެ.

ހަސަންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ މަނިކު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. ނައިފަރު ދާއިރާގެ ރައްޔިތުން އެ މީހުންގެ މެންބަރަށް އިންސާފު ހޯދުމަށް އަޑު އުުފުލަމުން ދާއިރު މައްސަލަ ތަހުގީގު ކުރަން މަޖިލީހުން ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ. މޫސަ ވިދާޅުވީ އެ މައްސަލަ ބެލުމަށް މަޖިލީހުން ހުރަސް އަޅާނަމަ ޑިމޮކްރަސީއާއި ހައްގުތަކުގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވި ވާހަކަތައް ދިފާއުގެ އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ. އަދި މެންބަރު ހަސަން ލަތީފަށް ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

ހަސަން ލަތީފުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޝިދާތާ ވިދާޅުވީ އަދާލަތު ޕާޓީގެ ގޮނޑިއެއް މަޖިލީހުގައި ނެތް ނަމަވެސް އަދި އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއަކަށްވީ ނަމަވެސް ކޮންމެ ފަހަރަކު ވެސް ވެރިކަމަށް އަންނަން ބޭނުންވާ ވޯޓްކޮޅު ހަމަކޮށް ދެނީ އެ ޕާޓީން ކަމަށެވެ.

"މިއަދު މާ ބޮޑު، ބިޔަ ޕާޓީތަކުން އެކަން ހަނދާން ނެތިގެން އުޅުނަސް." އެމްޑީޕީއަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ މަޖިލީހުގައި ހިނގައި ދިޔަ ކަންކަމުގެ ތެރެއަށް އިމްރާން ވެންނެވީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ނޫން ކަމަށާ އެކަން ކުރައް ވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި އެއީ އިމްރާނާ ހަވާލުވެފައިވާ ގާނޫނީ މަސްއޫލިއްޔަތެއް ކަމަށެވެ.

"މަޖިލީހުގެ މެންބަރުކަން ކުރައްވާއިރު އަދި ބޮޑު ބިޔަ ޕާޓީގެ ޗެއާޕާސަން ކުރައްވާނީ މިވަރު ދަންނަ މީހުން،" ހަސަން ލަތީފަށް އިޝާރާތް ކުރައްވާ ޝިދާތާ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދުވެސް ވަނީ ޝިދާތާއަށް ޓެގް ކުރައްވާ ރައްދެއް ދެއްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅވީ އަދާލަތު ޕާޓީއަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕަސަން ކަން ކަމާ އެއްޗެހި ވިދާޅުވުމުން އެ ދެއްކެވި ވާހަކައެއް އަޑު އެއްސެވުން ބުއްދިވެރި ކަމަށް ވިދާޅުވެފައި ވެއެވެ.

"އަދާލަތު ޕާޓީއަށް އަޅުގަނޑު ފުރައިދިން ފޯމް މަދެއް ނުވާނެ، އަދި އޭޕީގެ މުޝްތަޝާރަށް މިކަން އެނގިވަޑައިގަންނަވާނެ." ޝިދާތާއަށް ޓެގް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.