ހަބަރު

ފްލެޓް ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރަން ފަށައިފި

ސަރުކަރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރަން ފަށައިފި އެވެ.

ފްލެޓް ލިބުނު ފަރާތްތަކަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކުރަން ފަށާފައިވަނީ މިއަދު އެވެ. އޭގެ ތެރެއިން މިއަދު ދޫކޮށްފައިވަނީ ނަރުހުންނާއި ޓީޗަރުންނަށެވެ. އަދި އާ ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ހުރިހާ ފަރާތްތަކަށް ލިޔުން ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފްލެޓް ލިބޭނެކަން އިއުލާން ކޮށްފައިވަނީ 10 ކެޓަގަރީ އެއްގެ ލިސްޓެވެ. އެ ކެޓެގަރީތަކަކީ ސިވިލް ސާވިސްގެ ތިން ކެޓެގަރީއާ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީއާ ޓީޗަރުންގެ ކެޓަގަރީއާ އެކަނިވެރި މައިންނާއި ބަފައިގެން ކެޓެގަރީއާ 18 އަހަރާއި 40 އަހަރުުގެ ކެޓަގަރީއާ މާލެ ރަށްވެހިންގެ ކެޓަގަރީއާ ދަފްތަރު ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އިތުރުން ބައެއް ރަށްރަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް ވެސް ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫއިންނާއި ގދ. ތިނަދޫއިންނާއި ގދ. ގައްދޫއިންނާއި ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީއިން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.