ހަބަރު

ނުހައްގުން ފްލެޓް ދީފައިވިޔަސް އަތުލާކަށް ނޭދެން: ނަޝީދު

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން ބައެއް ފަރާތްތަކަށް ނުހައްގުން ފްލެޓް ދީފައިވީ ނަމަވެސް އެފަރާތްތައް އެތަނުން ނެރެ އެހެން ބަޔަކަށް ފްލެޓްތައް ދިނުމަށް ނޭދޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، ހއ. އަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ކުރެއްވި ބައްދަލުވުމެއްގައި އެރަށުގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ބޭއިންސާފުން ބަޔަކަށް ދީފައިވާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ބޭއިންސާފުން ބަޔަކަށް ފްލެޓްދީފައިވީ ނަމަވެސް އެފަރާތްތަކުގެ އަތުން ފްލެޓް އަތުލުމަށް ނޭދޭ ކަމަށެވެ. އޭގެ ބަދަލުގައި އަލުން ފެލްޓް އެޅުމަކީ އެކަމަށް އޮތް ހައްލު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް، އިންސާފަށް ވިޔަސް، ބޭއިންސާފަށް ވިޔަސް އެތާ ތެރޭގައި އުޅެނީ ހަމަ ދިވެހިން، އެ މީހުން އެތަނުން ނެރެފައި، އެތަން އެހެން މީހަކަށް ދިނުމުގެ ހިތެއް އަޅުގަނޑުގެ ގައިމު ނެތް. އެހެންވީމަ [ފްލެޓުތައް] އަލުން ހަދަން ޖެހޭނީ، އަލުން އަޅަން ޖެހޭނީ، ގޯސްކޮށް ދެވިފައި އޮތަސް ވެސް، އެ އޮތީ އެގޮތަށް ގޯސްކޮށް، އެކަމަކު އެ އޮތީ ދެވިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ފްލެޓު ދޫކުރުމުގައި އިންސާފުން ބޭރުން އެއްވެސް އަމަލެއް ހިންގާފައިވާ ނަމަ އާ ސަރުކާރުން އެކަން ބަލާނެ ކަމަށް އިބޫ ވިދާޅުވެފައިވާ ކަމަށެވެ. އަދި އާ ސަރުކާރުން އެކަމަށް ސަމާލުވެ ތިބޭނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"ފްލެޓުތަކުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދެވިޔަސް މިއީ އަލުން ބެލޭނެ ކަންކަން، އިންސާފުން ބޭރުން އެއްވެސް ފްލެޓެއް ދިނަސް އެ މައްސަލަތައް ވެސް ބެލޭނެ،" މާރިޔާ ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ދިއްދޫގައި 250 ހައުސިން ޔުނިޓް ގާއިމްކޮށްފައިވެއެވެ. އޭގެ ތެރެއިން 140 ހައުސިން ޔުނިޓް ކުރިން ދޫކޮށްފައިވާއިރު، އޭގެ ތެރެއިން ބާކީ ހުރި ފްލެޓްތައް ދޫކޮށްފައިވަނީ މިއަހަރުގެ މެދު ތެރޭގައި އެވެ. އެހައުސިން ޔުނިޓްތައް ދޫކޮށްފައިވަނީ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 19،000 ރުފިޔާ އަދި 20 އަހަރު ދުވަހުން ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން މަހަކު 2500 ރުފިޔާ ދައްކާ ގޮތަށެވެ.