ރައީސް މުހައްމަދު ނަޝީދު

ނަޝީދު ކެމްޕޭން އުތުރަށް: ފުރަތަމަ ރަށަކީ ހޯރަފުށި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގެ ކެމްޕޭނަށް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައި ފުރަތަމަ ރަށަކަށް ހޯރަފުށްޓަށް ވަޑައިގެންފި އެވެ.

ހޯރަފުށިން ރައީސް ނަޝީދަށް މަރުހަބާ ދެންނެވި ބޭފުޅުންގެ ތެރޭގައި އެރަށުގެ ބައެއް ކައުންސިލަރުންވެސް ހިމެނެ އެވެ. ހޯރަފުށްޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެއް ރަށެއްގައި އެންމެ ގިނަ މަޝްރޫއު ހިންގަމުންދާ ރަށެވެ.

އެންމެ އުތުރުގެ ތިން އަތޮޅަކަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވާ އެމަނިކުފާނުގެ ސިޔާސަތުތައް އޮޅުންފިލުއްވައިދެއްވާނެ އެވެ.

ތިލަދުންމައްޗަށް ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅުގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި މިރޭ ހއ. ދިއްދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ޖަލްސާ އޮންނާނީ މިރޭ 8:00ގައި ދިއްދޫ ބަނދަރު ދެކުނު ސިޑި ސަރަހައްދުގަ އެވެ.

ރައީސް ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވާ ވަކިވަކި ރަށްތަކުގެ މައުލޫމާތު އަދި ކެމްޕޭން ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ސަޕޯޓަރުންނާ ރޭ ސަލްޓަން ޕާކްގައި ބައްދަލުކުރައްވާފަ އެވެ. މިޖަލްސާގައި ރައީސް ނަޝީދު ވަނީ މީގެކުރިން ދުވަހަކުވެސް އެމަނިކުފާން، ރައީސް ސޯލިހަށް ފާޑު ވިދާޅުނުވާ ވަރަށް ފާޑު ވިދާޅުވެ މަލާމާތް ވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މި ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ ކެމްޕޭން ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 28 ވަނަ ދުވަހު އެވެ.