އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީގެ ޝަރީއަތް ފަސްކޮށްފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު ފަށަން ހަމަޖެހިފައި އޮތް ޝަރީއަތް އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ތިން ފަރާތަކުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ތިން ފަރާތުން ވެސް އެއް މައްސަލައެއް ހުށަހަޅާފައިވުމާ ގުޅިގެން އެ ކޯޓުން ބަލައިގަތީ އޭގެ ތެރެއިން އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ.

މި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީން 39،000 މެމްބަރުން ވަކިކުރިއިރު، ވަކި ކުރުމުގައި މެމްބަރުންނާ މެދު ފިޔަވަޅު އެޅީ އެކަމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

މީގެ އިތުރުން މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ގެއްލޭގޮތަށް ބޭއްވި އިންތިހާބެއް ސައްހަ ނުވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އެ ޕާޓީގެ މައްޗަށް އަމަރުކުރުމަށް މައްސަލައިގައި ވަނީ އެދިފަ އެވެ.

ޕޮލިސް ބޯޑުގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ވެސް މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް މި މަހުގެ 17 ވަނަ ދުވަހު ވަނީ ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފަ އެވެ. އަދި އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ވެސް ރައީސް ސޯލިހަށް ދީފަ އެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހް ވަނީ ތަފާތު ހިޔާލުތައް އެއް ފަރާތްކޮށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފަ އެވެ. ނަމަވެސް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ގެންދަވަނީ އެމްޑީޕީގައި ތިއްބަވައިގެން ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.