އެމްޑީޕީ

އެމްޑީޕީގެ ޕްރައިމަރީ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ އަލީ އަމްޖަދު ކިޔާ މީހަކު އެވެ.

ދައުވާ ހުށަހެޅި ފަރާތަކީ މި މައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު ނެތް ފަރާތެއް ކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ.

މައްސަލައިގެ މީގެ ކުރިން އޮތް ޝަރީއަތެއްގައި އެމްޑީޕީން ވަނީ އަލީ އަމްޖަދަކީ އެ ޕާޓީގެ މެންބަރެއް ނޫން ކަމަށާއި އެހެންކަމުން މައްސަލަ ނުބެލޭނެ ކަމަށް ބުނެފަ އެވެ.

އަލީ އަމްޖަދު އެމްޑީޕީން ވަކިކުރީ މި މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ކަމަށާއި އެހެންކަމުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އަލީ އަމްޖަދުގެ ދިފާއީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވަނީ މައްސަލައިގެ މީގެ ކުރިން އޮތް ޝަރީއަތެއްގައި ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައިގެން ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. ޕްރައިމަރީގައި ރައީސް ސޯލިހަށް 61 ޕަސަންޓް -- 24،572 ވޯޓު ލިބިވަޑައިގެންނެވި އެވެ. ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓު -- 39 ޕަސަންޓެވެ.

އެމްޑީޕީގެ ޕްރައިމަރީއަށްފަހު ރައީސް ނަޝީދު ގެންދަވަނީ ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެމްޑީޕީން އަދި އެމަނިކުފާނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.