ހދ. ދިއްދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 75 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓާ ޖެނަރަލް އަހްމަދު ވިޝާން ނަސީމު އެވެ. އެސްޖޭގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު އެވެ.
އެސްޖޭ އިން އަމިއްލައަށް ހައުސިން ޔުނިޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކުރާ ގޮތަށް ހަވާލުކޮށްފައިވާ މިމަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ. މަޝްރޫއުގެ އަގަކީ 120.4 މިލިއަން ރުފިޔާ އެވެ.
މިމަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ދިއްދޫގައި އަޅަނީ ދެ ބުރިއަށް އިމާރާތް ކުރާ 700 އަކަފޫޓުގެ 75 ރޯހައުސް ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނެ އެވެ.
މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ ކަމަށާއި އަދި މުނިފޫހިފިލުވާލުމަށް ޕާކަކާއި އަދި ވެހިކަލް ޕާކް ކުރުމަށްވެސް ހާއްސަ ތަނެއް ހެދުމަށް ނިންމާފައިވެ އެވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
- ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
- ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
- ފުވައްމުލައް - 200 ހައުސިން ޔުނިޓް
- ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
- ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
- ލ. ގަން - 100 ހައުސިން ޔުނިޓް
- ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
- ސ. ފޭދޫ - 75 ހައުސިން ޔުނިޓް
- ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
- އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
- ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
- ނ. މަނަދޫ - 40 ހައުސިން ޔުނިޓް
- ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
މިރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ. އެކަމަކު މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން ހާމަކުރަމުން ގެންގޮސްފައެއް ނުވެ އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.
ސަރުކާރުން ހައުސިން ޔުނިޓް އަޅަން ނިންމާފައިވާ ރަށްތަކުގެ ތެރެއިން ދިއްދޫ އަކީ އެ މަސައްކަތް ބަޔަކާ ހަވާލުކުރި ހަވަނަ ރަށެވެ. މީގެކުރިން ވަނީ ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ޅ. ހިންނަވަރު، ލ. ގަން އަދި ގއ. ވިލިނިގިލީގައި އަޅާ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފަ އެވެ.